ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުޅުދުއްފުށީގައި ހާއްސަ ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި އެވެ.
ކުޅުދުއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި މި ޚާއްސަ އޮފަރޭޝަނުގައި އެއްގަމުގައި ދުއްވާ 16 ވެހިކަލެއް ޗެކް ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ކުޅުދުއްފުށީގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ މީހުންނަށާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް އަމާން ތަނަކަށް ހެދުމާއި އަދި ކުޅުދުއްފުށި ރައްޔިތުންނަކީ ޓްރެފިކް ޤާނޫނާއި ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާ އަދި ޤާނޫނަށް އަޙުލުވެރިވެފައިވާ ރައްޔިތަކަށް ހެދުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އަދި އޭގެ އިތުރުން އަލަށް ތަޢާރަފް ވެފައިވާ ތާރޑް ޕާރޓީ އިންޝުއަރެންސް ޤަވައިދު ރައްޔިތުންނަށް ބުނެދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.
ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ކުރިއަށްދިޔަ މި ޓްރެފިކް އޮޕަރޭޝަނުގައި ފުލުހުން ބަލައިފާސްކުރި އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރު ފަތުރާއި ބެހޭ ޤާނޫނާއި ޚިލާފަށް ދުއްވި ފަރާތަކާއި ތަކެއްޗާއި މެދު ފިޔަވަޅު އަޅާފައިވާނެ ކަމަށް ފުލުހުންވަނީ ބުނެފައި އެވެ
އަދި އެއްގަމު ދަތުރު ފަތުރާއި ބެހޭ ޤާނޫނުގައި ބުނާ ތާރޑް ޕާޓީ އިންޝުއަރެންސް ނުކުރާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އިންޝުއަރ ކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދެއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި ޗެކު ކުރި 16 އުޅަނދުގެ ތެރޭގައި ހިމެނެނީ 14 ސައިކަލަކާއި ކާރަކާއި އަދި ޕިކަޕެކެވެ. ޓްރެފިކް އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.