.
އަބްދުލް ވާހިދު ޙަސަން
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާ ދެކޮޅަށް ޝަރީއަތް ކުރުމަށް ހަމަޖެހިފައިވާތީ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީ އިން ރާއްޖޭގައި ކުރާ މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން ކުޅުދުއްފުށީގެ އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާ ކޮށްފި އެވެ.
ކުޅުދުއްފުށީ ބަންޑާރަމައިދާނުގައި މިއަދު ހަވީރު 4:30 ގައި ފެށިމުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ އެ މައިދާނުގައި ތިބެގެން އަޑު އުފުލާ ގޮތަށެވެ. ހަވީރު 5:30 ވަންދެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ޝުކޫރާއި ހދ. އަތޮޅު ކައުންސިލް މެމްބަރު އަދި އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުޙައްމަދުގެ އިތުރުން އެމްޑީޕީގެ މެމްބަރެއް ކަމުގައިވާ އާދަމް ޝަރީފް މުޒާހަރާގެ ބައިވެރިންނާ މުޚާތަބްކޮށް ވާހަކަ ދެއްކިއެވެ.
މިގޮތުން މުޙައްމަދު ޝުކޫރު ދެއްކި ވާހަކައިގައި މިއަދު ކުރިއަށްދާ ކުޅުދުއްފުށީގެ ޕީޕީއެމް “އަސުރުމާ ގޮފީ”ގެ އިންތިޚާބަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ޝުކޫރު ބުނީ، ޕީޕީއެމްގެ އެގޮފީގެ ރައީސްކަމަށް ކުރިމަތިލާފައިވާ މީހެއްގެ ގޭގައި ވޯޓު ފޮށި ބަހައްޓައިގެން އެންމެ އިންސާފުވެރި ކޮށް އިންތިހާބެއް ބޭއްވޭނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޝުކޫރުގެ މިވާހަކަ ރައްދުވަނީ ޕީޕީއެމްގެ އަސުރުމާ ގޮފީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކުޅުދުއްފުށީ، އާހަމަ ރަޝާދު ޙަސަން އަށެވެ. ޕީޕީއެމްގެ އިންތިހާބު ކުރިއަށް ދަނީ ރަޝާދުގެ ގެ “އާހަމަ”އިގައެވެ.
މީގެ އިތުރުން މިމުޒާހަރާގައި ވަނީ މިހާރުގެ ސަރުކާރަށާއި ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ފާޑުކިޔާ ވާހަކަ ދައްކާފައެވެ.
ކުޅުދުއްފުށީގައި މިއަދު އޮތް މުޒާހަރާގައި ބައިވެރިވެފައި ވަނީ ވަރަށް މަދު ބަޔެކެވެ.
އިތުރު ފޮޓޯ ފޭސްބުކް ޕޭޖްގައި