.
ކުޅުދުއްފުށީގެ ކައުންސިލަކީ އެއް ޕާޓީއަކަށް ނިސްބަތްވާ ހަތް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ޕާޓީ ލައިނުން، ދާދި އެއްފިކުރެއް ގެންގުޅޭ ކައުންސިލަރުންތަކެއްގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އަދި އެއީ ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތައް ޕުރޮމޯޓްކޮށް ޕާޓީރޫހު އާލާކުރުމަށް އެކުއެކީ މަސައްކަތްކުރާ ކައުންސިލަރުންތަކެއްގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
ކުޅުދުއްފުށީ ކައުންސިލުގައި ހިމެނޭ 7 މެމްބަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންކަމަށް ވުމުން ގިނަ ކަންކަމުގައި ކައުންސިލުގެ ނިންމުން އަންނަނީ އިއްތިފާގުން ފާސްވެގެންނެވެ. ކައުންސިލުގައި މާބޮޑު ހިޔާލުތަފާތުވުންތަކެއް އެއިރަކު ނޯވެއެވެ. އެހެންނަމަވެސް ކައުންސިލަރުންތެރޭ ހިތްހަމަނުޖެހުންތަކެއް އުފެދި މީޑިޔާގެ ފަރާތްތަކަށް އެނގޭ ހިސާބަށް އެމައްސަލަތައް މިހާރުވަނީ ތިލަވެފައި އެވެ.
ކުޅުދުއްފުށީ ކައުންސިލުގައި ތިއްބަވާ ރަށުގެ ދެކުނު ދާއިރާއަށް ނިސްބަތްވާ ކައުންސިލަރުންނަށާއި ހދ އަތޮޅު ކައުންސިލުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރަށުގެ ދެކުނު ދާއިރާއަށް ނިސްބަތްވާ ކައުންސިލަރުންގެ ފޯނަށް އެއީ “ބާޣީން” ކަމަށް ބުނެ ފޮނުވި މެސަޖަކާ ގުޅިގެން ކައުންސިލަރުންގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް އެނގިގެން ދެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފޮނުވި މިމެސެޖް ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްގެ ނަމުގައި ނަގާފައިވާ ނަންބަރަކުންނެވެ. މި މެސެޖްގައިވަނީ “ފާރޫގު (ރަށު ކައުންސިލުގެ ނައިބު ރައީސް) ވަރުގެ އެމްޑީޕީ އަށް އިޚްލާސްތެރިއެއް ނެތް. އޭނާގެ ބުރަ މަސައްކަތުން މިއަދު މިވަނީ އެމްޑީޕީއަށް ބޮޑު ބިމެއް ލިބިފައި. ދެކުނު އަވަށުން ނުކުމެތިބި ބާޣީ ކައުންސިލަރުން މިއަދު ރޯނެ. ފާރޫގު އަދިވެސް މިގޮނޑިއަށް ލާނަން” ކަމަށެވެ.
މި މެސެޖާ ގުޅިގެން ނަންހާމަނުކުރުމަށް އެދި ކައުންސިލަރަކު ވިދާޅުވީ އެއީ ސީދާ ކޮންފަރާތަކުން ފޮނުވި މެސެޖެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެމެސެޖު ފޮނުވާފައި އެވަނީ ކައުންސިލުގެ ނައިބުރައީސް ފާރޫގު މުހައްމަދުގެ ނުފޫޒުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ނިސްބަތްވާ 3 ކައުންސިލަރުން ތިއްބަވާއިރު އޭގެ ތެރެއިން 2 ކައުންސިލަރުންނަށާއި އަތޮޅުކައުންސިލްގެ ދެކުނު ދާއިރާގެ 2 ކައުންސިލަރުންނަށް މި މެސެޖް ކޮށްފައިވެއެވެ.
މަސްލަހަތަށްޓަކައި ނަންހާމަނުކުރުމަށް ޝަރުތުކޮށް އެހެން ކައުންސިލަރަކު ވިދާޅުވީ ކައުންސިލުގެ ތެރޭގައި ކުރިންވެސް އަދި މިހާރުވެސް ހިޔާލުތަފާތުވުން އޮންނަ ކަމަށެވެ. އަދި އެއީ އެހާބޮޑު މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އުޞޫލުތަކާ ހިލާފަށް އަދި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެއްލޭގޮތަށް މަސައްކަތްކުރެއްވުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ. އަދި އެފަދަ މެސެޖުތައް އަންނަނީ އެބާވަތުގެ ކަންކަމަށް ދެކޮޅު ހައްދަވާތީކަމަށް އެ ކައުންސިލަރު ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ބަހެއް ހޯދާލުމުން ހދ އަތޮޅު ކައުންސިލްގެ ދެކުނު ދާއިރާގެ މެމްބަރެއް ކަމަށްވާ އަލީ މުހައްމަދު ވިދާޅުވީ މިއީ ސީދާ ކާކު ފޮނުވި މެސެޖެއްކަން ނެނގުނު ނަމަވެސް މިއީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުގެ އަމަލެއްކަމަށް ލަފާ ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކުޅުދުއްފުށީގެ ފުރަތަމަ ރައީސް އަދި ހދ އަތޮޅު ކައުންސިލްގެ ދެކުނު ދާއިރާވެސް ތަމްސީލް ކުރައްވާ އާދަމް ވަހީދު ވިދާޅުވީ މިކަހަލަ އެސްއެމްއެސް އަކީ ކޮންމެ ދުވަހަކުވެސް ލިބޭ މެސެޖް ތަކެއްްކަމަށާއި މިއީ އެހާބޮޑުކަމެއްކަމަށް ނުދެކޭ ކަމަށެވެ. އެހެންނަމަވެސް ރަށު ކައުންސިލުގެ ނައިބުރައީސް ފާރޫގަކީ ވަރަށް ތަފާތު މިޒާޖެއްގެ ބޭފުޅެއްކަމަށް ވިދާޅުވި އެވެ.
އެހެން ކައުންސިލަރަކު ވިދާޅުވީ ކައުންސިލުގެ ނައިބު ރައީސަކީ ހަޅޭލައިވައިގެން އަޑުގަދަކޮށްގެން ކަންކަން ނިންމަން ބޭނުންވާ ކައުންސިލަރެއްކަމަށެވެ. އަދި އެކަމާ ދެކޮޅު ހަދާތީ ނައިބު ރައީސްގެ ހިތްހަމަނުޖެހުން އަބަދުވެސް އެ ކައުންސިލަރުންނާމެދު އޮންނަ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ވިދާޅުވީ އެބާވަތުގެ އެސްއެމްއެސް އެއް ކައުންސިލުގެ ނައިބުރައީސް ނުފޮނުއްވާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ބިން ދޫކޮށްފައިވަނީ ކައުންސިލުގެ އިއްތިފާގުން ފާސްކޮށްގެން ކަމަށެވެ.
ކައުންސިލުގެ ނައިބު ރައީސް ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައި އެވެ. ކައުންސިލުން އެމްޑީޕީއަށް ބިމެއް ކުއްޔަށް ދޫކުރި މައްސަލައިގައި ކައުންސިލަރ ފާރޫގުގެ ބައްޕަ ރަށު ކައުންސިލް އިދާރާގެ ކުރިމަތީ އެކަމާ ދެކޮޅަށް ހަޅޭލަވާ އަޑުގަދަކޮށްފައިވާ ކަމަށް ވެއެވެ.
ކޮންމެއަކަސް ކާކުކަން ނެނގޭ ގޮތަށް ފޮނުވާފައިވާ އެސްއެމްއެސްގެ ސަބަބުން ދެކުނު ދާއިރާގެ ކައުނަސިލަރުން ވަނީ ވަރަށްބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި ކުރީ އަހަރުގެ އީދުކުޅިވަރަށް ތަކެތި ދޫކުރުމުގައި ވެސް އަވަށު ވާދަވެރިކަން ކައުންސިލަރުންގެ ތެރެއިން ފެނިގެން ގޮސްފައިވާކަމަށް މިނޫހަށް މައުލޫމާތު ހިއްސާކުރި ކައުންސިލަރަކު ވިދާޅުވި އެވެ.
މިފަދަ ކަންތައްތަކުގެ ސަބަބުން ކުޅުދުއްފުށީގެ އެމްޑީޕީގެ އާންމު މެމްބަރުންގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ބައިބައިވުންތަކެއް އުފެދިގެން ގޮސްފައިވާކަމަށް އެކައުންސިލަރު ވިދާޅުވި އެވެ. އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ކައުންސިލުގެ ތެރޭގައި އުފެދެމުން ކުރިފަޅަމުން އަންނަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ހުރަހެއް ކުރިމަތިވުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫންކަން ޔަގީނެވެ.