twitterviber whatsapp telegramfacebookyoutube instagram
19th April 2024

އައު ކަރިކިއުލަމަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް މިއަދު ނިމިއްޖެ

Oct 18, 2012

.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަލަށް އެކުލަވާލި ކަރިކިއުލަމަށް ހދ.އަތޮޅުގެ ސްކޫލްތައް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ “ނިއު ކަރިކިއުލަމް އޮރިއެންޓޭޝަން” ވޯކްޝޮޕް މިއަދު ނިމިއްޖެ އެވެ.

ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިއުކޭޝަނާއި ހދ.ޓީޗާސް ރީސޯސް ސެންޓަރ އަދި މަތިއުތުރު ސަރަހައްދުގެ އެޑިއުކޭޝަން ޔުނިޓް ގުޅިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ މިމަހުގެ 15 އިން ފެށިގެން ކުޅުދުއްފުށީ ޓީޗަރ ރިސޯސް ސެންޓަރުގައި އެވެ.

މަތިއުތުރު ސަރަހައްދުގެ އެޑިއުކޭޝަން ޔުނިޓް މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި ހދ ޓީއާރްސީގެ ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ވަރަށް ކާމިޔާބް ވޯކްޝޮޕެއް ކަމަށާއި ބައިވެރިންނަށް މި ވޯކްޝޮޕްގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ވޯކްޝޮޕްގައި އައު މުގައްރަރުގައި ކިޔަވައިދޭނެ ގޮތްތަކާއި، މިންކުރާނެ ގޮތްތަކާއި، ލެސަން ޕްލޭން ތައްޔާރުކުރާނެ ގޮތްތަކުގެ އިތުރުން މާއްދާތަކާއި ބެހޭ މައުލޫމާތު ބައިވެރިންނަށް ވަނީ ދީފައެވެ. އަދި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަކީ މި ކަރިކިއުލަމް ތަޖުރިބާ ކުރާ ސްކޫލެއް ކަމުން އެސްކޫލުގެ ތަޖްރިބާ މި ވޯކްޝޮޕްގައި ވަރަށް ބޮޑަށް ހިފާފައިވާކަމަށް އަބްދުއްރަޝީދު ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާފައިވަނީ ޖަލާލުއްދީން ސްކޫލްގެ ކޮލިފައިޑް ޓީޗަރ ޝަހީދާ ޢަލީގެ އިތުރުން  ރ. އަތޮޅުގެ ޓީއާރސީގެ ޓީޗަރ އެޑިއުކޭޓަރ އިބްރާޙީމް ރަޝީދު، ކ. އަތޮޅުގެ ޓީއާރުސީގެ އެކްޓިންގ ޓީޗަރ އެޑިއުކޭޓަރ އިބްރާޙީމް އަދީބް،  އައްޑޫ ސިޓީގެ ޓީއާރުސީގެ ޓީޗަރ އެޑިއުކޭޓަރ އައިޝަތު ޝިބާނާ، ފ. އަތޮޅުގެ ޓީއާރުސީގެ ޓީޗަރ އެޑިއުކޭޓަރ އިސްމާޢީލް ނަޞީރެވެ.

މިއަދު ނިމުނު މި ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްފައިވަނީ ޓީޗަރ އެޑިއުކޭޓަރ އަދި ޕްރޮގްރާމް ކޯޑިނޭޓަރ އަބްދުއްރަޝީދު ސައީދެވެ. ޕްރީ ސްކޫލުތައް ހިމެނޭގޮތަށް 40 ބައިވެރިއަކު ވަނީ މިއަދު ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

މިއައު ކަރިކިއުލަމް ކެބިނެޓުން އެންޑޯޒް ކުރެއްވުމުން، ކިޔަވައިދޭން ފަށާއިރު، 12 ސްކޫލެއް ދަނީ މިކަން ތަޖްރިބާ ކުރަމުންނެވެ. އޭގެތެރޭގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ އިތުރުން ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355