.
މަރާމާތުގެ ގިނަ މަސައްކަތް ތަކަކަށް ފަހު ކުޅުދުއްފުށީ ސިކަންދަރު ބޯޓްގެ ދަތުރުތައް އަލުން ފަށައިފި އެވެ.
މިއަހަރުގެ ޖޫން 13 ވަނަ ދުވަހުގެ ރޭގެ ފަތިހު ސިކަންދަރު ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯޓުގެ ގެގަނޑުގެ މަތީ ތިން ބުރި އަނދައިގެން ދިއުމުގެ ސަބަބުން ދަތުރުތައް ހުއްޓާލާފައިވާ މިބޯޓުގެ ދަތުރުތައް އަލުން ފެށީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު އެވެ.
ސިކަންދަރު ބޯޓުގެ ވެރިފަރާތްކަމުގައިވާ މިތުރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޒުހައިރު ވިދާޅުވީ، ސިކަންދަރު ބޯޓުގެ ދަތުރުތައް އަލުން ފެށިއިރު ކުރިން މީހުންނާއި މުދާ އުފުލާ ބޯޓެއްގެ ގޮތުގައި އޮތްނަމަވެސް މިހާރު އެބޯޓު ބޭނުންކުރާނީ ހަމައެކަނި މުދާ އުފުލުމަށް ކަމަށެވެ.
ޒުހައިރު ވިދާޅުވީ ކުޅުދުއްފުށީގައި މާލެ ދަތުރުކުރާ 4 އުޅަނދު އޮތްނަމަވެސް ސިކަންދަރަކީ ޑިމާންޑް ބޮޑު ބޯޓެއް ކަމަށާއި މިގޮތަށް ބަދަލުކުރެވުނީ ވިޔަފާރި އުސޫލުން ބަލާއިރު މިއީ އެންމެ ފައިދާ ހުރި ގޮތް ކަމަށް ފެންނާތީ ކަމަށެވެ. މިވަގުތު ކުޅުދުއްފުށްޓާއި ހއ. ދިއްދޫއާ ދެމެދު ދަތުރުކުރި ކަމުގައި ވިޔަސް ދަތުރުގެ މަންޒިލު ބަދަލުވަމުން ދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.
ގާތްގަނޑަކަށް 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވުނުއިރު މަސައްކަތަށް އެކަށީގެންވާ ޤާބިލް މީހުން ނުލިބުން އެއީ މަރާމާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ދިމާވި ގޮންޖެހުމެއް ކަމަށް ޒުހައިރު ވިދާޅުވި އެވެ. އަދި ރަމަޟާން މަހަށް މަސައްކަތް މެދުކެނޑުން ކަން ޒުހައިރު ފާހަގަ ކުރެއްވިއެވެ.
ކުރިން ބޯޓުގެ ގެގަނޑު ހުރި ގޮތުގެ ޑިޒައިނަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައި ވާނެ ކަމަށާއި މިފަދަ އެހެން ހާދިސާ އެއް ހިނގިޔަ ނުދިނުމަށް ޚާއްސަ ވަކި ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
“އަޅުގަނޑަކަށް ސީދާ ބުނާކަށް ނޭނގެ މިހާދިސާ ހިނގީ ކަރަންޓް ޝޯޓްވެގެން ކަމެއް، ނޫނީ އެހެން ގޮތަކުން ކަމެއް. އެހެންނަމަވެސް ކުރިއާ ޚިލާފަށް މިހާރު ބޯޓް އޮންނާނީ ނިވާލާފަ. ކަރަންޓެއް ނުހުންނާނެ.” ޒުހައިރު ވިދާޅުވި އެވެ.
ސިކަންދަރު ބޯޓުގެ މަރާމާތަށް ޚަރަދުވި ފައިސާގެ އަދަދު ކަނޑައެޅިގެން އަދި ސާފުވެފައި ނުވާ ކަމަށް ބޯޓުގެ ވެރިފަރާތުން މައުލޫމާތު ދެއެވެ.
މިބޯޓުގެ ވެރިފަރާތުން ކުރިން ވިދާޅުވެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 1.5 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑުވާނެ އެވެ.