.
ގައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފަހި ދުވަސް އިއްޔެ ހަވީރ ކުޅުދުއްފުށީ ކެމްޕަހުގައި ފަށައިފި އެވެ.
މިކަމަށްޓަކައި އޮތް ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ފައްޓަވައިދެއްވީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. ޢަލީ ޝަރީފެވެ. އެބޭފުޅާގެ ވާހަކަފުޅުގައި ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މިއަހަރު އަލަށް ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ ބެޗްލަރ އޮފް ޓީޗިން ސެކަންޑްރީ ކޯހަށް އެދެވޭ ތަރުޚީބެއް ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ފަހި ދުވަހަކީ ވަރަށް ބޭނުންތެރި ދެ ދުވަސްކަން ފާހަގަކުރެއްވި އެވެ.
2013 ވަނަ އަހަރުގެ ޖެނުއަރީގައި ކުރިއަށް ގެންދާނެ ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ދަރިވަރު ކުރިއަށްދާނެ ދާއިރާއެއް ޚިޔާރުކުރުމަށް އެހީތެރިވެދީ، ސެޓްފިކެޓްތައް ހިލޭ އެޓެސްޓްކޮށް އެޕްލިކޭޝަން ފޯމް ފުރުމާއި ބަލައިގަތުން ވެސް މިދުވަހުގައި ކުރިއަށްދާނެއެވެ.
ކުޅުދުއްފުށީކެމްޕަހުން މައުލޫމާތު ދެއްވި ގޮތުގައި އެ ކެމްޕަހުގެ އިންޖިނިއަރިންގ ވޯކްޝޮޕާއި، އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް ވޯކްޝޮޕްތަކުގައި ދަރިވަރުން ކުރާ މަސައްކަތް ފަހިދުވަހަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ދައްކާލުމުގެ އިތުރުން ފަހިދުވަހަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ބަރުދަނާއި ބްލަޑް ޕްރެޝަރ ބެލުމާއި ހަކުރުބަލީގެ މައުލޫމާތު ދިނުންވެސް މިދެދުވަހު ކުރިއަށްދާނެއެވެ.
ފަހިދުވަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ ގެ ޑީން ޝާތިފް ޢަލީއާއި، ކުޅުދުއްފުށީ ކެމްޕަހުގެ އިސްވެރީންނާއި މުވައްޒަފުން އަދި ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި މިވަގުތު އެކެމްޕަހުގައި ތައުލީމް ހާސިލްކުރަމުންދާ ބައެއް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ކުޅުދުއްފުށީގައި މިރޭގެ 10 ޖެހުމާއި ހަމައަށް “ފަހި ދުވަސް” ކުރިއަށްދާއިރު މާލޭގައި މިދިޔަ ހަފްތާގައި ވަނީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގައި “ފަހި ދުވަސް” ކުރިއަށް ގެންގޮސްފައެވެ.