.
ށ. ފުނަދޫގައި ވިލާ ކޮލެޖްގެ ކެމްޕަހެއް އެޅުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
ވިލާ ކޮލެޖްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖްގެ ރެކްޓަރ ޑރ އަހުމަދު އަންވަރެވެ. ށ. ފުނަދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު އެވެ.
އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ރެކްޓަރ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ވިލާ ކޮލެޖުން މަތީ ތައުލީމު ކުރިއެރުވުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ. އަދި ފުނަދޫގައި ގާއިމުކުރެވޭ ކެމްޕަހުގެ ސަބަބުން ފުނަދޫ އަށާއި ށ އަތޮޅަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ވިލާ ކޮލެޖާއި ހަވާލާދީ “ވީ މީޑިޔާ”ގައި ބުނެފައިވަނީ ފުނަދޫ ކެމްޕަހުގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިގްރީ ލެވެލްއާ ހަމައަށް ކޯސްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކިޔަވައިދޭނީ އޭގެ ތެރެއިން ހަމައެކަނި ހަމައެކަނި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
އަންނަ އަހަރުގެ ކުރީކޮޅު ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވާ އެ ކެމްޕަސް އެޅުމަށް ހަމަޖެހިފައިވަނީ ށ ފުނަދޫ ރިސޯސް ސެންޓަރު ހުންނަ ގޯތިތެރޭގައި ކަމަށް އެކޮލެޖުން ބުނެއެވެ.
ކެމްޕަހުގައި އަންނަ އަހަރު ފެށޭއިރު ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ އައިޓީ، ބިޒްނަސް، ޝަރީއާ އެންޑް ލޯ އަދި އެޑިއުކޭޝަން ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
ވިލާ ކޮލެޖުން ބުނީ އަންނަ އަހަރު މެދުތެރެއިން ހޮސްޕިޓަލިޓީއާއި، ޓޫރިޒަމް ދާއިރާގެ ކޯސްތައް ހިންގަން ފެށޭވަރު ވާނެ ކަމަށެވެ.
އަންނަ އަހަރު އެ ކެމްޕަހުގައި ކިޔަވައިދޭން ފަށާ ކޯސްތަކުން 40 ދަރިވަރުންނަށް ޖާގަ ލިބޭނޭ ކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފައެވެ.