ކުޅުދުއްފުށީ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލްގެ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށީގެ ދެ ޕްރީ ސްކޫލްގެ ފީ އަންނަ އަހަރުން ފެށިގެން ބޮޑުކޮށްފައިވަނީ 150 ރުފިޔާ އަށެވެ. ކުރިން އެ ދެސްކޫލުން ވެސް ނަގާފައިވަނީ 50 ރުފިޔާ އެވެ.
އަންނަ އަހަރުން ފެށިގެން ފީ ބޮޑުކުރާނެކަން އިއުލާންކުރީ ރޭ ކުޅުދުއްފުށީ ކައުންސިލުން މި ދެ ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ. ރޭ އަފީފުއްދީން ސްކޫލު ހޯލުގައި އޮތް މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލަކީ ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައްގިނަ ދެ ޕްރީ ސްކޫލުކަމަށެވެ.
މި ދެ ސްކޫލުގައި ރަނގަޅު ފެންވަރަކަށް ކިޔަވައިދިނުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާކަމަށާއި ސްކޫލުގެ ފެންވަރު މިއަށްވުރެ ރަނގަޅު ކުރުމަށް ފީ ބޮޑުކުރަން ޖެހޭ ކަމަށް ރަމީޒް ވިދާޅުވި އެވެ. މި އަހަރު އަދިވެސް ބައެއް މުދައްރިސުންނަށް މުސާރަ ނުދެވި ވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. ރަމީޒް ވިދާޅުވީ އެ ދެ ސްކޫލުގެ މައްޗަށް އަހަރަކު ގާތްގަނޑަކަށް 4 ނުވަތަ 5 މިލިޔަން ރުފިޔާ ހޭދަވާ ކަމަށެވެ.
މިގޮތުން 2012 ވަނަ އަހަރު އަމީރު އަމީން ސްކޫލަށް ވަނީ 1,357,030.23 ރުފިޔާ ހަރަދުވެފައެވެ. އަދި އައި.ޕީ.އެސް އަށް 602,233 ރުފިޔާ ވަނީ ޚަރަދުވެފައެވެ.
50 ރުފިޔާ އިން 150 ރުފިޔާއަށް ފީ ބޮޑުކުރަން ހަމަޖެއްސުމުން ބައެއް ބެލެނިވެރިން ދަނީ އެކަމާހިތްހަމަނުޖެހި ވާހަކަ ދައްކަމުންނެވެ. އެ ބެލެނިވެރިން ބުނަމުންދަނީ މިހާރުވެސް އެކަށީގެންވާ މިންވަރަށް މިސްކޫލްތަކުގައި ކިޔަވައި ނުދެވޭ ކަމަށާއި ދަސްކުރަންދޭ ގިނަ ފިލާވަޅުތައް ގޭގައި ދަސްކުރުމަށް ކުދިންނަށް ދޫކޮށްލާ ކަމަށެވެ.
މިއީ ކުޅުދުއްފުށީ ކައުންސިލުން އިސްނަގައިގެން މި ދެ ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ރޭގެ ބައްދަލުވުމުގައި ބައިވެރި ވެފައެވެ.