.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ކުޅުދުއްފުށީގެ ސްކޫލްތަކުގައި ފާހަގަ ކުރަމުން އެބަދެއެވެ.
މިގޮތުން އަފީފުއްދީން ސްކޫލުގައި މިއަދު ހެނދުނު ވަނީ ޚާއްސަ އެސެމްބްލީ އެއް ބާއްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރ އިބްރާހިމް ނަސީމް ޝަރަފްވެރިކޮށްދެއްވި މި އެސެމްބްލީގައި ފެންފިނި އަދި ހޫނުކޮށް ބެހެއްޓޭނެ ކޫލަރެއް ވަނީ ޕީޓީއޭ ގެ މަންދޫބުންގެ ފަރާތުން ސްކޫލަށް ހަދިޔާކުރައްވާފައެވެ. މި އެސެމްބްލީގައި ޝަރަފްވެރި މެހެމާން ވަނީ ދީނީ ރޮނގުން މުދައްރިސުންގެ އަގު ވަޒަން ކުރުމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ނެޓްބޯޅަ އަދި ފުޓްބޯޅަ މެޗެއް ކުޅުމަށް އެ ސްކޫލުން ވަނީ ނިންމާފައެވެ.
ހދ އަތޮޅު ތައުލީމި މަރުކަޒުގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު އެންމެ ފުރަތަމަ ވަނީ އެއްޓީޗަރަކު އަނެއް ޓީޗަރަކަށް ހަދިޔާ ދިނުން ކުރިއަށް ގެންގޮސްފައެވެ. ސީކްރެޓް ފުރެންޑަށް ހަދިޔާ ދިނުމުގެ މި ހަރަކާތަށް ފަހު ގްރޭޑްތައް ވަކިން މުދައްރިސުންނަށް ހަދިޔާ ދީ ހުނަރު ދައްކާލުން އޮތެވެ. ތަޢުލީމާ މަރުކަޒުގެ ފަރާތުން މާދަމާރޭ ޑިނަރ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭއީސީ އެކޭ އެއްފަދައިން އިރުމަތި އަވަށު ޕްރީސްކޫލްގައިވެސް މާދަމާރޭ ޑިނަރ ނައިޓެއް ބޭއްވުމަށް ވަނީ ރާވާފައެވެ.
ޖަލާލުއްދީން ސްކޫލުގައި މިރޭ ކުޑަ ހަފްލާއެއް ބެއްވުމަށް ވަނީ ނިންމާފައެވެ. އަދި އަމީރު އަމީން ސްކޫލްގައި މިދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.
ގިނަ ސްކޫލް ތަކުގައި ބެލެނިވެރިން އިސްނަގައިން ކުރިއަށް ގެންދާ މިހަރަކާތްތަކުގެ އިތުރުން ސްކޫލްތައް ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ.
ނޯޓް: އިތުރު ފޮޓޯތައް ކުޅުދުއްފުށީ އޮންލައިން ފޭސްބުކް ޕޭޖްގައި