.
ޖަލާލުއްދީން ސްކޫލުގެ 2011 ވަނަ އަހަރުގެ އޯލެވެލް ބެސްޓް އޯލްރައުންޑަކަށް ހުސައިން އަހުމަދު އަދި އޭލެވެލް ބެސްޓް އޯލްރައުންޑަކަށް ޝާއިރާ އަހުމަދު ހޮވައިފިއެވެ.
ރޭ ޖަލާލުއްދީން ސްކޫލު ހޯލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. އަލީ ޝަރީފެވެ. ޝަރަފްވެރި މެހެމާން ރަސްމިއްޔާތަށް ވަޑައިގެންނެވުމުން ޘަޤާފީ ދަނޑިޖެހުމުގެ ހަރަކާތްތަކުން ވަނީ މަރުހަބާ ދަންނަވާފައެވެ.
މިޖަލްސާގައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކައިގައި އިނާމް ހާޞިލްކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާ، ކިޔެވުމުގެ މަރުހަލާ ސްކޫލް ދައުރާއި ހަމައިން ނިންމާ ނުލުމަށް ނަސޭހަތް ތެރިވިއެވެ. މިގޮތުން ތިމާގެ ޤާބިލިއްޔަތު ހުރި މިންވަރަކުން ޝައުޤްވެރިވާ ދާއިރާއަކުން މަތީތައުލީމު ހޯދާ ޤައުމަށްޓަކައި މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.
މިޖަލްސާގައި މިދިޔަ އަހަރު އެސްކޫލުގެ އޯލެވެލްއާއި އޭލެވެލްގެ އެންމެ މޮޅު ދިހަ ދަރިވަރުން ހޮވާ އިނާމު ދީފައިވެއެވެ. އަދި ސާނަވީ އާއި މަތީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި ހޮވުނު ދަރިވަރުންނަށްވެސް ތައްޓާއި ޓްރޮފީ އަދި މެޑަލްވަނީ ދީފައެވެ. މީގެ އިތުރުންވެސް ވަކިވަކި މާއްދާތަކުންނާއި، ޤައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގައި ބޭއްވުނު މުބާރާތް ތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް މި ޖަލްސާގައި ވަނީ އިނާމް ދީފައެވެ.
މިޖަލްސާގައި ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނަށް އިނާމް ބައްސަވައިދެއްވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުނާޒެވެ. މީގެ އިތުރުން ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށް އިނާމު ހަވާލު ކޮށްދެއްވީ ފަސްޓް ލެފްޓިނެންޓް މުހައްމަދު ފަރީމެވެ. އަދި ހާއްސަ ވަނަތަކަށް އިނާމް ބައްސަވައި ދެއްވީ ޝަރަފްވެރި މެހެމާން ޑރ އަލީ ޝަރީފެވ.ެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ޕޮލިސް ސާވިސް އަދި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި މިޖަލްސާގައި ވޭތުވެދިޔަ އަހަރު ސްކޫލު ހިނގާދިޔަގޮތުގެ ރިޕޯޓް އިއްވައިދެއްވީ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލެވެ.
ދަރިވަރުންގެ ތެރެއިން މޮޅު ނަތީޖާ ލިބޭ ކުދިންގެ ޢަދަދު ގިނަކުރަންޖެހޭކަމަށާއި، ސްކޫލްގެ ނަތީޖާތައް ދުވަހުން ދުވަހަށް ކުރިއަރައިގެންދާ ސަބަބުތައް ދެނެގަނެ، އެކަންކަމަށް، އިތުރަށް މަގުފަހިކުރަންޖެހޭކަމަށް، އަދި ތަޢުލީމީ ކާމިޔާބަކީ އަދި ނާކާމިޔާބަކީ ވަކި އެކެއްގެ ނުވަތަ އެއްބައެއްގެ ހިއްސާއަށްވުރެން މުޖްތަމައުގެ އެންމެހާ ފަރުދުންގެ ކަމެއްކަން ޑެޕިއުޓީ ޕްރިންސިޕަލް ސްކޫލްގެ އަހަރީ ރިޕޯޓްގައި ފާހަގަ ކުރެއްވިއެވެ.
ރޭގެ ޖަލްސާގައި އެސްކޫލުގެ 137 ދަރިވަރަކު 169 އިނާމް ވަނީ ހާސިލް ކޮށްފައެވެ. 2011 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގައިި 666 ކުދިން ވަނީ ތައުލީމް ހާސިލްކޮށްފައެވެ.
ފޮޓޯ ގެލަރީ