.
ހދ އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ސްކައުޓު އަދި ކަބް ސްކައުޓް ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
މިއަދު ހަވީރު އޭއީސީގައި ބޭއްވި މިރަސްމިއްޔާތުގައި ކަބް ސްކައުޓުންނަށް ހުވާލައިދެއްވީ ކަބް ސްކައުޓު ލީޑަރ ޝަހީދާ ހަސަން އެވެ. އަދި ސްކައުޓު ދަރިވަރުންނަށް ހުވާލައިދެއްވީ ސްކައުޓު ލީޑަރ އަހުމަދު އަބްދުﷲ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ހުވާ ކުރި ހުރިހާ ދަރިވަރުންނަށްވެސް ސްކާރފް ހަވާލުކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ.
މި ރަސްމިއްޔާތުގައި، ކުރިއެރުން ހާސިލްކުރި ދަރިވަރުންނަށް ވަނީ އެރޯވެސް ހަވާލުކޮށްފައެވެ. މިގޮތުން ބްރޮންޒް އެރޯ ހާސިލްކުރި 15 ދަރިވަރުންނަށް އެރޯ ހަވާލުކޮށްދެއްވީ ސްކޫލު ބޯޑުގެ ޗެއަރ ޕާރސަން މުނީރާ އަލީ އެވެ. މީގެއިތުރުން ސިލްވަރ އަދި ގޯލްޑް އެރޯ ދަރިވަރުންނަށް ހަވާލުކޮށްދެއްވީ ޔުނިވަރސިޓީގެ ލެކްޗަރަރ އަދި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދެވެ. މިގޮތުން ސިލްވަރ އެރޯ 10 ދަރިވަރަކު އަދި ގޯލްޑް އެރޯ 3 ދަރިވަރަކު މިއަދު ވަނީ ހާސިލްކޮށްފައެވެ.
އަދި ހަމަމިއާއެކު ސްކައުޓް އެޑްވާންސް ސްޓޭނަޑާރޑް ނިންމާ ފަސްޓް ކުލާސް ބެޖް ހާސިލްކުރި 6 ދަރިވަރުންނަށާއި، ސްކައުޓު ގްރީން ކޯޑް ހާސިލްކުރި 6 ދަރިވަރުންނަށް އެވޯރޑްތައް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނެވެ. މިރަސްމިއްޔާތުގައި ސްކައުޓު ސްޓޭންޑާރޑް ބެޖް ހާސިލްކޮށްފައިވަނީ ހަމައެންމެ ދަރިވަރެކެވެ. އެއ އަހުމަދު ރިޒްހާން މުހައްމަދު ނަސީމެވެ.
މިރަސްމިއްޔާތުގައި ގްރޭޑް 5 ގެ ސްކައުޓުންގެ ޖިމްނާސްޓިކް ހަރަކާތްތަކެއްވެސް ވަނީ ދައްކާލާފައެވެ.
މިއަދު ހަވީރު އެސްކޫލުގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ.
އިތުރު ފޮޓޯތައް ކުޅުދުއްފުށީ އޮންލައިން ފޭސްބުކް ޕޭޖްގައި