.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ލާޒިމުކުރާ ތާރޑް ޕާޓީ އިންޝުއަރެންސާ ބެހޭ މައުލޫމާތު ދިނުމަށް އެލައިޑު އިންޝުއަރެންސްއިން ރޭ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި، އިންޝުއަރ ކުރަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ނޫންކަމަށް ބުނުމުން ބައްދަލުވުން ހޫނުވެއްޖެ އެވެ.
ރޭ އަފީފުއްދީން ސްކޫލް ހޯލުގައި އެލައިޑުގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދިނުމަށް މާލެއިން ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ އިންޝުއަރ ކުރެވެނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ނޫންކަމަށެވެ.
އެހިސާބުން އެބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ހޯލު ދޫކޮށް ނުކުމެފައި ވެއެވެ. އަދި ބައްދަލުވުން ނިމުނުގަޑީގައި އެލައިޑުގެ ދެ އޮފިޝަލުން ވަށާލައިގެން ތިބެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އެބޭފުޅުންނަށް އަމާޒުވިތަން ފެނިފައި ވެއެވެ. އެހެންނަމަވެސް ގަޔަށް އަތްލައި މާރާމާރީއަކަށް އެ “ޒުވާބު” ބަދަލުވެފައެއް ނުވެއެވެ. ގިނަމީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ގާނޫނު ހެދިފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ.
މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ ޤަވާއިދާއި ބެހޭ މައުލުމާތު ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރި ކުރުމެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވީ އެލައިޑްގެ ފަރާތުން މުހައްމަދު ލިނާފް އަދި ހުސައިން ސަވާދެވެ.
އިންތިޒާމު ކުރުމުގައި ދޯދިޔާ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވުނު، ގާތްގަނޑަކަށް 150 މީހުން ބައިވެރިވި މި ބައްދަލުވުމަކީ އެލައިޑުން ހދ އަތޮޅުގައި މިފަދަ ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އައްޑުއާއި ފުއައްމުލަކުގައި ވަނީ ހޭލުންތެރިކުރުމުގެ ބައްދަލުވުމެއް ބާއްވާފައެވެ.