.
ކުޅުދުއްފުށީ އަމީނީމަގުގައި ގާ އެތުރުމުގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލުން ފެށޭނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނެފި އެވެ.
އަމީނީމަގުގައި އަތުރަން ބޭނުންވާ ގާ ނުލިބުމުގެ ސަބަބުން ހުއްޓިފައިވާ އެ މަޝްރޫޢާބެހޭ ގޮތުން އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި، އަމީނީމަގުގައި އަތުރަން ބޭނުންވާ ގަލުގެ ފުރަތަމަ ސްޓޮކް ކުޅުދުއްފުއްޓަށް ގެންދާނެ ކަމަށެވެ. ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެސޯސިއޭޓް ޝިޕިންގެ ފަރާތުން ގެންނަ ގަލުގެ ދެވަނަ ސްޓޮކް އޮކްޓޯބަރ މަހު ލިބޭނެ ކަމަށް ނަޒީމް ވިދާޅުވި އެވެ.
އެމްއާރުޑީސީ ގެ އެމްޑީ ވިދާޅުވީ، އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިގަތުމަށްޓަކައި އެމަސައްކަތަށް ބޭނުންވާ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ކުރިން އަމީނީމަގުގެ މަސައްކަތް ގާ ނުލިބިގެން ހުއްޓާލަން ޖެހުމުން އެކުންފުނީގައި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި ގިނަ ބަޔަކު ވަޒީފާއިން ވަނީ ވަކިވެފައި އެވެ.
މީގެ އިތުރުން ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މަގުގެ ދެފަރާތުގައި ހަދާފައިވާ ކާނު ލައިނުގައި ވެލި ތާށިވެފައިވާ ކަމަށާއި އެ ލައިންތައް އެއްކޮށް ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އިބްރާހީމް ނަޒީމް ވިދާޅުވި އެވެ.
އިބްރާހީމް ނަޒީމް ވިދާޅުވީ މިއަހަރުގެ ތެރޭގައި މުޅި މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
“ރައީސް ވަހީދު ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި ވެސް ވިދާޅުވެފަ އެބަވޭ މިއަހަރު ތެރޭ މަގުގެ މަސައްކަތް ނިމޭނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ޑިސެމްބަރ މަހުގެ ކުރީކޮޅު މިމަސައްކަތް ނިމޭނެ ކަމަށް.” ނަޒީމް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލުން އަމީނީމަގު ހެދުމުގެ މަސައްކަތަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާ ނަޒީމް އިތުރަށް ވިދާޅުވީ އެކުންފުންޏަށް ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
އެމްއާރުޑީސީ އިން އަމީނީމަގުގެ މަސައްކަތް އަލުން ފަށާއިރު މީގެ ކުރިން އެމަސައްކަތް ހުއްޓާލިއިރު މަގުގެ ދެފަރާތުގައި ކާނުތައް ލެވި ޕޭވްމަންޓްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އަދި މަސައްކަތް ހުއްޓާލަންޖެހުނު އިރު ދެފަހަރެއްގެ މަތިން ބިޑަށް ލައިގެންވެސް އެމްއާރުޑީސީ އަށް ގާ ފޯރުކޮށްދޭނެ ފަރާތެއް ވަނީ ލިބޭގޮތް ނުވެފައި އެވެ.
ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މިމަޝްރޫޢުގައި އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަމައެކަނި އަމީނީމަގުގެ މަސައްކަތް ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައި އެވެ.