.
ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ކުޅުދުއްފުށީގައި ފޮތް މައުރަޒެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ދިވެހިބަހުގެ އެކަޑަމީއާއި، ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އަދި ސެންޓަރ ފޯރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނާ ގުޅިގެން ބާއްވާ މި ފޮތް މައުރަޒް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 4 ން 6 ގެ ނިޔަލަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުގައެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ސީނިޔާ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުހައްމަދު ނާޒިމް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފޮތް މައުރަޒްގެ މައިގަނޑު މަޤްޞަދަކީ އެއްތަނަކުން ހެޔޮ އަގުގައި ގިނަ ފޮތްތަކެއް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުން ކަމަށެވެ.
“އަޅުގަނޑުމެން ބޭނުން ވަނީ މިކަމުން އާމްދަނީއެއް ހޯދާކަށް ނޫން. ރައްޔިތުންނަށް ފަސޭހަކަމާއެކު ފޮތްތަށް ލިބޭނެ ގޮތެއް ހޯދައިދޭން” ނާޒިމް ވިދާޅުވި އެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ދިވެހި ބަހުގެ ޤަވާއިދާއި، އަދަބިއްޔާތު އަދި ތާރީޚާއި ގުޅޭ ތަފާތު ފޮތްތައް ލިބެންހުންނާނެއެވެ.
ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ލައިބްރޭރިއަން އަދި މި ފޮތް މައުރަޒްގެ ކުއްލިއްޔާގެ މަސްއޫލުވެރިޔާ ސީމާ އަބްދުއް ރައްޒާގު ވިދާޅުވި ގޮތުގައި ކުއްލިއްޔާގެ ސްޓޯލުން 30ހަށް ވުރެ ގިނަ ވައްތަރުގެ ދީނީ ފޮތްތައް ލިބެން ހުންނާނެއެވެ. އަދި އޭގެ ތެރޭގައި މުޅިން އަލަށް ނެރޭ 2 ފޮތެއްވެސް ހިމެނެއެވެ.
މިފޮތް މައުރަޒަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިކަން އިންތިޒާމް ކުރައްވާ ފަރާތުން ހާމަކުރައްވައެވެ.