.
ކުޅުދުއްފުށީގައި އެމްޑީޕީގެ ސަޕޯޓަރުން ބަހައްޓާފައި ހުރި ބޮޑު ސްކްރީނަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.
ކުޅުދުއްފުށީ ބަންޑާރަ މައިދާން (އަލަށް ހިއްކި ސަރަޙައްދު) ގައި އެމްޑީޕީގެ ސަޕޯޓަރުން ތިބޭ ހަރުގޭގެ ހުޅަނގުގައި ކޮންކްރީޓުން ބުޑުއަޅައި ރަނގަޅު ފެންވަރަކަށް ހަދާފައިހުރި ސްކްރީނަށް ކަޅުތެޔޮ ޖަހާފައިވަނީ ބެލެވޭ ގޮތުގައި ރޭގެ ވަގުތެއް ގައެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުޙައްމަދަށް ގުޅާލުމުން ވިދާޅުވީ، އެމްޑީޕީ އިން ބަހައްޓާފައިހުރި ސްކްރީނަށް ކަޅުތެޔޮޖެހުމުގެ އިތުރުން ސަޕޯޓަރުން ތިބޭ ހަރުގޭގައި ބަހައްޓާފައި ހުންނަ ޓީވީ އަށް ވެސް ކަޅުތެޔޮ ޖަހާގެއްލުން ދީފައިވާ ކަމަށެވެ.
“އަޅުގަނޑުމެން ބަހައްޓާފައި ހުރި ސްކްރީނަށް ބަޔަކު މީހުން ވަނީ ކަޅުތެޔޮ ޖަހާފައި. އަދި ސަޕޯޓަރުންގެ ހަރުގޭގައި ހުންނަ ޓީވީ ފޮއްޓަށް ވެސް ކަޅުތެޔޮ ޖަހާފައިވޭ.” އަލީ ވިދާޅުވި އެވެ.
ހދ. އަތޮޅު ކައުންސިލްގެ ވެސް މެމްބަރު އަލީ މުހައްމަދު ވިދާޅުވީ، މިކަމާއި ގުޅިގެން އެއްވެސް ފަރާތަކަށް މައްސަލަ ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން އަދި ތަސައްރަފް ނުފުދޭ މުޖުތަމައެއްގައި މިފަދަ ކަންތައްތައް ފެންނާނެ ކަމަށާއި މިއީ އެއްވެސް މައްސަލައެއް ކަމަށް އެމްޑީޕީ އަކުން ނުދެކޭނެ ކަމަށެވެ.
އެމްޑީޕީގެ ސްކްރީނެއް އެސަރަހައްދުގައި ޖަހާފައިވާތީ ދާދިފަހުން ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ކައުންސިލް އާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީ އިން ސްކްރީން ބަހައްޓާފައިވާ ހިއްކި ސަރަހައްދަކީ ކުޅުދުއްފުށީ ޑެވެލޮޕްމަންޓް ކޯޕަރޭޝަންއަށް ދީފައިވާ ބިމެކެވެ. ނަމަވެސް އެސަރަހައްދުގައި ސްކްރީނެއް ބެހެއްޓުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމަށް އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ދާދިފަހުން ވަނީ ބުނެފައެވެ.