.
ހަރުބީ ބޮޑުބެރު ގުރޫޕު މިއަހަރު ކުޅުދުއްފުށީގައި ޝޯވ ދޭނެ
ކުޅުދުއްފުށީގައި މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ރަށުގެ އެކި ފަރާތްތަކުން އަންނަނީ ގިނަ ކުޅިވަރުތަކެއް ރާވަމުންނެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ތަފާތު ޘަގާފީ ކުޅިވަރުތަކެއް ބޭއްވުމަށް ވަރަށް ފޯރިއާއެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މަޝްހޫރު ބޮޑުބެރު ގުރޫޕް “ހަރުބީ” މިފަހަރު ބޮޑުއީދުގައި ކުޅުދުއްފުށީގައި ޝޯއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ގުޅިފައިވާ އިއްތިހާދުގެ އީދުކުޅިވަރު ކޮމިޓީ 1433 ގައި އިސްކޮށްއުޅުއްވާ މުހައްމަދު މޫސާ (ކުރަހާ މުހައްމަދު) ބުންޏެވެ.
ކުރަހާ މުހައްމަދު ބުނީ ހަރުބީ އިން ޝޯވ ދިނުމަށް ހަމަޖެހިފައިވަނީ “މިތުރު ހާރޑްވެއަރ” ދިމާ ހިއްކި ސަރަހައްދުގައި އަޅަމުންދާ ސްޓޭޖްގައި، 4 ވަނަ އީދު ދުވަހުގެ ރޭ ގައި ކަމަށެވެ. އަދި ގޮމަ ގްރޫޕާއި ދެ މިޔުޒިކް ބޭންޑު ދެވަނަ އީދު ދުވަހާއި ތިންވަނަ އީދު ދުވަހުގެ ރޭ ޝޯވ ދޭނެކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.
ގޮމަ ގްރޫޕާއި ދެ މިޔުޒިކް ބޭންޑު ގެ އިތުރުން މަޝްހޫރު ދެ ކޮމީޑިއަން ކަމަށްވާ ޝާޒް (ތަޖޫ ބެ) އަދި މުހައްމަދު ރަފީޔު (ޔޫސޭ) ވެސް މިފަހަރުގެ އީދުގައި މިރަށުގައި ޝޯވ ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ގުޅިފައިވާ އިއްތިހާދުގެ އީދުކުޅިވަރު ކޮމިޓީ އިން ވަނީ މިއަހަރުގެ އީދުގައި ގިނަ ހަރަކާތްތަކެއް ކުރުމަށް ރާވާފައިއެވެ.
މިގޮތުން އެފަރާތުން އިންތިޒާމްކުރާ އީދު ކުޅިވަރުތައް ފެށޭނީ ފުރަތަމަ އީދު ދުވަހުގެ ހަވީރު އޮންނަ “ހިއްޗަށް ވަޑައިގަތުމުގެ” ހަރަކާތުންނެވެ. ކުޅުދުއްފުށީ “ދިނަށަ” ގެއާ ދިމާ އަމީނީ މަގުން ފެށޭ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރަށަށް ހުލުވާލެވިފައެވެ.
ފުރަތަމަ އީދު ދުވަހުގެެ ރޭ މިރަށުގެ ބޮޑުބެރު ގްރޫޕް ތަކާއި ފިރިހެނުންގެ ދަނޑިޖެހުމާއި ކުޅުދުއްފުށީ “މަލަކާ” ގްރޫޕްގެ ޘަޤާފީ ހަރަކާތްތަކެއް ސްޓޭޖްގައި ކުރިއަށްދާނެކަމަށް މުހައްމަދު މޫސާ ބުންޏެވެ. މީގެ އިތުރުން މަލަކާ ގްރޫޕްގެ ކުރުފަލި ޖެހުން، މާފަތި ނެށުމާއި ދަނޑިޖެހުން ރަށުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެކަމަށް މަލަކާ ގްރޫޕްގެ ފައުންޑަރ ހަބީބާ އަހުމަދު (މައިޓް ހަބީބަ) މައުލޫމާތު ދިނެވެ.
އެންމެ ފަހު ހަރަކާތެއްގެ ގޮތުން މިމަހުގެ 29 ވަނަ ދުވަހުގެ ރޭ “ދަމު ހިނގުން” ކުރިއަށްދާނީ މި އިއްތިހާދުގެ ސްޓޭޖް ސަރަހައްދުގައެވެ. މިއަހަރުގެ ދަމުހިނގުން އެންމެ އިހުގައި ބާއްވަމުންއައި ގޮތާ އެއްގޮތްކުރަން ވަރަށް މަސައްކަތް ކުރަމުންދާކަމަށާއި ދީނާއި ފުށުއަރާ “މާލި” ތައްް ބައިވެރި ނުކުރާނެކަމަށް މުހައްމަދު މޫސާ ބުންޏެވެ. ރަށުގެ ވިޔަފާރިވެރިންނާއި، ކައުންސިލް އިދާރާ އަދި އާއްމު ފަރުދުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށްވެސް ކުރަހާ މުހައްމަދު ބުންޏެވެ.
ގުޅިފައިވާ އިއްތިހާދުގެ އީދުކުޅިވަރު ކޮމިޓީގެ ސްޓޭޖް ފިޔަވައި އިތުރު ސްޓޭޖެއް ކުޅުދުއްފުށީ އަމީރު އަމީން ސްކޫލާ ދިމާ ވެލިގަނޑުގައިވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގައި އިސްކޮށްއުޅުއްވާ އަލީ މުހައްމަދު (ކިރުދޫނި އަލީ) މިނޫހަށް މައުލޫމާތު ދެއްވަމުން ބުނީ މިއީ އުތުރު އަވަށު ޒުވާނުންނާއި އަދި ރަށުގެ ހެޔޮއެދޭ އެކިފަރާތްތަކުގެ އެހީއާއެކެ އަޅާ ސްޓޭޖެއް ކަމަށެވެ. މިސްޓޭޖްގައި “އަކަސަކަ” ބޭންޑް އަދި ދިއްފުށި ނަށާ ގްރޫޕުން އީދުގެ ފުރަތަމަ 3 ރޭ ޝޯވ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ އީދު ދުވަހުގެ ހަވީރު ކުޑަކުދިންގެ ޝޯވ އެއްބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ވާދެމުމާއި، ފަންކުޅުމާއި އަދި ބައިބަލާ ފަދަ ކުޅިވަރުތައް ކައުންސިލުން ހުއްދަ ދެއްވައިފިނަމަ ކުރިއަށް ގެންދާނެކަމަށް އަލީ ބުންޏެވެ.
ހަމަމިއާއެކު އުތުރު އަވަށުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ “މަށިމާލި ޕެރޭޑް” 2 ވަނަ އީދު ދުވަހުގެ ހަވީރު ޖަލާލުއްދީން ސްކޫލް ކުރިމަތިން ފެށޭނެ ކަމަށް މިހަރަކާތުގައި އިސްކޮށްއުޅުއްވާ އާދަމް އަލީ (ފޯރަމް އާދަމް) މިނޫހަށް މަޢުލޫމާތު ދިނެވެ. މި ހަރަކާތުގައިވެސް ދީނާއި ޚިލާފް މާލިތަކަށް ފުރުސަތު ނުދޭނެކަމަށް އެފަރާތުން ހާމަކުރެއެވެ. ކުޅުދުއްފުށީގައި އަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ “ބޮޑުމަސް ބޭނުން” މިފަހަރުގެ އީދުގެ 3 ވަނަ ދުވަހު ހަވީރު ލޯކަލް ބަނދަރުގެ ދެކުނު ފަރާތު ވެލިގަނޑު ސަރަހައްދުގައި އޮންނާނެއެވެ. އެހެންނަމަވެސް އެހެން ރަށްރަށާއި ޚިލާފަށް މިރަށުގައި ބޮޑުމަސް ބާނާނީ މޫދުން ކަމަށް އާދަމް އަލީ ބުންޏެވެ. އަދި “ބޮޑުފައިވާނުގައި ހިނގުން” ކުރިއަށްގެންދިޔުމަށް ރާވަމުންދާކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި މިހަރަކާތްތައް ރޭވުމަށް ރަށުގެ ގިނަ ބައެއްގެ އެހީތެރިކަން ލިބެމުންދާކަމަށް އެފަރާތުން ބުނެއެވެ.
މިއަހަރުގެ އަޟްހާ އީދުގައި ކުރިއަށްގެންދާ ހަރަކާތްތަކާއި ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ ކޮންމެ ބަޔަކު އިންތިޒާމު ކުރި ކަމުގައި ވިޔަސް ޘަޤާފީ ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިގޮތުން ކައުންސިލުން ވަނީ ޘަޤާފީ ކުޅިވަރުތަކަށް 10000 ރުފިޔާ ޚަރަދުކުރާގޮތަށް ނިންމާފައެވެ.
“ޘަޤާފީ ކުޅިވަރުތަކަކީ ދިރުވާ އާލާ ކުރަން ޖެހިފައިވާ ކަމެއް. އަދި އެއީ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ ކަމެއް. އެހެންވީމާ ޘަޤާފީ ކަންތައްތައް އިންތިޒާމް ކުރާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ވެދޭނަން” ރަމީޒް ވިދާޅުވި އެވެ.
1433 ވަނަ އަހަރުގެ އަޟްހާއީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ކުޅުދުއްފުށީގެ ރައްޔިތުން ދަނީ ވަރަށް ފޯރިއާއެކު މަސައްކަތްކުރަމުންނެވެ.