twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޕީޕީއެމް ކުޅުދުއްފުށީ ގޮފީގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި

Sep 29, 2012

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުޅުދުއްފުށީ އަސުރުމާ ގޮފީގެ ހިންގާ ކޮމެޓީއަށް މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާނު ކޮށްފިއެވެ.

ރަސްމީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްގެ އަސުރުމާ ގޮފީގެ ރައީސަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ އާވެލި، މުހައްމަދު އަލީ އެވެ. އެމަގާމަށް މުހައްމަދު އަލީ ހޮވިފައިވަނީ 213 ވޯޓު ލިބިގެންނެވެ. ދެން އެމަގާމަށް އޭނައާ އެންމެ ކައިރިން ވާދަކުރި ރަޝާދު ހަސަން އަށް ލިބިފައިވަނީ 83 ވޯޓެވެ.

އަސުރުމާގޮފީގެ ނައިބު ރައީސަކަށް ހޮވުފައިވަނީ ރޯޝަނީގެ، އަލީ ހުސައިން އެވެ. އޭނައަށް 148 ވޯޓު ލިބިފައިވެއެވެ. އެމަގާމަށް ޖުމްލަ 5 މީހަކު ކުރިމަތިލާފައިވާއިރު އެންމެ ކައިރިން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ 82 ވޯޓެވެ.

ރަޖިސްޓްރާކަމުގެ މަގާމަށް ދެ ކެނޑިޑޭޓަކު ވާދަކުރިއިރު އެމަގާމު ލިބިފައިވަނީ އިމްތިޔާޒް، އަހުމަދު މުހައްމަދަށެވެ. އޭނައަށް 168 ވޯޓު ލިބިފައިވާއިރު ދެވަނަ ކެނޑިޑޭޓަށް ލިބިފައިވަނީ 165 ވޯޓެވެ.

މީގެއިތުރުން ޕާޓީ ސެކެޓްރީކަމުގެ މަގާމަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވުމުން އެމަގާމު އިންތިހާބަކާ ނުލާ ލިބިފައިވަނީ ސަމުގާ، މުހައްމަދު ޤާސިމަށެވެ. ހަޒާންދާރު ކަމުގެ މަގާމަށް ދިނަށަ، މުހައްމަދު އިގްބާލް އިންތިހާބުވިއިރު އަންހެނުންގެ މެމްބަރު ކަމަށް އިންތިހާބުވެފައިވަނީ އަމާޒު، އާމިނަތު މަޖީދާ އާއި އާވެލި، ލަތީފާ އިގްބާލް އެވެ.

ޒުވާނުންގެ 2 މެމްބަރު ކަމަށް އިންތިހާބުވެފައިވަނީ ގުޑްލަކް، މުޖްތަބާ އަހުމަދު އާއި ސޯފިޔާ، އިމްރާން އަހުމަދު އެވެ.

އިއްޔެ ކުޅުއްފުށީގައި ބޭއްވި މިއިންތިހާބުގެ ވޯޓު ލުމުގައި ޖުމްލަ 372 މީހުން ވަނީ  ބައިވެރިވެފައި އެވެ. ޕީޕީއެމް އިން މައުލޫމާތު ދޭ ގޮތުގައި ޕީޕީއެމް ކުޅުދުއްފުށީ އަސުރުމާގޮފީގައި މިވަގުތު ތިބީ 547 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355