ޖަލާލުއްދީން ސްކޫލްގެ “ގްރީން ޑޭ” އެސްކޫލުގައި މިއަދު ފާހަގަ ކުރަން ފަށައިފި އެވެ.
މިގޮތުން މިއަދު އެންމެ ފުރަތަމަ ކަމަކަށް އޮތީ ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ހާޒިރުވުމުގައި ފައިމަގުގައި ސްކޫލަށް އައުމުގެ ބައެވެ. އިއްޔެ އިއުލާން ކުރެވި މިއަދު އަމަލުކުރަން ފެށި މިޕުރޮގްރާމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ގްރީންޑޭ ގެ އިންޗާޖް މުހައްމަދު ރިޔާޒް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭގެ އިތުރުން ކަރަންޓާއި ނުލާ 20 މިނެޓް މިއަދު ދަރިވަރުންނާއި މުދައްްރިސުން ވަނީ ސްކޫލުގައި ހޭދަކޮށްފައެވެ.
ގްރީން ޑޭގެ އިންޗާޖް މުހައްމަދު ރިޔާޒް ވިދާޅުވީ، އިކޯ ކްލަބްގެ ދަރިވަރުންގެ އިތުރުން ވޮލަންޓިއަރ ދަރިވަރުން ހޮވައި އެ ކްލަބާއި އަދި ތިމާވެއްޓާއި ބެހޭގޮތުން ރޭ މައުލޫމާތު ދީފައިވާ ކަމަށެވެ.
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހަވީރު ސްކޫލްގެ ޕާކުގައި ގަސްއިންދުމުގެ ޕުރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ޔުނިސެފްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ އާއި އަދި މޯލްޑިވިއަން ޔޫތް ކްލައިމެޓް ނެޓްވާރކް އިން ”ރިވައިވިންގ އީކޯ ކްލަބްސް އިން ސްކޫލްސް” ގެ ނަމުގައި ޕްރޮޖެކްޓް ތައް މިހާރު ދަނީ ހިންގަމުންނެވެ.
ޖަލާލުއްދީން ސްކޫލުގެ އިކޯ ކްލަބަކީ މީގެ މަހެއްހާ ދުވަސް ކުރިން އުފެދުނު ފުރަތަމަ ކްލަބެވެ. އެ ކުލަބުން ވަނީ ކްލަބާބެހޭ މައުލޫމާތާއި ކްލަބުން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ހިމެނޭ ބްލޮގެއް ހަދާފައި އެވެ.
ޖަލާލުއްދީން ސްކޫލުގެ އިކޯ ކްލަބްގެ ބްލޮގް އަށް ޒިޔާރަތްކޮށްލެއްވުމަށް މި ލިންކް ކްލިކް ކޮށްލައްވާ