.
2012 ވަނަ އަހަރަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔަވާކުދިންގެ ގުޅުން ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ކޭކޭޖީ މިއަހަރަށް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ލެކްޗަރަރ އިބްރާހިމް މުހައްމަދެވެ.
މިރަސްމިއްޔާތުގައި ވަނީ އެ ޖަމިއްޔާގެ 4 ގޮފިކަމަށްވާ ދީނީ ރޫޚު، ސައިންސް އެންޑް އެންވަޔަރްމެންޓް އެސޯސިއޭޝަނާއި، ދިވެހި ލެންގްއޭޖް އެސޯސިއޭޝަން(ޑީއެލްއޭ) އަދި އިންގްލިޝް ލެންގްއޭޖް އެސޯސިއޭޝަން (އީއެލްއޭ) އިން އިންތިޒާމް ކޮށްގެން ބޭއްވިއެކިއެކި މުބާރާތްތަކަށް އިނާމް ދީފައެވެ.
ވަނަވަނައަށްދިޔަ ދަރިވަރުންނަށް އިނާމްތައް ބައްސަވައިދެއްވީ ސްކޫލުގެ ލީޑިން ޓީޗަރުންނާއި، ގްރެޖްއޭޓް ލީޑިންޓީޗަރުންގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދާއި ޝަރަފްވެރި މެހެމާނެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ކޭކޭޖީގައި އިސްކޮށްއުޅުއްވާ މުދައްރިސުންނަށް ސެޓްފިކެޓް ދިނުމާއި ކޭކޭޖީ ހިނގާދިޔަ ގޮތުގެ ރިޕޯޓް އިއްވުންވެސްއޮތެވެ.
އެކިއެކި ގޮފިތަކުގެ މުނިފޫހިފިލުވުމުގެ އައިޓަމްތަކެއް ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު ދެއްކި ވާހަކައިގައި ކޭކޭޖީ އަކީ ވަރަށް ކާމިޔާބު ޖަމްއިއްޔާ އެއްކަންވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިވަރު ކުލާސްރޫމުގެ އެތެރޭން ކިޔަވާ ތަކެތީގެ ބޭރުން މިއީ ވަރަށް މުހިއްމު ހަރަކާތްތަކެއްކަމަށް ވިދާޅުވިއެވެ.
695 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ އޭއީސީގެ ކޮންމެ ދަރިވަރަކީވެސް ކޭކޭޖީގެ މެމްބަރެކެވެ.