.
މަރިޔަމް ޔަސްމާ
ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ ބަޔާ ގުޅޭ
އާރިއާ އެނދުގައި ބައިންދާފައި ރާކިން އެންމެ ފުރަތަމަވެސް އެމްބިއުލާންސަށް ގުޅިއެވެ.
“އާރިއާ. އަހަރެން މަންމަމެންނަށް ގޮވާފައި އަންނަންދެން އެކަނި އިނދެވޭނެތަ؟”
ރާކިން އާރިއާގެ މޫނުގައި ދެއަތުން ހިފާލާފައި އުފުލާލިއެވެ. އެވަގުތު އާރިއާ ލަސްލަހުން ބޯޖަހާލިއެވެ.
“ވަރަށް އަވަހަށް އެބައަންނަން.” ރާކިން އާރިއާގެ ނިތްކުރީގައި ބޮސްދީފައި ނިކުމެގެން ދިޔައެވެ. އެނބުރި އައިއިރު އޭނާޣެ ފަހަތުގައި ތައުފީޤާއި ރާމިޒާއައެވެ. ހާލަތުގެ ނާޒުކު ކަމާއިހުރެ އެމީހުންގެ ސުވާލުތަކުން ރާކިން ސަލާމަތްވިއެވެ. ރާމިޒާ އަތްމަތި އަވަސްކޮށްލާފައި ހޮސްޕިޓަލަށް ގެންދަންޖެހޭ ސާމާނު ތައްޔާރު ކުރަން ފެށުމާއެކު ތައުފީޤް އެމްބިއުލާން އައިތޯ ބަލަން އަނެއްކާވެސް ބޭރަށް ނިކުތެވެ. އެހުރިހާއިރު ރާކިން ހުރީ އާރިއާގެ ކައިރީގައެވެ. އޭނަގެ ހިތް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ. އާރިއާގެ މޫނުމަތިން ފެންނަމުންދިޔަ ވޭނަކުން ދެލޯ ފެންކަޅިވިއެވެ.
އާރިއާ ހޮސްޕިޓަލަށް ގެންގޮސް ވިއްސާ ކޮޓަރިއަށް ވެއްދި ހިސާބުން އިންތިޒާރުގެ މިނިޓްތައް ގުނަން ފެށުނީއެވެ. ރާކިން ހުއްޓިނުލާ ހުރެގެން ދެކޮޅަށް ހިނގަމުން ދިޔައިރު ތައުފީޤާއި ރާމިޒާ ހިމޭންވެފައި ގޮނޑިބަރީގައި ތިއްބެވެ. ގަޑިއެއްހާއިރުފަހުން ވިއްސާ ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް އެންމެންގެ ލޯތައް އެދިމާއަށް ދަތުރުކުރިއެވެ. ތުއްތު ދަރިފުޅު ފޮތިގަނޑަކަށް ލައިގެން ނިކުމެހުރި ނަރުސްކުއްޖާ ފެނިފައި އެންމެކުރިން އެތަނަށް ގޮސް ހުއްޓުނީ ރާކިންއެވެ.
“ފިރިހެން ކުއްޖެއް.” ނަރުސްކުއްޖާ ތުއްތު ދަރިފުޅު ދިއްކޮށްލިއެވެ. އެތުއްތު މޫނަށް ރާކިން ބަލައިލީ އަތުތެރޭގައި ބޮނޑިކޮށްލުމަށްފަހުގައެވެ. އެވަގުތު ރާކިންގެ ހިތް ލޯބިން ފުރިގެންއައެވެ. ދެލޮލަށް ޖަމާވެގަތީ އުފާވެރި ކަމުގެ މުތީތަކެވެ.
ކައިރިއަށް އައިސް ހުއްޓުނު ތައުފީޤާއި ރާމިޒާވެސް އެމޫނު ދެކެފައި ހިނިތުން ވާންފަށައިފިއެވެ.
“ދަރިފުޅުގެ މަންމަގެ ހާލު ރަނގަޅުތަ؟” ރާކިން އެދަރިފުޅު ރާމިޒާއަށް ދީފައި ނަރުސްކުއްޖާއާއި ކުރިމަތިލިއެވެ. ޖަވާބު އައީ އޭނާ ބޭނުންވި ގޮތަށެވެ. އާރިއާގެ ހާލު އިރާދަކުރެއްވީތީ މުޅިން ރަނގަޅެވެ.
“ކޭން އައި ސީ ހަރ؟” އާރިއާ ދެކެލުމަށްޓަކައި ރާކިންގެ ހިތް ތެޅިގަތެވެ. ނަރުސްކުއްޖާ ހިނިތުންވެފައި ބޯޖަހާލިއެވެ. އެކަމަކު ދާންވެގެން ރާކިން ކުރިއަށް އެޅިފިޔަވަޅު ހުއްޓުވާލީ ތައުފީޤްގެ އަޑެވެ.
“އަހަރެން ބޭނުމެއްނޫން ރާކިން އޭނާގެ ކުރިމައްޗަށް ދާކަށް.” ތައުފީޤް ގޮސް ރާކިންގެ ކުރިމައްޗަށް ހުއްޓިފައި ބުނެލިއެވެ.
“ދެވަނަ ފަހަރަށް އަހަރެންގެ ދަރިފުޅު ރާކިންއާއި ހަވާލެއް ނުކުރާނަން. އޭނަ މަތިން ހަނދާންނައްތާލާ!” ރާކިންއަށްވުރެ ކުރިން ތައުފީޤް އަނެއްކާވެސް ވާހަކަދެއްކިއެވެ.
“އެއީ އަހަރެންގެ ދެކުދިންގެ މަންމަ.” ރާކިން ތައުފީޤާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“އޭނަ ގަދަވިހާ އަވަހަކަށް އާދަމްއާއި ކައިވެނިކުރާނެ.” ރާކިންއަށް ހީވީ އޭނާގެ މޫނުމަތީގައި ތައުފީޤް ޖެހިހެންނެވެ.
ދާދި ދެންމެއަކާއި ޖެހޭންދެން އެމޫނުން ފައުޅުވަމުން ދިޔަ އުފާވެރިކަން ގެއްލިއްޖެއެވެ. ތައުފީޤް ކުރިމަތިން ދުރަށް ދިއުމާއެކު ބަހަކުން ބަހެއް ނުބުނެ ރާކިން އެތަނުން ނިކުމެގެން ދިޔައެވެ.
ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ޒާނައަށް ހޭލެވުނެވެ. އެވަގުތު އެތަނުން ޒާނަ ފެނުމުން ރާކިންއަށްވެސް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ
“ރާކިން. އައިމް ސޯ ސޮރީ. އަހަރެންނަށް ބިރުވެރި ހުވަފެނެއް ފެނިގެން އެތާގައި އޮންނަން ނުކެރިގެން އައީ. ރޫބީވެސް ކޮޓަރި ތަޅުލައިގެން ނިދައިފި.” ޒާނަ ފުންމައިގެން ތެދުވެ އިށީންދެފައި ކިޔައިދިނެވެ. ރާކިން ޖަވާބެއް ނުދެއެވެ.
ދިޔަގޮތަށް ގޮސް އުޑުތިލަމަތިން އެނދުމައްޗަށް ޖެހިގެންފައި ނިއްކުރިމަތީގައި އެއްއަތް ބާއްވާލިއެވެ. ރާކިންގެ އެހިމޭންކަމުން ޒާނަގެ ހާސްކަން އިތުރުކުރުވިއެވެ. ރާކިން ހިތްހަމަ ނުޖެހުނީއޭ ހީވެގެން އޭނާ ކުއްލިއަކަށް ދާންވެގެން ތެދުވިތަނާ އަނެއްކާ ސިހުނެވެ. ޒާނަ ދިޔަނުދޭންވެގެން ރާކިން އޭނާގެ އަތުގައި ހިފެހެއްޓީއެވެ.
“ޒާނަ މަޑުކުރިޔަސް އޯކޭ.” ރާކިން ޒާނަގެ އަތުން ދޫކޮށްލުމާއެކު ޒާނަ އަނެއްކާ އޮށޯވެފައި ގައިމަތީ އޮތް ރަޖާ ރީތިކޮށްލިއެވެ.
ދެން އެދެމެދަށް ވެރިވެގެން ދިޔައީ މަރުގެ ހިމޭންކަމެވެ. ޒާނައަށް އެނގުނު އެއްޗަކީ ރާކިން މިރޭ އެހެން ރޭރެއާއި ހިލާފް ކަމެވެ. ޔަޤީނުންވެސް އޭނާއަށް ކަމެއް ދިމާވެއްޖެކަމުގައި ޒާނަގެ ހިތް ބުނަމުން ދިޔައެވެ. އެކަމަކު ސުވާލު ކުރާނެގޮތެއް ޒާނަގެ ސިކުނޑިއަކަށް ނުވަނެވެ. ބުނެވޭ ބަހަކުން ރާކިން ހިތްހަމަނުޖެހިދާނެތީ މާބޮޑަށް ޖެހިލުންވެއްޖެއެވެ.
“ޒާނަ. އަހަރެން ބޭނުމެއްނޫން އޭނަ ގެއްލޭކަށް. އަހަރެންނަށް އިތުރަށް ދެން މިގޮތުގައި ކެތެއްނުވާނެ.” ރާކިންގެ އަސަރުގަދަ ބަސްތަކުން ތަނުގެ ހިމޭންކަން ނަގާލިއެވެ. ޒާނައަށް ބޭއިޙްތިޔާރުގައި ރާކިންއާއި ވީ ފަރާތަށް އެނބުރި ލެވުނެވެ.
“އަހަރެން އާރިއާދެކެ ވަރަށް ވަރަށް ލޯބިވޭ. މިއޮތްހާ ދުވަހު ބިރުނުގަންނަ ވަރަށް މިރޭ އަހަރެން ބިރުގަނެއްޖެ. ހިތަށްއަރަނީ އޭނަ އެހެން މީހެއްގެ އަތުތެރޭގައި ވާތަން ދެކެން އަހަރެންގެ ހިތަށް ކުޅަދާނަ ވާނެބާވައޭ.” އަތް ދުރަށްލުމާއެކު ޒާނައަށް ރާކިންގެ ދެލޯ ފެނުނެވެ. އެވަގުތު ޒާނަގެ ހިތަށް ކުރީ ފުން އަސަރެކެވެ. ރާކިންގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. ދެންމެ ދެންމެ ބޭރަށް އޮހިގެންފާނެ ކަހަލައެވެ.
“ތިހެން ނުބުނޭ ރާކިން. ކީއްވެ އޭނަ އެހެން މީހެއްގެ އަތުތެރެއަށް ދާނީ؟ އެއަށްވުރެކުރިން ރާކިން އޭނަ އެނބުރިގެންނާނެ.” ޒާނަ ރާކިންގެ އަތުގައި ފިރުމާލިއެވެ.
“ތީ އަހަރެން އެންމެ ޖެހިލުންވާކަންތައް. ހިތަށްއަރަނީ އަހަރެންނަށް ތިކަން ވާނެބާވައޭ. އާރިއާ އަދިވެސް ޖަވާބެއް ނުދޭ. އޭނާގެ ހިތުގައި އޮތް އެއްޗެއް ހިޔާލުކޮށްލަންވެސް ދަތި. ދުވަހެއްގެ ކޮޅުން މާފުކުރިއަސް އަލުން އަނބުރާ އަހަރެންނާއި ގުޅެން އާރިއާ އެއްބަސްވާނެތަ؟ ޒާނައަށް ހީވަނީ ކިހިނެތް؟” ރާކިން ކުއްލިއަށް ބަލާލުމުން ޒާނަ ބަސްހުއްޓުނެވެ.
އެސުވާލުގެ ޖަވާބު ރާކިންއަށް މުހިންމުވާވަރު އެނގުނަސް ކަންތައް ހިނގާފައިވާގޮތެއް އޭނާއަކަށް އެނގިފައެއް ނެތެވެ.
“އޭނަވެސް ރާކިންދެކެ ލޯބިވަންޏާ އެނބުރި އަންނާނެ.” ޒާނަ އެންމެފަހުން ބުނެލިއެވެ.
“އަހަރެންނަށް އެނގޭ އެކަން.” ރާކިންގެ އަޑުގައިވަނީ ޔަޤީންކަމެވެ. އެހެނަސް އޭނާއަށް ޔަޤީންނުވަނީ އެލޯއްބާއިއެކު އާރިއާ އެނބުރި އަންނާނެ ކަމެވެ.
ހިތް އުދާސްވުމުން އެއުދާސްގަނޑު ބޭރުކޮށްލުން މުހިންމުވެއެވެ. އެއްގޮތަކީ ދެވަނަ ފަރާތަކާއި ހިއްސާކުރުމެވެ. ރާކިންއަށްވެސް ވީ އެހެންނެވެ. އެންމެ އުދާސްވި ގަޑީގައި ޒާނަގެ ގާތްކަން ލިބުމުން ހިތުގައި ފޮރުވާފައިވާ ހުރިހާ ސިއްރެއް އޭނާ ބޭރުކޮށްލީ ޖެހިލުމެއްނެތިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޭގެ ދެންއޮތްބައި އޭނާއަށް އަރާމުގައި ނިދޭގޮތްވިއެވެ.
ރާކިންއަށް ނިދޭހާއިރުކޮށްފައި ޒާނަ ލޯ ހުޅުވާލިއެވެ. ދެކެވުނު ވާހަކަތަކަށްފަހު އޭނާގެ ނިދިވަނީ ލޮލާއި ރުޅިވެފައެވެ. އައިނައިތަނެއް ނޭނގި މިސްކުގެ ހިޔާލުތައް އައިސް ޒާނަގެ ސިކުނޑިވަށާލައިފައި ވެއެވެ. ނިދިފައި އޮތް ރާކިންގެ މޫނަށް ޒާނަ ފުންކޮށް ބަލައިލިއެވެ. އެމޫނުން އޭނާއަށް މިސްކު ފެނެއެވެ. ލޮލުން ކަރުނަ އައީ ޒާނަގެ އިޙުތިޔާރަކު ނޫނެވެ. އަވަސްއަވަހަށް ލޯފުހެލާފައި އޭނާ އަނެއްފަރާތަށް އެނބުރި ލޯމަރާލިއެވެ.
އާރިއާ ގެއަށް ދުކޮށްލުމާއި ހަމައަށްވެސް ރާކިން ބޭނުންވިފަދަ ފުރުސަތެއް ނުލިބުނެވެ. ތައުފީޤާއި ރާމިޒާ އެންމެ ހިނދުކޮޅަކަށްވެސް އާރިއާ އެކަނިވިޔަކަ ނުދެއެވެ. ރާކިންއަށް ޖެހެނީ ތުއްތު ދަރިފުޅު ދެކިލާފައި އެނބުރި އަންނާށެވެ. އެއިން ކޮންމެ ފަހަރަކުވެސް އާރިއާ އޮންނަނީ ރާކިންއަށް ބަލާށެވެ. އެކަމަކު ފަހަރެއްގައިވެސް އޭނާ ވާހަކަދައްކާކަށް މަސައްކަތެއް ނުކުރެއެވެ.
*************
އުފާވެރި ދުވަހެކެވެ. ރާކިންއާއި އާރިއާގެ ފިރިހެން ދަރިފުޅު ޔާނިޝްއަށް ނަންކިއުމުގެ މުނާސަބަތުގައި ޕާޓީއެއް ބާއްވަނީއެވެ. ވަގުތު ޖެހުނީއްސުރެ އާރިއާގެ އެޕާޓްމެންޓުން މީހުން ހުސްނުވެއެވެ. ގާތްތިމާގެ މީހުންނާއި ރަތްޓެހިންނެވެ. ރާކިންގެ މުވައްޒިފުންނެވެ. ހުއްޓުމެއްނެތި ދެކޮޅަށް ދުވަމުންދިޔަ ވޭޓަރުންތަކެވެ. ހިތާއި ދެކޮޅަށްވެސް ތައުފީޤަށް ޖެހުނީ ރާކިންއަށް ފުރުސަތު ދޭށެވެ. އަމުދުން އެއީ އެދަރިފުޅުގެ ބައްޕަ ވިއްޔާއެވެ.
އެވަގުތު ރާކިން އިނީ އެކުވެރިންތަކަކާއި ވާހަކަ ދައްކަން މަޑުކޮށްލައިގެންނެވެ. ދުރުގައި ޔޫން ގޮވައިގެން ޒާނަ އިނެވެ. ރާމިޒާ ފެންނާކަށް ނެތެވެ. ޔާނިޝް ނިދައިގެން އާރިއާ އެތެރެއަށް ދާން ހިނގައިގަތްތަން ރާކިން ދުށްޓެވެ. ދުރުގައި އިން ތައުފީޤަށްވެސް ފެނުނެވެ. ދެކޮޅު ހޯދާލާފައި ރާކިން ހިނގައިގަތެވެ. ފަހަތުން ތައުފީޤްވެސް ދާން ހީކޮށްލިއެވެ. އެކަމަކު ކުރިމައްޗަށް އައިސް ހުއްޓުނު ފިރިހެނަކު ފެނިފައި އޭނައަށް ޖެހުނީ އެހިޔާލު ދޫކޮށްލާށެވެ.
ރާކިން ފަހަތުން އަންނަކަމެއް އާރިއާ ނުދެނަހުއްޓެވެ. ކޮޓަރިއަށް ވަދެ ދަރިފުޅު އެނދުގައި ބޭއްވިތަނާ ދޮރުލެއްޕެނު އަޑުއިވިފައި ބަލާލިއިރު ރާކިން ދޮރު އެތެރެއިން ތަޅުލަނީއެވެ. އެވަގުތު އޭނާގެ ހިތް ތެޅިގަތެވެ.
“ރާކިން. ކީއްކުރަނީ މިތާ؟ ބައްޕަމެންނަށް އެގިއްޖެއްޔާ…”ރާކިން އެނބުރި ބަލާލުމާއެކު އާރިއާ ދައްކަންއުޅުނު ވާހަކަ މެދުކެނޑުނެވެ. ކަންބޮޑުވެފައި އޭނަ ބަލަހައްޓައިގެން ހުއްޓާ ރާކިން އައިސް ހުއްޓުނީ ކުރިމައްޗަށެވެ. އެއަށްވުރެ ހައިރާންކަމެއް ލިބުނީ ރާކިން ކުޑަކަކޫ ޖަހާލައިގެން ތިރީގައި އިށީންތަން ފެނިފައެވެ.
“ގިވް މީ ޔުއަރ ހޭންޑް!” ރާކިން އިސްއުފުލާލާފައި އަތްތިލަ ހުޅުވާލިއެވެ.
އާރިއާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަ ބަލަހައްޓައިގެންހުއްޓާ ރާކިން ދެވަނަފަހަރަށްވެސް އެބަސް ތަކުރާރުކޮށްލުމުން އަތްތިލަ އުފުލާލިއިރު މަޑު ތުރުތުރެއް އުފެދިފައިވެއެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އާރިއާ އެއަތްތިލަ ރާކިންގެ އަތްމަތީ ބޭއްވިއެވެ. އެވަގުތު ރާކިން އެއަތުގައި ހިފާ ބާރުކޮށްލުމުން ފިނިވާގޮތްވިއެވެ.
“އާރިއާ! ހަނދާން އެބަހުރިތަ އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވި ދުވަސް؟ ކާނިވާ ތެރެއިން ފެނިގެން ސްޓޭޖަށް އައި އެންމެންގެތެރޭގައި ލޯބި ހުށައެޅި ދުވަސް. ޝުއަރ ޔޫ ޑޫ. އެދުވަހު އާރިއާ ބުނީ ފުރަތަމަ ނަޒަރުން ލޯއްބެއް ނުވެވޭނެއޭ. އެއަށްކިޔާނީ މޮޔަވުމޭ. އެމޮޔަކަން ފިލަން ކުޑަދުވަސްކޮޅެއްވެސް ނުނަގާނެއޭ. ޖަވާބުގައި އަހަރެން ބުނީ އެންމެ ފެނިލުމަކުން އެންމެ ސިކުންތެއްގެ ތެރޭގައި ވެވުނު ލޯބި ފިލައިދާން އަހަރެންގެ މުޅިއުމުރު ހުސްވެދާނެއޭ. ވާހަކައަކީ އަހަރެން ނިމިދާނީ އާރިއާދެކެ ލޯބިވާ މީހެއްގެ ގޮތުގައޭ.” މާޒީގެ ހަނދާންތަކުގެތެރެއަށް ދެހިތް ފީނައިގަތުމުން އެދުވަސްތައް ލޯ ކުރިމަތީ ސިފަވެގެން ދިޔައެވެ.
“މިއަދު އަނެއްކާވެސް އަހަރެން ހަނދާންކޮށްދޭން ބޭނުން ވަނީ އަހަރެން އާރިއާދެކެ ލޯބިވާވަރު. އަނެއްކާވެސް އަހަރެން ބުނެލަން އޮތީ އެދުވަހު އަހަރެންގެ ހިތުން ދެވުނު މަޤާމު ދުވަހަކުވެސް ފިލައިގެންނުދާނެއޭ. އަބަދުވެސް ލޯބިވާނަން. އާރިއާ ކޮންމެ ގޮތަކަށް ކަންތައްކުރިއަސް، އާދަމްއާއި ކައިވެނިކުރުމަކީ އާރިއާ ބޭނުންގޮތް ކަމުގައިވާނަމަ އެކަމާއިވެސް އަހަރެން ދެކޮޅެއް ނުހަދާނަން. ވަޓް އައި ވޯންޓް އިޒް އާރިއާ އުފަލުގައި ހުރުން. އެއީ ކަންނޭނގެ ލޯއްބަކީ.” ވާހަކަދައްކާ ނިމުމާއެކު ރާކިންގެ ތުންފަތަށް ލުއިހިނިތުންވުމެއް ވެރިކުރުވިއެވެ. އެކަމަކު އޭނާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.
އާރިއާގެ ހާލަކީވެސް އެއީއެވެ. ތުންފަތުގައި ދަތްއަޅައިގެން ހުއްޓާވެސް އޭނާއަށް ރޮވިދާނެހެން ހީވެގެން އަތްދަމައިގެންފައި އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ ރޯންފެށީ ރާކިން ތެދުވެގެން ގޮސް ދޮރުހުޅުވާލާފައި ނިކުތްކަން ޔަޤީންވީމައެވެ.
ޔޫން ކޮޓަރިއަށް ދާން ކިޔަން ފެށުމުން ޒާނަ ތެދުވިއެވެ. އެތެރެއަށް ގޮސް ވަނުމާއެކު ޔޫންގެ އެދުމަކަށްވީ އެކުގައި ކުޅުމެވެ. ޒާނަ އެއްބަސްވިއެވެ. އެނދުމައްޗަށް ކުޅޭ އެއްޗެހިތައް އޮއްސާލައިގެން ދެއަންހެން ކުދިން ތިއްބާ ކޮޓަރީގެ ދޮރުހުޅުވުނު އަޑު އިވުނެވެ. އެވަގުތު ޒާނައަށް އިންތަނުން ތެދުވެވިއްޖެއެވެ. ކޮޓަރިއަށް ވަދެ އެހުރީ މިސްކުއެވެ. މިސްކުއަށްވެސް ޒާނަ ފެނުމުން އެހުރިހިސާބަށް ހުއްޓިގެން ބަލަން ހުއްޓެވެ. ދެވަނަ ސިކުންތުގައި އޭނާ ހިނިތުންވުމަކާއިއެކު އައިސް ޔޫންގެ ކައިރީގައި އެނދުގައި އިށީންދެފައި ވާހަކަދައްކަން ފެށިއެވެ.
“ޔޫން ނުފެންނާތީ ގިނަދުވަސްވެގެން ބޭބެ މިއައީ.” މިސްކު ބަލާލީ އަނެއްކާވެސް ޒާނައަށެވެ. ޒާނަ އިނީ ބަލަހައްޓައިގެންނެވެ.
“ހައެ! ކިހިނެތް ކަންތައްތައް؟” މިސްކު އަނެއްކާވެސް ހިނިތުންވެލިއެވެ.
“ކިހިނެތް ވެޑިންގެ ކަންތައްތައް ކުރިއަށް ދަނީ؟ ބީޗްވެޑިންއެއްތަ ނޫނީ ސަފާރީ ވެޑިންއެއްތަ ބާއްވަނީ؟” ޒާނަ ބާރުބާރަށް ހިނގާފައި ދޮރާއި ދިމާއަށް ދާންފެށިއެވެ. ދޮރުގައި ހިފާލިތަނާ މިސްކު ގޮވާލިއަޑަށް ހުއްޓިފައި ފަސްއެނބުރުނުއިރު އޭނާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.
“ޒާނަ!” މިސްކުއަށް ދައްކާނެ ވާހަކައެއް ނޭނގިގެން ދެރަވެލާފައި އެނަން ތަކުރާރުކޮށްލިއެވެ.
“އެހެން ހިޔާލެއް އަތުވެއްޖެ. ފްލައިޓެއްގަ ވެޑިން ސަޅިވާނެ.” ޒާނަ އަނެއްފަރާތަށް އެނބުރިފައި ދޮރު ލައްޕާލިއެވެ.
ކޮޓަރިން ނިކުތްއިރު ޒާނަގެ ވިސްނުމުގައިވީ އެންމެ ކަމެކެވެ. އެއީ ވީހާ އަވަހަކަށް އެތަނުން ނިކުމެގެން ދިއުމެވެ. ރާކިންއަށްވެސް އެންގުމެއްނެތި އޭނާ މަގުމައްޗަށް ނިކުމެގެން އެތައް ހިސާބު ދުރަށް ހިނގާފައި ދިޔައެވެ. ދެލޮލުން ކަރުނަ ފައިބަންފެށީ އެއްފަރާތެއްގައި ހުއްޓިފައި ވަށައިގެން ނަޒަރު ހިންގާލިފަހުންނެވެ. އެވަގުތު މީހުން އޭނައަށް ބަލާހެން ހީވެގެން އަވަސްއަވަހަށް ދެލޯ ފުހެލިތަނާ ސިއްސައިގެން ދިޔައެވެ. ފަހަތުން ކޮންމެވެސް މީހަކު ޒާނަގެ ކޮނޑުމަތީގައި އަތް ބާއްވާލައިފިއެވެ. އެއީ ކާކުކަން ދެނެގަތުމަށްޓަކައި ޒާނަ ލަސްލަހުން އެނބުރިފައި ބަލާލިއެވެ.
ނުނިމޭ