twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާހަކަ – މޮޔަ ހިތް މަގޭ (26)

Oct 9, 2012

.

މަރިޔަމް ޔަސްމާ

އޮކްޓޯބަރ 02 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ކުރިމަތީގައި ހުރި ޒުވާނާ މާދިގެއް ނޫނެވެ. އެކަމަކު އެއީ ހެޔޮވަރުގެ އިސްކޮޅަކާއި އެކަށީގެންވާ ރޫފައެއްގެ ވެރި ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާފައެވެ. މޫނު އަލިވެފައި ހިތްގައިމެވެ. އެއީ ޒާނައަށް އާ މޫނެއް ނޫނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެތަކެއްފަހަރު އެޒުވާނާ ފެނުނެވެ. ބައްދަލުވެ ވާހަކަވެސް ދެކެވުނެވެ.

“ހައިޝަމް ސަރ!” ޒާނަ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ހައިޝަމް ހިނިތުންވެލިއެވެ.

“މިހާ ދުރުގައި އެކަނި ކީއްކުރަނީ؟” ހައިޝަމްގެ ސުވާލުން ޒާނަ ކަންބޮޑުވިއެވެ.

“ހައިޝަމް ސަރ ކީއްކުރަނީ؟” ޒާނަވެސް ކޮށްލީ ސުވާލެކެވެ.

“ހެހެ މިހެން ދަނިކޮށް ޒާނަ ފެނިގެން މަޑުކޮށްލީ. ހިނގާ އަހަރެން ގެއަށް ގެންގޮސް ދޭނަން.” ހައިޝަމް އެއްފަރާތަކަށް ޖެހިލާފައި ފަހަތުގައި ހުރި ސައިކަލް ދައްކާލިއެވެ. ޒާނައަށް ދެލޯބޮޑުކޮށްލެވުނެވެ. ހައިޝަމްގެ ސައިކަލް ފަހަތަށް އަރަން އޭނައަކަށް ނުކެރޭނެއެވެ.

“އައްދޭ ހާދަ ބިރެއްތިގަތީ. އަހަރެންމީ ނުދަންނަމީހެއްވެސް ނޫނެއްނު. ދެން އަރާބަލަ. ގެއަށޭ ގެންގޮސް ދޭނީ. އެހެންނޫނީ ގޭ ނަންބަރު ގެނޭ ގުޅާނަން.” ޒާނަގެ ހާސްކަން ފެނިގެން ހައިޝަމްއަށް ހެވުނެވެ. އެކަން ސިއްރުކުރަންވެގެން އޭނާ އަނެއްފަރާތަށް އެނބުރުނެވެ.

“ހިނގާ ދާން!” ޒާނަ ކުއްލިއަކަށް ބުނެލިއެވެ. ހައިޝަމް ގޮސް ސައިކަލަށް އަރާ އިށީނުމާއެކު ފަހަތުން ޒާނަވެސް އަރައިފިއެވެ. ސައިކަލް ނައްޓާލުމާއެކު ހައިޝަމްގެ ބަނޑުގައި ޒާނަ ދެއަތުން ނިކަން ބާރަށް ހިފެހެއްޓިއެވެ.

“ބިރުންތަ ތިއިންނަނީ؟” ހައިޝަމްއަށް ޒާނަގެ ހިތުގެ ތެޅުން އިވޭކަހަލައެވެ.

“މިނޫނީ ދުވަހަކުވެސް ސައިކަލަކަށް ނާރަން.” ޒާނަގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވިއެވެ.

“އެއްވެސް ގެއްލުމެއްނުދީ ޒާނަ ގެއާއި ހަމައަށް ގެންގޮސްދޭނަން. ޓްރަސްޓް މީ.” ހައިޝަމްގެ މަޤްސަދަކަށްވީ ޒާނަގެ ހާސްކަން ދުރުކޮށްދިނުމެވެ. އެކަމަކު ހިތާއިހިތުން އޭނާ އިނީ ހިނިތުންވެފައެވެ. ޒާނަގެ ބީހުން ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ގެއާއި ހަމައިން ދެމީހުން ވަކިވީއެވެ. އެކަމަކު ހައިޝަމް އެދިޔައީ އެދެމެދުގައި އޮތް ގުޅުމަށް މުޅިން އާ ނަމެއް ދީފައެވެ. އެކަން އިނގެނީ އޭނައަށް އެކަންޏެވެ.

ޒާނަ ފަދައިން ރާކިންވެސް ނިކުމެގެން އައީ އެކަންޏެވެ. ޒާނަމަތިން އޭނާ ހަނދާންވީ އެތައްއިރެއް ވީ ފަހުންނެވެ. ޒާނަ އަތުވެއްޖެތޯ ބަލަންވެގެން ކޮޓަރިން ނިކުތްތަނާ ދިމާވީ އާތިފާއެވެ.

“ހައެ ރާކިން. ކޮބާ ޒާނަ؟” އާތިފާގެ ސުވާލުން ރާކިން އިތުރަށް ކަންބޮޑުވިއެވެ.

“އަހަރެން މިހުރީ.” އަޑުއައީ ބޭރުންނެވެ. އައިސް ދޮރުމައްޗަށް ހުއްޓުނުއިރު ޒާނަގެ އަތުގައި ފިނިފެންމާތަކެއް ހުއްޓެވެ. އޭނާ އެއައީ ބަގީޗާއިންނެވެ.

“ސޮރީ ރާކިން.” މާތައް ދައްކާލާފައި  ޒާނަ އަނގައަށް ގޮތެއް ހަދާލިއެވެ. ރާކިން ހިނިތުންވެފައި ދާންވެގެން އަނެއްފަރާތަށް އެނބުރުނެވެ. އެވަގުތު ޒާނައާއި އާތިފާގެ މެދުގައި ދެކެވުނު ވާހަކަތަކުން އެމީހުން ތަނަކަށް ދާން އުޅޭކަން އޭނާއަށް އެނގިއްޖެއެވެ.

“ތަނަކަށް ދާންތަ ތިއުޅެނީ؟” ރާކިން ހުއްޓިފައި ދެ އަންހެން ކުދިންނާއި ކުރިމަތިލިއެވެ.

“ޓީޗާރސްޑޭ ސެލެބްރޭޓް ކުރަންވެގެން އަހަރުމެން ޕާޓީއެއް ދެނީ. އެހެންވެ އެތަން ތައްޔާރުކުރަން ދާންވެގެން.” ޒާނަ ޖަވާބުދިނެވެ.

“އޯކޭ. އަންނަންވީމަ ގުޅާ. އަހަރެން ކާރު ފޮނުވާލާނަން.” ރާކިން ހިނގައިގެންފައި އަނެއްކާ ހުއްޓުނެވެ.

“ޒާނަ އާދެބަލަ!” ރާކިން ގޮވާލިއެވެ. ޒާނައަށް ބަލާލެވުނީ އާތިފާގެ މޫނަށެވެ. އަދި އަވަސްއަވަހަށް ގޮސް ރާކިންގެ ކައިރިއަށް ހުއްޓިއްޖެއެވެ. އެވަގުތު ރާކިން ހިނގައިގަތީ އަނެއްކާވެސް ކޮޓަރިއަށް ވަންނާށެވެ. ފަހަތުން ޒާނަ ދިޔައެވެ. އަލަމާރި ހުޅުވާލާފައި ރާކިން ނެގީ ވޮލެޓެވެ. އަދި އެއިން ފަސްސަތޭކައިގެ ނޫޓްތަކެއް ނަގާ ޒާނައަށް ދިއްކޮށްލިއެވެ.

“މިކޮންކަމެއް؟” ޒާނަ ހުރީ ދެލޯބޮޑުވެފައެވެ.

“ޕާޓީ ތައްޔާރުކުރާއިރު ގަންނަންޖެހޭ އެއްޗެހިވެސް ހުންނާނެއެއްނު. އެހެންނޫނަސް ތިކަހަލަ ޕާޓީތަކުގައި ހުރިހާ ކުދިންއަތުން ފައިސާނަގައިގެން ދޯ ތައްޔާރުކުރަނީ. އެހެންވީމަ މީ ޒާނަގެ ފަރާތުން ދޭންޖެހޭ ބައި.” ރާކިން އެނޫޓްތައް ޒާނަގެ އަތުތެރެއަށް ލައިދިނެވެ. އިތުރަށް ވާހަކަދައްކަން އުޅެންފެށުމުން ރާކިން އެކަން މަނާކުރިއެވެ. ހިތާއި ދެކޮޅަށްވެސް ޒާނައަށް ޖެހުނީ އެފައިސާ ގަބޫލުކުރާށެވެ.

ރޭގަނޑުގެ ވަގުތެވެ. ކާމޭޒުދޮށުގައި އާރިއާގެ އާއިލާ އާއި އިތުރަށް އާދަމް އިނެވެ. އެކަމަކު ތަނަށްވެރިވެފައި ވަނީ ހިމޭންކަމެވެ. ކޮންމެމީހަކުވެސް މަޑުން އިނދެގެން ކެއުން ކުރިއަށް ގެންދިޔައެވެ. ބައެއްފަހަރު ޔޫން ބުނެލާ ބަހެއްގެ އަޑު ނޫނީ ނެތެވެ.

“އާދަމް މިގެނައީ މުހިންމު ވާހަކައެއް ދައްކަންވެގެން.” ތައުފީޤް ވާހަކަދައްކަން ފެއްޓިއެވެ. އެވަގުތު އެހެން އެންމެންގެ ނަޒަރުވެސް އޭނާއަށް ހުއްޓުނެވެ.

“އާދަމްގެ މައިންބަފައިންނާއި މިވާހަކަ ހިއްސާ ކުރެވިއްޖެ. އެމީހުން ޤަބޫލު. ދެން އޮތީ އާދަމް ބޭނުންވާގޮތް.” މެދުކަނޑާލާފައި ތައުފީޤް ބަލާލީ އާރިއާގެ މޫނަށެވެ. އެވަގުތު އާރިއާ ފާޑަކަށް ސިހިފައި ބިރުން އިސްޖަހާލިއެވެ.

“މިކަމާއި އާދަމްގެ ހިޔާލަކީ ކޮބާ؟ އާރިއާއި އިންނަން ތައްޔާރުތަ؟” ތައުފީޤް ސުވާލުކުރިއެވެ. އެވަގުތު އާދަމް ސިހިފައި ކޮޅަށް ތެދުވެއްޖެއެވެ. ފުރަތަމަވެސް އޭނާގެ ނަޒަރު ސީދާވީ އާރިއާގެ މޫނަށެވެ. ފެންކަޅިވެފައިވާ އެދެލޮލުން އާދަމްއަށް އެތައްކަމެއް އަންގައިދިނެވެ.

“އާރިއާ އަކީ ހަމައެކަނި އަހަރެންގެ އެކުވެރިއެއް. އޭނާއަށް އަންބެއްގެ މަޤާމު ދިނުމަކީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫން.” އާދަމް ހިތްވަރުކޮށްފައި ތައުފީޤާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވަގުތު އެމޫނުން އޭނައަށް ފެނިގެންދިޔައީ ރުޅިވެރިކަމެވެ. އަނެއްކޮޅުން އާރިއާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އާދަމް އޭނާއަށް ދެރައެއް ނުދޭނެކަން މާކުރިންވެސް އާރިއާއަށް ވަނީ ޔަޤީންވެފައެވެ.

“އެންމެ ރަނގަޅު. އާދަމް އެއްބަސްނުވިއްޔާ ދެން ޖެހޭނީ އެހެންމީހަކު ހޯދަން.” ތައުފީޤްގެ ރުޅިވެރިކަން ފޮރުވާލަމުން މޫނުމަތިން ހަމަޖެހޭގޮތް ދައްކާލިއެވެ.

“ރާކިން ހުއްޓާ ކީއްވެ އެހެން މީހަކު؟ އެއީއެއްނޫންތަ އާރިއާ އިންނަން އެންމެ އެކަށީގެންވާ މީހަކީ؟ ރާކިން އެހުންނަނީ މާދަންވެސް އިންނަން ތައްޔާރަށް.” އާދަމްއަށް ނުހުރެވިގެން ވާހަކަދެއްކިއެވެ.

“ހުއްޓާލާ! ކައިވެންޏަށް ނޫނެކޭ ބުނި ވަގުތުން ފެށިގެން ވާހަކަދެއްކުމުގެ ފުރުސަތު ކަލެއަށް ގެއްލިއްޖެ. ދެން އެންމެ ރަނގަޅުވާނީ މިތަނުން ނިކުމެގެން ދިޔައިއްޔާ.” ތައުފީޤް ތެދުވެފައި ހަޅޭތްލަވައިގަތެވެ. އެވަގުތު އާރިއާ އެއަށްވުރެ ބާރަށް ބައްޕާއޭ ކިޔާ ގޮވާލުމާއެކު ޔޫން ރޯންފެށުމުން ރާމިޒާ އެކުއްޖާ އުރައިގެން އެތެރެއަށް ދިޔައެވެ. ހައުލަތްވެސް ހުންނަން ނުކެރިގެން ދުވެފައި އެތެރެއަށް ވަނެވެ.

“އާދަމް ޕްލީޒް. ދެން ދޭ! އާރިއާ ތެދުވެފައި އާދަމްގެ ކޮނޑުގައި ހިފަހައްޓާލަމުން އާދޭސްކުރިއެވެ.

“އާރިއާ. އައި ވޯނަ ހެލްޕް ޔޫ. ދެން ތިގޮތަށް ހިމޭނުން ހުރެގެން ބައްޕަ ބޭނުން މީހަކާއި އިންނާނީތަ؟ އޭރުން ރާކިންއަށް ވާނީ ކިހިނެތް؟ ޔޫން އާއި ޔާނިޝްއާއިމެދު ވިސްނާލަބަލަ!” އާދަމް އާރިއާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“ކަލޭ ނިކުމޭ މިގެއިން. މަށަށް އިނގޭނީ މަގޭ ދަރިން ދެވާނެ ބައެއް.” ތައުފީޤް އައިސް އާދަމްގެ ގިރުވާނުގައި ހިފާފައި ގޭގެ ދޮރާއި ދިމާއަށް ގެންދަން ފެށުމާއެކު އާރިއާއަށް ރޮވިއްޖެއެވެ. އެވަގުތު އެތަނަށް ނިކުތް ރާމިޒާއަށް އެމަންޒަރު ފެނިގެން ތައުފީޤްއޭ ކިޔާ އަޑުގެކޮޅަށް ގޮވާލާފައި ދުވެފައި އައެވެ. ރާމިޒާ އާދޭސްކުރަން ފެށުމުން ތައުފީޤް އާދަމްގެ ގިރުވާނުން ދޫކޮށްލިއެވެ. ރާމިޒާ ތައުފީޤް ގޮވައިގެން ކޮޓަރިއާއި ދިމާއަށް ދިޔައިރު އާރިއާ ދިޔައީ އާދަމް ގޮވައިގެން ގޭގެ ދޮރާއި ދިމާއަށެވެ.

ކޮޓަރިއަށް ވަދެފައި ތައުފީޤް ގޮސް އެތާހުރި ގޮނޑިއަކަށް ވެއްޓިގަތެވެ. ރުޅިއައިސްގެން އޭނާގެ މޫނުވަނީ ރަތްވެފައެވެ.

“ހާދަ ގޮތްކުޑަ ކުއްޖެކޭ އެއީ. ނީންނަމޭ ބުނެފަ ދިޔައީމަ ނިމުނީނު. އަދި ޖެހޭތަ މާ ހެޔޮއެދިގެން އާރިއާ ދެވާނެ މީހުން މަށަށް ކިޔައިދޭން. އަހަރެން ހަމަ ހުވާކޮށްފަ މިބުނަނީ ދެނެއް އެ ރާކިންއަކަށް އާރިއާއަކާއި ނީދެވޭނެ. އެއްފަހަރު އެކުށް ކުރެވިއްޖެ މަށަށްވެސް. ނުރުހުންވެ ހުރެވެސް އެދެމީހުން އިންނަން ވަލީ ދެވުނުކަން އެއީ މަގޭ ކުށް. އެދުވަހުވެސް އެހެން އެވީ އަހަރެންނަށް އާރިއާދެކެ މާބޮޑަށް ލޯބިވެވުނީމައި. ބަދަލުގައި އޭނަ ކިހިނެތް އެހެދީ އާރިއާއަށް.” ތައުފީޤް ވާހަކަދައްކަމުން އިސްއުފުލާލިއިރު ރާމިޒާ ހިމޭނުން ވިސްނުމަކަށް ގެއްލިފައިހުއްޓެވެ. އޭނާގެ މޫނަށް ބަލާލުމުން ތައުފީޤްގެ ވާހަކައާއި މާ ގަޔާވެފައި ހުރި ހެނެއް ހިއެއްނުވެއެވެ.

“ރާމިޒާވެސް ހިތަށް އަރައިފާނެ އަހަރެންނަކީ ވަރަށް ނުބައި މީހެކޭ. އެކަމަކު އަހަރެން މިހެން ކަންތައް މިކުރަނީ ހަމަ އާރިއާއަށް ރަނގަޅަކަށް. ދެވަނަ ފަހަރަށް އެރާކިންގެ މަޅީގައި އޭނަ ޖެހުނަނުދޭން.” ތައުފީޤް ތެދުވެފައި ރާމިޒާގެ ކޮނޑުގައި ހިފާލިއެވެ.

“ތައުފީޤް. އަހަރެން ހިތް ބުނަނީ އެހެން ވާހަކައެއް. އަހަރެންނަށް ހީވަނީ ކުރިއެކޭ އެއްގޮތަށް މިއަދުވެސް ރާކިން އާރިއާދެކެ ލޯބިވާހެން. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ. އެކަމަކު އޭގެ މާނައަކީ ދެވަނަ ފުރުސަތަކުން އޭނަ މަހުރޫމް ކުރުމެއް ނޫނެއްނު. އަހަރެންނަށް ފެންނަނީ ރާކިންއަށް އަދި އެއް ފުރުސަތު ދޭން. ” ރާމިޒާ މަޑުމައިތިރިކަމާއެކު ހިޔާލު ފާޅުކުރިއެވެ.

“ނުވާނެ ތިކަމެއް. އަހަރެން ދިރިހުއްޓާ ތިކަން ވިޔަކަނުދޭނަން.” ތައުފީޤް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

“އެހެންވިއްޔާ ތައުފީޤް ހަނދާން އެބަހުރިތަ އަހަރެން އާރިއާއަށް ބަނޑުބޮޑުއިރު ތައުފީޤަށް ކަންތައް ކުރެވުނު ގޮތް.” ރާމިޒާ ރުޅިއައިސްގެން ތައުފީޤްގެ އަތުގައިހިފާ މަގަތަށް އަނބުރާލިއެވެ. އެއަޑު އަހާފައި ތައުފީޤް ވަގުތުން ބަސްހުއްޓުނެވެ. ބަލަބަލާހުއްޓާ އޭނާގެ ރުޅިވެރިކަންވި ދެލޮލަށް ކަންބޮޑުވުމުގެ ކުލަވަރު ފެތުރިގެންފިއެވެ.

“ކަމަކަށް މާފުކުރުމުގެ މާނައަކީ އެކަން ހަނދާންވެސް ނައްތާލުން. ދެން ދުވަހަކުވެސް އެވާހަކަ ދޫމައްޗަށް ނުގެނައުން. އެކަން އަހަރެން ޤަބޫލުކުރަން. އެކަމަކު މިއަދު އަހަރެންނަށް މިވާހަކަ ދައްކަން މިޖެހުނީ އާރިއާއަށްޓަކައި. އެދުވަހު އަހަރެން ތައުފީޤަށް މާފުކުރީވެސް ހަމަ އާރިއާއަށްޓަކައި. ހަނދާންކޮށްބަލަ އެހެން އަންހެނަކާއި ގުޅުން އޮންނަކަން ފަޅާއެރުމުން އެކުށަށް އަހަރެންވެސް މާފުކުރާކަށް ބޭނުމެއްނުވި. އެކަމަކު ތައުފީޤް ކުރި އާދޭސް އަހާފައި އަހަރެން ބޭނުންވީ ދެވަނަ ފުރުސަތެއް ދޭން. މިހާރު އަހަރެންނަށް އިނގޭ އެދުވަހު ކަންތައް ކުރެވުނީ ރަނގަޅަށްކަން. ހަމައެގޮތަށް ރާކިންއަށް އެފުރުސަތު ނުދޭންވީ އެންމެ ސަބަބެއް ތައުފީޤް ދައްކަބަލަ. އަހަރެންނަށްވެސް އިނގޭ އާރިއާދެކެ ތައުފީޤް ލޯބިވާވަރު. އޭނާއަށް ގެއްލުމެއް ލިބެން ބޭނުން ނުވާނެކަން. އެކަމަކު ހަމަ އެންމެފަހަރަކު އަހަރެންނަށް އިތުބާރުކޮށްފަ ދެވަނަ ފުރުސަތެއް އެމީހުންނަށް ދޭން ހިނގާބަލަ!” ރާމިޒާގެ ވާހަކަ އެހިސާބަށް ދިޔަތަނާ ބޭރުން ހައުލަތް ގޮވާއަޑު އިވިގެން ދޮރުހުޅުވާލާފައި ނިކުތެވެ. އެވަގުތު ތައުފީޤް އަނެއްކާވެސް ގޮނޑިއަށް ވެއްޓިގެންފައި ރާމިޒާ ދެއްކި ވާހަކަތަކާއިމެދު ވިސްނަން ފެށިއެވެ.

ޒާނަ އެނބުރި އައިސް ގެއަށް ވަންއިރު އެރޭ އަށެއް ޖަހައިފިއެވެ. އެވަގުތު އޭނާ ހިޔާލު ކުރަމުން ދިޔައީ ނުވައެއް ޖަހާއިރު އޮންނަ ޕާޓީއަށް ދާން ލާނެ ހެދުމަކާއި ދޭތެރޭގައެވެ. ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް ހެދުން އަލަމާރި ހުޅުވާލިއެވެ. ޒާނަގެ ލޮލުގައި އަޅައިގަތީ އެންމެ މިޔަދަށަށް ވާގޮތަށް އަޅުވާފައި ހުރި ވައިލެޓް ކުލައިގެ މެކްސީއެކެވެ. ދެ އަތުކުރިއާއި ކަރުގެ ވަށައިގެން ހުދު ބޯޑަރެއް ލެވިފައިވާ އެހެދުމުގެ އެންމެ މައްޗަށް ލާފައިވަނީ ލޭސް ފޮއްޗެވެ. ޒާނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި ލަސްލަހުން ނަގާފައި ހެދުމުގައި އެއްއަތުން ފިރުމާލިއެވެ. ފުރަގަހު ކަރާއި ދިމާލުން ތިރިއަށް އެލިފައިވާ ޓެގްކޮޅު ފެނިގެން ބަލާލިއިރު އޭގައި އަގެއް ނެތެވެ. ބަދަލުގައި ލިޔެފައިވަނީ “ފޯރ ދަ ޕާޓީ.” މިހެންނެވެ. ޒާނަ ހިތާއިހިތުން ރާކިންއަށް ޝުކުރު އަދާކޮށްފައި ފެންވަރަން ވަނެވެ.

އާތިފާ ގުޅީ ޒާނަ ޕާޓީއަށް ދާން ނިކުންނަން ދަނިކޮށެވެ. ޒާނަ ހިތުގާ ޖެހުނީ އާތިފާ ނައިސްގެނެއް ނޫނެވެ. އޭނަ ދަނީ މިސްކުއާއި އެކުގައިކަން އެނގިގެންނެވެ. ފޯން ބާއްވާފައި އެނބުރިލިއިރު ރާކިން ހުރީ ބަލަހައްޓައިގެންނެވެ. އެތައް ދުވަހަކަށްފަހު އަނެއްކާވެސް ރާކިންގެ ބެލުމުން ޒާނަ ލަދުގަންނަގޮތްވިއެވެ.

“ހާދަ ރީއްޗޭ.” ރާކިން އައިސް ކައިރިއަށް ހުއްޓިފައި ބުނެލިއެވެ.

“ތޭންކްސް. ތައުރީފްކުރީމަވެސް. އަދި މި ހެދުމަށްވެސް.” ޒާނަ ކުޑަކޮށް ހީގެންފައި ޝުކުރުއަދާކުރިއެވެ.

“އެއީ ކީއްވެ އަހަރެންނަށް ޝުކުރުއަދާ ތިކުރަނީ؟ އަހަރެން ދިން ހެދުމެއް ނޫން ތީ.” ރާކިންގެ މޫނުން ހައިރާންކަން ފާޅުވިއެވެ.

“ވަޓް؟ ދެން ސަމާސާ ނުކުރޭ.” އެއްފަހަރު ސީރިއަސްވެފައި ދެވަނަ ސިކުންތުގައި ޒާނަ ހޭންފެށިއެވެ.

” ސީރިއަސްކޮށޭ މިބުނީ. އަހަރެން ޒާނައަށް ހެދުމެއް ނުދެން. އަހާބަލަ ރޫބީ ކައިރީވެސް.” ރާކިން ސީރިއަސްވިތަން ފެނިފައި ޒާނައަށް ޖެހުނީ ޤަބޫލުކުރާށެވެ. ގަޑިޖެހެން ކައިރިވަނީ ކަމުގައި ބުނެފައި އަވަސްއަވަހަށް ދާން ނިކުތްއިރު ޒާނަގެ ސިކުނޑީގައިވީ އެންމެ ސުވާލެކެވެ. ރާކިން ނޫނިއްޔާ އެހެދުން ހަދިޔާ ކުރީ ކާކު ހެއްޔެވެ؟

ކާރު މަޑުކޮށްލުމާއެކު ޒާނަ ފޭބިއެވެ. ތަބިކަށްޓާއި ހަމައަށް އަންނަ ހެދުމުގެ ފަސްބައިގައި އެއްއަތުން ހިފާ ކުޑަކޮށް ކޮށިކޮށްލައިގެން މެހުމާނުން ވަންނަމުންދިޔަ ދޮރާއި ދިމާއަށް ދާންފެށިއެވެ. ނުހަނު ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ހޯލް ތެރެއަށް ފުރަތަމަ ފިޔަވަޅު އެޅުމާއެކު އެންމެ ފުރަތަމަވެސް ޒާނަގެ ލޮލުގައި އަޅައިގަތީ މިސްކުއެވެ. އާތިފާގެ ދާދި ކައިރީ ހުއްޓިހުރެ އަތުގައި ހުރި ކޮންމެވެސް ބުއިމަކަށް އިންސާފު ކުރަމުން ދިޔައިރު އިރުއިރުކޮޅާ ވަށައިގެން ހޯދާލައެވެ. ކޮންމެވެސް މީހަކު ނުފެނިގެން އުޅޭކަހަލައެވެ.

ޒާނަ ގޮސް ހުއްޓުނީ ދުރުގައެވެ. މިސްކުއަށް ޒާނަ ނުފެނުނަސް ޒާނައަށް މިސްކު ފެންނަ ހިސާބުގައެވެ. ފަހަރަކު ޓީޗަރެއް އައިސް އެންމެން ހަމަވުމާއެކު ކޭކު ފެޅުމަށްޓަކައި އެންމެން އެއްވާން ޖެހިއްޖެއެވެ.

“ހާދަ ރީއްޗޭ!” ޒާނަގެ ކަންފަތްދޮށުގައި މީހަކު ބުނެލިއެވެ. އެވަގުތު ޒާނަ ކުއްލިއަކަށް ފަސްއެނބުރި ބަލާލިއިރު ހައިޝަމް ހުރީ ހިނިތުންވެފައެވެ. އެވަގުތު ޒާނަގެ ހިތަށް ވެގެންދިޔައީ މުޅިން އެހެން ގޮތެކެވެ. އެދެމީހުން ފަހަތުގައި ޖައްސާފައި މިސްކު ހުއްޓެވެ. ޔަޤީނުންވެސް ހައިޝަމްގެ ބުނެލި ވާހަކަ މިސްކުއަށް އަޑުއިވޭނެއެވެ.

ނުނިމޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355