.
ކުޅުދުއްފުއްޓަށް އުފަން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަޒްނީމް އަހުމަދު ތަމްރީން ދަތުރެއްގައި އަންނަ ހަފުތާގެ ތެރޭގައި ޖެމެއިކާ ފުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ބުނެފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަޒީފާއަދާކުރާ އަޒްނީމަށް ޕޭލީވް ހަމަނުޖެހުމުގެ ސަބަބުން ކުރިން މި ތަމްރީން ދަތުރުގައި ނުދެވޭނެކަމަށް ބުނެފައި ވަނިކޮށް ޕޭލީވް ހަމަޖެހުނުކަން އެނގުނީ އިއްޔެއެވެ.
މިނޫހަށް މައުލޫމާތު ދެމުން އަޒްނީމް ބުނީ ދެވޭގޮތަށް ހަމަޖެހުނުކަން އެނގުނީ އިއްޔެ ކަމަށާއި، އޮލިމްޕިކް ކޮމިޓީއާއި ދެމެދު ވާންޖެހޭ އެއްބަސްވުންތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމާ އަންނަ ހަފްތާ ފުރޭވަރު ވާނެކަމަށެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހަމަޖައްސައިދިން އެއްއަހަރުގެ މިތަމްރީން ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އަނެއް އެތުލީޓް ހަސަން ސާއިދަށް އޭނާ ވަޒީފާ އަދާކުރާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ކުރިން ޕޭލީވް ހަމަޖައްސައި ދީފައެވެ.
މިދެ އެތުލީޓުން ޖެމެއިކާގައި ތަމްރީން ހަދާނީ ޖެމެއިކާގެ ވެރިރަށް ކިންގްސްޓަންގެ ހައި ޕާފޯމަންސް ސެންޓަރުގައެވެ.
އެތުލީޓުންނަށް އިރުޝާދު ދޭނީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓަށް ކޯޗުކޮށްދޭ މަޝްހޫރު ގްލެން މިލްސްއެވެ. ކިންގްސްޓަންގެ ހައި ޕާފޯމަންސް ސެންޓަރަކީ ބޯލްޓްގެ އިތުރުން އެތުލެޓިކްސްއިން ރަން މެޑަލް ހޯދާފައިވާ ގިނަ އެތުލީޓުންތަކެއް ތަމްރީންވެފައިވާސެންޓަރެކެވެ.
އެއްއަހަރުގެ ތަމްރީން ދަތުރެއް ނަމަވެސް 4 އަހަރަށް މިކަން ދިގުދެމިދާނެކަމަށް އަޒްނީމް ބުންޏެވެ.