twitterviber whatsapp telegramfacebookyoutube instagram
18th April 2024

ހަފްތާއެއްގެ ތެރޭގައި ފަށާނެކަމަށް ބުނި އަމީނީމަގުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ

Oct 18, 2012

.

މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ އަމީނީމަގުގެ މަސައްކަތް އަލުން ފަށާނެކަމަށް އެމަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބުނި ނަމަވެސް މިއަދާ ހަމައަށްވެސް އެމަގުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

އަމީނީމަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އަމީނީމަގުގެ މަސައްކަތަށް ބޭނުންވާ ގާ ނުލިބުމުގެ ސަބަބުން މެދުކެނޑިފައި އޮތުމަށްފަހު އަލުން އެމަސައްކަތް ފަށާނެކަމަށް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އެ ދުވަހު އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އަމީނީމަގުގައި އަތުރަން ބޭނުންވާ ގަލުގެ ފުރަތަމަ ސްޓޮކް ކުޅުދުއްފުއްޓަށް ގެންދާނެ ކަމަށެވެ. ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެސޯސިއޭޓް ޝިޕިންގެ ފަރާތުން ގެންނަ ގަލުގެ ދެވަނަ ސްޓޮކް އޮކްޓޯބަރ މަހު ލިބޭނެ ކަމަށް އެ ދުވަހު ނަޒީމް ވިދާޅުވެފައި ވެއެވެ. އަދި މަސައްކަތް ފެށުމަށްޓަކައި ކުޅުދުއްފުށިން އެކުންފުންޏަށް މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އެ ދުވަހަށްފަހު މަހެއްވާން ދެތިން ދުވަހަށް ވެފައިވާއިރުވެސް އަމީނީމަގުގެ މަސައްކަތް ފެށިތަނެއް ވެސް އަދި ފެށުމަށްޓަކައި ކުޅުދުއްފުށީގައި ހުންނަ އެކުންފުނީގެ ސައިޓުގައި މަސައްކަތެއްކުރާތަނެއްވެސް ފެނިފައެއް ނުވެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމުގެ އުއްމީދު އާވެފައިވަނިކޮށް އަނެއްކާވެސް އެމަސައްކަތް ނުފެށި ލަސްވާ ސަބަބެއް ހޯދުމަށް ކުޅުދުއްފުށި އޮންލައިން އިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވާގޮތް ވަނީ ނުވެފައި އެވެ. އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަށް ވިދިވިދިގެން 3 ދުވަހު ގުޅައިގެން ވެސް އެމައުލޫމާތު ވަނީ ލިބޭގޮތް ނުވެފައި އެވެ. ބައެއް ފަހަރު 15 މިނިޓް ފަހުން ޖަވާބެއް ދޭނެކަމަށް ބުނެ ފޯނު ބާއްވާފައިވާއިރު ފަހުން ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ކުޅުދުއްފުށީގެ އެންމެ ބޮޑު އެއް މަގުގެ މަސައްކަތް ވަކި ހިސާބަކަށް ގޮސް ހުއްޓިފައި އޮތުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ދިމާވަމުން އަންނަކަމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެމްއާރުޑީސީ އިން ކުރިން ބުނިގޮތުންނަމަ މިހާރު އަމީނީމަގުގައި އަތުރަން ބޭނުންވާ ގާ ހުންނަންޖެހޭނީ ކުޅުދުއްފުށީގައި އެވެ. އަދި މަގުގެ ދެފަރާތުގައި ހަދާފައިވާ ކާނު ލައިންތައް ހުންނަންޖެހޭނީ ސާފުކޮށް ނިމިފައި އެވެ. އަދި ހަމައެހެންމެ އެކުންފުންޏަށް ނަގާނެ ކަމަށް ބުނި މުވައްޒަފުންވެސް ތިބޭނީ މިހާރު އެކުންފުނީގެ މަސައްކަތުގައި އެވެ.

އަމީނީމަގުގެ މަސައްކަތް ނުނިމި އިތުރުވާ ކޮންމެ ދުވަހަކީ އެކަމުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުން އެ މަޝްރޫއު ނިންމިދާނެކަމާމެދު ކުރާ ސުވާލުތައް އިތުރުވާނެ ދުވަހެކެވެ. އަދި ކުރިން މީޑިޔާއާ ގާތް ގުޅުމެއް ބޭއްވި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރގެ ބަހެއް މިކަމުގައި ދެއްވާފައިނުވުންވެސް މިއީ މި މަޝްރޫއާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވާނެ ކަމެއްކަން ޔަގީނެވެ.

ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މިމަޝްރޫޢުގައި އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަމައެކަނި އަމީނީމަގުގެ މަސައްކަތް ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355