.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާތު ތިން ސްކީމެއްގެ ދަށުން މަތީ ތަޢުލީމު ހާސިލް ކުރުމަށް 850 ފުރުސަތު ހުޅުވާލައިފި އެވެ.
މިގޮތުން އިއުލާނު ކޮށްފައިވާ ތިން ސްކީމަކީ ވޯކް ފޯސް ސްކީމާއި އެކްސެސް ގްރޭންޓް ސްކީމާއި ޓާޝަރީ ސްޓޫޑެންޓް ލޯން ސްކީމެވެ.
އަމިއްލަ ކުންފުނިތަކާއި އޮފީސްތަކުގައި އުޅޭ މީހުން މަތީ ތައުލީމު ހާސިލްކުރުމަށް ދޫކުރާ ވޯކްފޯސް ސްކީމްގެ ދަށުން 40 މީހަކަށް ލޯނު ދޫކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރުމަށް ދޭ 20 ފުރުސަތާއި އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ)ގައި ނުހިމެނޭ ގައުމުތަކުގައި ކިޔެވުމަށް ދޭ 20 ފުރުސަތެވެ. މި ސްކީމްގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅަކަށް ދެ ފުރުސަތު ދޭނެ އެވެ. އަދި ރާއްޖޭގައި ކިޔެވުމަށް ދަރިވަރަކަށް އަހަރަކަށް 33،000 ރުފިޔާ ދޫކުރާއިރު، ނޮން- އޯއީސީޑީ ގައުމުތަކުގައި ކިޔެވުމަށް ދަރިވަރަކަށް އަހަރަކަށް ދޫކުރުމަށް ނިންމާފައި ވަނީ 104،280 ރުފިޔާ އެވެ. ވޯކްފޯސް ސްކީމުގެ ދަށުން ކިޔަވަން ދިއުމަށް ކޯހުގެ ޚަރަދުގެ 50 އިންސައްތަ ދައްކަން ޖެހެނީ ވަޒީފާ އަދާކުރާ ތަނުންނެވެ.
އެކްސެސް ގްރޭންޓް ސްކީމަކީ ތައުލީމީ ފެންވަރު ހުރި ނަމަވެސް ތަނަވަސްކަން ނެތް ކުދިންނަށް ހާއްސަކޮށްގެން އެހީދޭ ސްކީމެކެވެ. މިސްކީމްގެ ދަށުން 60 ކުދިންނަށް ލޯނު ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރުމަށް އެ ސްކީމްގެ ދަށުން 40 ފުރުސަތު ދޭނެއެވެ. އަދި އޯއީސީޑީ ނޫން ގައުމުތަކުގައި ކިޔެވުމަށް 20 ފުރުސަތު ދޭނެ އެވެ. މި ސްކީމްގެ ދަށުން ކޮންމެ އަތޮޅަކަށް ތިން ފުރުސަތު ދެ އެވެ.
މި ސްކީމުގެ ދަށުން ރާއްޖޭގައި ޑިގްރީ ލެވެލް އަށް ކިޔެވުމަށް ދަރިވަރަކަށް އަހަރަކަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ 93،000- 66،000 ރުފިޔާ އެވެ. އަދި ރާއްޖޭން ބޭރުގައި ކިޔެވުމަށް އަހަރަކަށް ދޫކުރަނީ 300،000- 208،560 ރުފިޔާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން އިއުލާނު ކޮށްފައިވާ ތިންވަނަ ސްކީމު ކަމުގައިވާ “ޓާޝަރީ ސްޓޫޑެންޓްސް ލޯން ސްކީމް”ގެ ދަށުން ރާއްޖޭން ބޭރުގައި ކިޔެވުމަށް 750 ކުދިންނަށް މި އަހަރު ލޯނު ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މި ސްކީމްގެ ދަށުން ރާއްޖޭން ބޭރުގައި ކިޔެވުމަށް އެންމެ ގިނައިން ލޯނު ދޫކުރުމަށް ނިންމާފައިވަނީ މެޑިސިން ކިޔަވާ ކުދިންނަށެވެ. މިއީ ދާއިމީކޮށް ކޮންމެ އަހަރަކުވެސް ހިންގުމަށް ހަމަޖެހިފައިވާ ސްކީމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.
މި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އޮކްޓޫބަރު 24ގައި އެވެ.