.
ޖަލާލުއްދީން ސްކޫލުގެ އާރޓް ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ” އާރޓް އެންޑް ކުރާފްޓް އެގްޒިބިޝަން” ފެށިއްޖެއެވެ.
މިއަދު ހެނދުނު 30 8 ގައި ޡަޤާފީ ދަނޑިޖެހުމުގެ ހަރަކާތްތަކަކާއެކު ފެށުނު މި މައުރަޒު ހުޅުވައިދެއްވީ އަފީފުއްދީން ސްކޫލްގެ ކުރީގެ ލީޑިން ޓީޗަރ ފާތިމަތު އަބޫބަކުރެވެ.
މިމައުރަޒުގައި 250 ހަށް ވުރެ ގިނަ ގްލާސްޕެއިންޓިން ހިމަނާފައިވާއިރު، މުށީގައާއި ފޮތީގައި ކުރަހާފައިވާ ގިނަ ކުރެހުން ތަކެއް ހުރިކަންވެސް ފާހަގަ ކުރެވިގެންދިޔައެވެ. އަދި މީގެ އިތުރުން ބޮޑު 4 ސްކަލްޕްޗަރ ވެސް ދައްކާލާފައިވެއެވެ.
ހަމަމިއާއެކު “ޓައި އެންޑް ޑައި ސްޓްރިންގ އާރޓް ކޮލާޖް ސްކަލްޕްޗަރ އާއި އާރޓް ގަޑި ތަކުގައި ދަރިވަރުން ކުރަހާފައިވާ ކުރެހުން ތައްވެސް ބައިވެރި ކޮށްފައިވެއެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް ދަރިވަރުންނަށް ކޭކުގައި އައިސިން ޖަހަން ދަސްކޮށްދީ އެތަކެތިވެސް މި މައުރަޒުގައި ހިމަނާފައިވެއެވެ.
މި މައުރަޒުގައި ބޭނުން އާރޓްވޯކެއް ގަންނަން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ޖަލާލުއްދީން ސްކޫލުގެ އާރޓް ޓީޗަރ ސުނީތާ ޖޯޖް ވިދާޅުވީ، ކޮންމެ އަހަރަކު ބާއްވާ މި މައުރަޒަށް ސްކޫލު މެނޭޖްމެންޓާއި ދަރިވަރުން އަދި ބެލެނިވެރިންގެ އެއްބާރުލުންވެސް ލިބެމުންދާކަމަށެވެ. މިތަކެތި ވިއްކައިގެން ލިބޭ ރުފިޔާގެ 50 އިންސައްތަ އާރޓް ކުލަބުގެ ދަރިވަރުންނަށް އަދި އަނެއް 50 އިންސައްތަ އާރޓް ކުލަބަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސުނީތާ މައުލޫމާތުދެއްވި ގޮތުގައި މިހެން ކަންތައްކުރަން ޖެހުނީ މިކަމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަކަށް ވެފައި ރާއްޖޭން ބޭރުން ކުލަ ގެންނަން ޖެހޭތީއެވެ.
2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިމައުރަޒް މިރޭގެ 45 9 އާއި ހަމައަށް ކުރިއަށްދާނެއެވެ. ސްކޫލުން މައުލޫމާތު ދޭގޮތުގައި ގިނައަދަދެއްގެ ބަޔަކު މި މައުރަޒަށް ދަނީ ޒިޔާރަތްކުރަމުންނެވެ.
އިތުރު ފޮޓޯތައް ކުޅުދުއްފުށީ އޮންލައިން ފޭސްބުކް ޕޭޖްގައި