.
ހދ. އިހަވަންދޫ އިންޖީނުގޭގައި މަސައްކަތް ކުރަމުން އަންނަ ހަތަރު މުވައްޒަފެއް ވަކި މުއްދަތެއް ނެތި ގޭގައި މަޑުކުރުމަށް އަންގައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިނގަމުން އަންނަ އިހަވަންދޫ އިންޖީނުގޭގެ ހަތަރު މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާފައި މިވަނީ، އެ ހަތަރު މުވައްޒަފުންގެ ވަޒީފާގެ ޒިންމާ އަދާ ނުކުރާކަމަށް ބުނެ ރައްޔިތުންގެ ބަޔަކު އިންގީނުގޭގެ އޮފީހުގައި މައްސަލަ ޖެއްސުމާ ގުޅިގެން، އެމައްސަލަ ބަލާނިމެންދެން ކަމަށް އެރަށުން މަޢުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޭގައި މަޑުކުރުމަށް އަންގާފައިވާ ހަތަރު މީހުންނަކީ ވެސް އިހަވަންދޫ އިންޖީނުގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްފައިވާ ބަޔެކެވެ.
އިހަވަންދޫގެ ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ހިދުމަތް ވެސް ދެމުން އަންނަ އިންޖީނުގޭގެ ހަތަރު މުވައްޒަފުން ގޭގައި މަޑުކުރުމަށް އެންގުމުން އިއްޔެއިން ފެށިގެން ކުނި އުކާލުމުގެ ޚިދުމަތް ވެސް ހުއްޓިފައިވާ ކަމަށް އެރަށުން މަޢުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
“އެމީހުންނަކީ އެތަނުގައި އުޅޭތާ ވަރަށް ދުވަސްވެ ތަޖުރިބާ ލިބިފައި ތިބި ބައެއް. އިއްޔެއިން ފެށިގެން އެމީހުން ނެތުމުން ކުނި އުކާލުމުގެ މަސައްކަތް ވަނީ ހުއްޓިފައި. ކަރަންޓަށް ވާނެ ގޮތެއް ނޭނގޭ.” ނަން ހާމަކުރަން ނޭދޭ އެމީހާ ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މަތިއުތުރު ސަރަހައްދުގައި ހުންނަ ޖެނެރަލް މެނޭޖަރު އަބްދުލް މުހައިމިން ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އާގުޅުމަށް ކުރިމަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޭގައި މަޑުކުރަން އެންގި ހަތަރު މީހުންނަކީ ވެސް އެމްޑީޕީގެ މެމްބަރުން ނެވެ.