.
ކުޅުދުއްފުށީގައި މި ދުވަސްވަރު ހަލުވިކަމާއެކު ވައިރަލް ހުމެއް ފެތުރެމުން އެބަދެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދު އަބްދުއްރަހުމާން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ފެތުރެމުން މިދަނީ ވައިރަލް ހުމެއް ކަމަށާއި ޑެންގޫ ހުން ވެސް މަދުމަދުން ފެންނަމުން ދާކަމަށެވެ.
“އާއްމުކޮށް ކޮންމެ އަހަރެއްގައިވެސް ދެ މޫސުން ބައްދަލުވާ ހިސާބުގަ މިކަހަލަ ރޯގާތައް ފެތުރޭ. މަދުން ނަމަވެސް ޑެންގޫ ހުން ވެސް އެބައުޅޭ.” މުހައްމަދު އަބްދުއްރަހުމާން ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މި ހުމާއި ގުޅިގެން ޑަކްޓަރަށް ދައްކަންދާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިގޮތުން މި މަހުގެ 4 ން 10 ގެ ނިޔަލަށް 227 މީހުން ވަނީ ޑަކްޓަރަށް ދައްކާފައެވެ. އޭގެ ތެރޭގައި 71 ކުޑަކުއްޖަކު ހިމެނެއެވެ. އަދި ޑެންގޫ ހުމަށް ޕޮސިޓިކް ވެފައިވާ 2 މީހަކަށް މިހާރު ފަރުވާދެމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
މިރޯގާގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުން ބޮލާއި ގައިގާ ރިއްސުމާއި ގަދަޔަށް ހުން އައުމުގެ އިތުރުން އަރިދަފުސް އެޅުން ހިމެނެއެވެ. އާއްމު ގޮތެއްގައި ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތްތަކާއި، ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ކިބައިން ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ގޭގައި އަމިއްލައަށް ފަރުވާ ހޯދުމުގެ ބަދަލުގައި ޑަކްޓަރެއްގެ ލަފާގެ މަތިން އަމަލުކުރުމަށް އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދު އަބްދުއްރަހުމާން އިލްތިމާސް ކުރެއްވިއެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީވެސް ބަލި ފެތުރުނަ ނުދިނުމަށް މުހިއްމު ކަމެއްކަމަށް ވިދާޅުވި އެވެ.