.
ހދ އަތޮޅު ރައްވެހިގޭގެ މައްސަލާގައި އެތަން ކުއްޔަށް ހިފައިގެން އުޅުނު ސެއިލަރސް ގްރޫޕްގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމަށް ހދ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ނައިބުރައީސް އަދި މީޑިއާ ކޯޑިނޭޓަރ ޒަކަރިއްޔާ ހަސަން ވިދާޅުވީ ދައުވާކުރަނީ، ސެއިލަރ ގުރޫޕު ހދ އަތޮޅު ރަށްވެހިގެ ކުއްޔަށް ހިފައިގެން އުޅުނުއިރު އެތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ނުދައްކާހުރި ކުލި ހޯދުމަށާއި އަދި އެގްރީމެންޓާއި ޚިލާފް ވެފައިވާތީ ކަމަށެވެ.
ފެށޭ ހަފުތާގައި އެމައްސަލަ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާނެ ކަމަށް ހދ އަތޮޅު ކައުންސިލުން ވަނީ ބުނެފައި އެވެ.
ކުޅުދުއްފުށީގައި ހުންނަ ރަށްވެހިގެއަކީ މުޅި ހދ އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ބިނާކުރެވިފައިވާ އިމާރާތެއްކަމަށާއި އެތަނުގެ މާލިއްޔަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުހޯދައި ދިނުމަކީ އެފަރާތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
“ރަށްވެހިގެ އެމީހުންނާއި ހަވާލުކުރި އިރު ނެތް ވަރަށް ބޮޑެތި ގެއްލުން ލިބިފަ އެބަހުރި މިހާރު. ވަރަށް ގިނަ މުދާވެސް ވަނީ މަދުވެފަ.” ޒަކަރިއްޔާ ވިދާޅުވި އެވެ.
މިއަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ސެއިލަރ ގުރޫޕުގެ މައްޗަށް ކޮށްފައިިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި، ސެއިލަރ ގުރޫޕުން ހދ އަތޮޅު ކައުންސިލަށް އެތަނުގެ ކުލީގެ ގޮތުގައި 105000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ވަކީލުގެ ފީގެ ގޮތުގައި ކައުންސިލުން ހަރަދުކޮށްފައިވާ 25000 ރުފިޔާވެސް ދެއްކުމަށް ސެއިލަރ ގުރޫޕުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ހދ އަތޮޅު ކައުންސިލުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ނިންމާފައިވާއިރު، ގެއްލުމުގެ ބަދަލުގެ ތަފްސީލީ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާކަމަށާއި ދައުވާކުރާނެ ފައިސާގެ އަދަދު އަދި ދަންނަވަން ދަތިކަމުގައި ޒަކަރިއްޔާ ވިދާޅުވިއެވެ.
ރަށްވެހިގެ މިހާރު ބަލަހައްޓަމުން ގެންދަނީ ހދ އަތޮޅު ކައުންސިލުން ކަމަށާއި އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް އަދި ނުވިސްނަވާ ކަމަށް ނައިބުރައީސް ވިދާޅުވި އެވެ. ރަށްވެހިގެ ކުއްޔަށް ހިފައިގެން އުޅުނު ސެއިލަރ ގުރޫޕުންވެސް ކުރިން ބުނެފައިވަނީ އެގުރޫޕަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރާނެ ކަމަށެވެ. އަދި މިމައްސަލަ އިސްތިއުނާފު ކުރާނެކަމަށް ވެސް ކުރިން ވަނީ ބުނެފައި އެވެ.