ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގެ ބެލެނިވެރިންނަށް ކިޔަވައިދިނުމުގެ ޕުރޮގްރާމެއް ރޭ ހިންގައިފި އެވެ.
އަމީރު އަމީން ސްކޫލުން ބުނީ މި ސެޝަންްގެ މަޤްސަދަކީ ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދޭގޮތް ތަޖްރިބާކުރުމަށް ބެލެނިވެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.
އަމީރު އަމީން ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދު ވިދާޅުވީ، ސްކޫލުގައި ކުދިން ކުރާ ކޮންމެ ކަމަކީ ވެސް ދަރިވަރަށް ފައިދާކުރާ ކަމެއްކަން ބެލެނިވެރިންނަށް ރޭގެ މި ޕްރޮގްރާމުން ވަނީ އެނގިގެން ގޮސްފައިވާ ކަމަށެވެ.
“އަޅުގަނޑުމެން ބެލެނިވެރިނަނަށް އަންގަދޭން ބޭނުންވަނީ ކުޅުމުގެ ތެރެއިންވެސް ކުދިންނަށް ވަރަށް ގިނަ ކަންތައްތަކެއް އެބަ ދަސްވާކަން” އައިޝަތު މުހައްމަދު ވިދާޅުވި އެވެ.
މިގޮތުން ދަރިވަރުން ސްކޫލުގައި އާދައިގެ ދުވަހެއް ހޭދަކުރާނެ ގޮތް ރޭ ބެލެނިވެރިން ވަނީ ތަޖްރިބާކޮށްލުމުގެ ފުރުޞަތު ދީފައި އެވެ. އިންޓަރވަލް ގަޑިއާއި ކުޅިވަރު ކުޅުމާއި އެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކޮންމެ ކުލާހަކުން 5 ބެލެނިވެރިން ހޮވައި ރޭ ކިޔަވައިދެވުނު ތަކެތި އެހެން ބެލެނިވެރިންނާއި ހިއްސާ ކުރުން މިއަދު އޮންނާނެ ކަަމަށް އެސްކޫލުން މައުލޫމާތު ދެއްވައެވެ.
މިއީ މިގޮތަށް މިސްކޫލުގައި ކުރިއަށް ގެންދެވުނު ފުރަތަމަ ޕްރޮގްރާމަށް ވީނަމަވެސް ބެލެނިވެރިންގެ ތަރުހީބް ވަރަށް ބޮޑަށް މިކަމަށް ލިބުނު ކަމަށާއި ދެން ކޮންމެ އަހަރަކުވެސް މިފަދަ ޕްރޮގްރާމެއް ބޭއްވުމަށް ގަސްދުކުރައްވާ ކަމަށް އައިޝަތު މުހައްމަދު ވިދާޅުވި އެވެ.
އަމީރު އަމީން ސްކޫލަކީ ކުޅުދުއްފުށީގައި އެންމެ ގިނަ ދުވަސްވީ ޕްރީ ސްކޫލެވެ.