twitterviber whatsapp telegramfacebookyoutube instagram
24th November 2024

ވާހަކަ – މޮޔަ ހިތް މަގޭ (28)

Oct 23, 2012

.

މަރިޔަމް ޔަސްމާ

އޮކްޓޯބަރ 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ

އާރިއާ ކައިރިއަށް ޖެހިލާފައި ރާކިންގެ އަތުގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ. ހަތަރުކަޅި ހަމަވުމާއެކު އެދެލޮލުން ރާކިންއަށް އެތައް ވާހަކައެއް ބުނެދިނެވެ. އެކަމަކު އެވަރުން ފުއްދާލާކަށް ރާކިން މިއަދު ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވީ އެހުރިހާ ވާހަކައެއް އާރިއާގެ ދުލުން އަހާށެވެ.

“ކޮންވާހަކައެއްތަ ބުނަން ތިއުޅެނީ؟” ރާކިން ހެދުނީ އެކައްޗެއްވެސް ނޭނގޭ ކަމަށެވެ. ތުންފަތުގައި ދައިގެންފައި އާރިއާ އިސްޖަހާލިގޮތުން ބުނަން ނުކެރިގެން އުޅޭކަހަލައެވެ.

“ކީއްވެ އަބަދު އަހަރެން ތަޅުވަނީ؟” ރާކިންގެ ކެތްތެރިކަން ކޮޅުންލިއެވެ. އާރިއާ މަޑުމަޑުން ހީލިއެވެ. އެވަގުތު ރާކިން ކުއްލިއަކަށް އާރިއާގެ އަތުތެރޭގައި އޮތް އަމިއްލަ އަތް މިނިވަންކޮށްފައި އެމޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

“ރާކިން. ވިލް ޔޫ މެރީ މީ؟ އެގެއިން؟” ދެ ބަސް ދޭތެރޭގައި ދުރުމިނެއް ބަހައްޓާފައި އާރިއާ އެ ޖުމްލަތައް ފާޅުކޮށްލިއެވެ.

އިތުރު ވާހަކަތަކަކީ މުހިންމު އެއްޗެއްކަމުގައި އެވަގުތު ރާކިންއަކަށް ނުވިސްނުނެވެ. އެބަސްތަކުގެ ތެރޭގައި އިތުރު އެތައް ވާހަކައެއް އެކުލެވިގެން ދިޔައީއެވެ. ރާކިންއަށް މާފުކޮށްފައި އޭނާދެކެ އާރިއާ އަދިވެސް ލޯބިވާކަން ހާމަކޮށްލީއެވެ. “ޔެސް. ޔެސް. ޔެސް.” ވަށައިގެންވާ މީހަކަށް ފަރުވާލެއް ނުބަހައްޓާ ރާކިން އާރިއާގެ ގައިގައި އޮޅުލައިގަތެވެ. ހަތަރު ލޮލުން އެއްފަހަރާ ކަރުނަތައް ބަންޑުންވެގެން ދިޔައެވެ.

ދުރުގައި އެމަންޒަރު ދެކެން ތިބި ތައުފީޤާއި ރާމިޒާވެސް އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ. ކުޑަ ކުޑަ ޔޫންގެ އަތުގައި ހިފައިގެން ނިކުތް ހައުލަތްވެސް އުފަލުން ހީގެންފައި ރާމިޒާގެ ކޮނޑުގައި ބޯއެޅިއެވެ. މަންމަ އާއި ބައްޕަ ފެނިފައި ޔޫން ހައުލަތްގެ އަތްދަށުން ފޮޅުވިގަނެގެން ދުވެފައި ދިޔައެވެ. ރާކިންމެނަށް ހޭވެރިކަން ވީ ޔޫންގޮސް އެދެމީހުންގެ ފައިގައި އޮޅުލައިގަތުމުންނެވެ.

“ބައްޕިގެ ދޫނި.” ރާކިން އާރިއާ ދުރުކޮށްލާފައި ޔޫން ނަގާ އުރާލިގޮތަށް އަނެއްއަތުން އާރިއާގެ އުނަގަނޑުގައި ހިފަހައްޓާލާފައި އަނެއްކާވެސް ލޮލާލޯ ގުޅުވާލިއެވެ.

“ރާކިން. މިސްކު ދިޔަތަނެއް އެނގޭތަ؟” އާތިފާ އައިސް ކައިރިއަށް ހުއްޓިފައި އަހާލިއެވެ.

“މިސްކު ޒާނައާއި ވާހަކަދައްކަން ވެގެން…” އެހިސާބަށް ބުނެވުނު ފަހުން ރާކިން ކުއްލިއަކަށް އާރިއާގެ މޫނުން ނަޒަރު ވަކިކޮށްލާފައި އާތިފާއަށް ބަލައިލިއެވެ. ގެއްލިފައި ހުރެގެން މިކުރެވުނީ ކީއް ހެއްޔެވެ؟

“އަހަރެން މިބުނީ….” އާތިފާގެ ފެންކަޅިވެފައިވާ ދެލޯ ފެނިފައި ރާކިން ވާހަކައެއް ހަދާލެވޭތޯ އުޅުނެވެ. އެކަމަކު އޭނާގެ ޖުމްލަ ފުރިހަމަ ނުވަނީސް އާތިފާ އަތުން އެކަން މަނާކޮށްފިއެވެ.

ރާކިންއަށް އިތުރު ފުރުސަތެއް ނުދީ އާތިފާ ބޭރަށް ނިކުންނަންވެގެން ދިޔައެވެ. ރާކިންއަށް ކުރެވުނުހާވެސް ކަމަކީ ކަންބޮޑުވެފައި އާރިއާގެ މޫނަށް ބަލައިލުމެވެ.

“އާތިފާ ކޮންތާކަށް ތިދަނީ؟” ހޯލުގެ ދޮރާއި ހަމައިން ހައިޝަމް ދިމާވިއެވެ. ކަރުނުން ފުރިފައިވާ އާތިފާގެ ދެލޯ ދެކެފައި ކަމެއް ގޯސްވެގެން އުޅޭކަން ހައިޝަމް ނަގައިގަތެވެ.

“ތި ދާ ތާކަށް އަހަރެންނާއިއެކު ދާންވީނު. އަހަރެން އައީ ސައިކަލުގަ.” ހައިޝަމް އާތިފާގެ ފަހަތުން ދަމުން ހުށައެޅިއެވެ. އެއަޑަށް އާތިފާ ހުއްޓިފައި ހައިޝަމްގެ މޫނަށް ބަލާލަމުން ބޯޖަހާލިއެވެ.

ޓެކްސީއަށް ފީ ދައްކާފައި ޒާނަ ދުއްވައިގަތީ ގެއަށް ވަންނާށެވެ. ދޮރުމައްޗަށް އެރުނުއިރު އެހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. އެތެރޭގައި މިސްކު ދައްކަން ތައްޔާރުވެފައިވާ ވާހަކައެއް އޮޅުން ފިލުވުމަށްޓަކައި އޭނާ އެވަނީ ކެތްތެރިކަން ކުޑަވެފައެވެ. ކައިވެންޏަށް ވަގުތު ކުޑަތަންވެފައި އޮތްވާ އެކަން ދޫކޮށްލާފައި އައިސް ދައްކަންޖެހޭ ވާހަކައަކީ ކޮބައި ހެއްޔެވެ؟

ދޮރުހުޅުވުނު އަޑުއަހާފައި މިސްކު އެދިމާއަށް އެނބުރުނެވެ. ޒާނަ ހުރީ ދޮރުމަތީ ހުއްޓިލައިގެންނެވެ.

ޒާނަ!” މިސްކުގެ އަސަރުން ފުރިގެންދިޔަ އަޑުން ޒާނަގެ ހިތުގެ އެންމެ ހިމަނާރުތަކާއި ކުޅެލިއެވެ.

“ޒާނަ! އަހަރެންނަކަށް އެހެން މީހަކާއި ކައިވެންޏެއް ނުކުރެވޭނެ. އަހަރެން ގުޅެންޖެހޭ މީހަކީ ތީ. އަހަރެންނަށް ޒާނައާއި ނުލާ ނޫޅެވޭނެ. އަހަރެންނަށް މާފުކޮށްފަ އަލުން މިހަޔާތަށް އައިސް ދީ. ޕްލީޒް! މިސްކު ޒާނަގެ ކައިރިއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.

“އޭރުން އާތިފާއަށް ވާނީ ކިހިނެތް؟ ރާކިން އާއި އެހެން އެންމެންގެ އުންމީދުތަކަށް ވާނީ ކިހިނެތް؟” ޒާނަވެސް ހިނގައިގަތެވެ.

“އާތިފާއަށް ވިސްނޭނެ. އޭނާ ޤަބޫލުކުރާނެ އަހަރެންގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން. އޭނާއަށް އެނގޭ އަހަރެން އޭނަ ދެކެ ލޯބިނުވާކަން. ދެން ހުރީ ރާކިން. އަހަރެންގެ ކޮންމެ އުފަލެއް އެއީ ރާކިންގެވެސް އުފާ.” މިސްކު ޖަވާބު ދިނެވެ.

“ރާކިންގެ މަންމަ އާއި މިސްކުގެ މަންމަ ޤަބޫލު ވާނެތަ؟” ޒާނަ އަނެއް ސުވާލު ކުރިއެވެ.

“އެމީހުނަށް އަހަރެން ވިސްނައި ދޭނަން. އެންމެ ފުރަތަމަ ރުޅިއަންނާނެ. ޤަބޫލެއް ނުވާނެ. އެކަމަކު އަހަރެން އުފަލުގައި އުޅޭތަން ފެނިފައި އަމިއްލައަށްވެސް ވިސްނޭނެ. މައިންބަފައިން ނަކީ އެކަހަލަ ބައެއް. އެމީހުން ކަންކަން މަނާކުރާނީވެސް. އެކަމަކު ދަރިންގެ އުފާތަކަށްވުރެ އެމީހުން އިސްކުރާނެ އެހެން އެއްވެސް ކަމެއް ނޯންނާނެ.” މިސްކުގެ ވާހަކަ އެހިސާބަށް ދިޔައިރު ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ކުރިމަތީގައެވެ. އެންމެ ފިޔަވަޅެއް ކުރިއަށް ޖެހިލިއަސް ޒާނަ ހުންނާނީ މިސްކުގެ އަތުތެރޭގައެވެ.

“ޒާނަ ހައިޝަމް ކައިރީ ބުނަނީ ކީކޭ؟” ދެން އައީ މިސްކުގެ ސުވާލެކެވެ.

“ހައިޝަމްއަށްވެސް ވިސްނޭނެ.” ޒާނަ އެހެން ކަމަކާއިމެދު ވިސްނަންވެސް ބޭނުން ނުވާކަހަލައެވެ. ހަތަރުކަޅި ހަމަކޮށްގެން ތިއްބާ ދެމީހުންގެ ލޯ ފުރިގެން ކަރުނަ ފައިބަން ފެށިއެވެ.

“އައި ލަވް ޔޫ.” މިސްކު ގެ ނަޒަރު ޒާނަގެ މޫނަކުން ނުނެއްޓެއެވެ. ޒާނަވެސްމެއެވެ. އޭނާއަށް ވެގެން ވާނަމަ މުޅި އުމުރުދުވަހު އެސްފިޔަވެސް ޖަހާނުލައި މިސްކުއަށް ބަލަން ހުރެދާނެއެވެ.

“އައި ލަވް ޔޫ.” ޒާނައަށް ކެތްކުރެވުނީ އެހިސާބަށެވެ. ރޮއިގަތުމާއެކު މިސްކުގެ އަތުތެރެއަށް ވަދެ ހިމާޔަތް ހޯދައިފިއެވެ.

އެބާރުގަދަ ދެއަތުގެ ތެރޭގައިވާ އޭނާގެ ދުނިޔެއާއި ބައްދަލުކޮށްފިއެވެ. މިސްކު އައީ ހަމައެކަނި އޭނާގެ މީހެކެވެ. އެއީ އޭނާގެ ފުރަތަމަ ލޯއްބެވެ. މިދުނިޔެމަތީގައި ޒާނަގެ ހިތް އެމީހަކަށްޓަކައި ވިންދު ޖެހި ހަމައެކަނި އިންސާނާއެވެ. ރާކިންފަދަ ރީތި ހުސްކޮށްގެން ހުރި ފިރިއަކާއި އުމުރު ދުވަހު އަރާމުގައި އުޅޭނެވަރަށް ލިބުނު ފައިސާތަކުގައި ޒާނަ ކޮޅުފައިން ޖެހީ ހަމަ އެ މިސްކުއަށްޓަކައެވެ. އެހުރިހާ އެއްޗަކަށްވުރެ ބޮޑަށް މިސްކުގެ ލޯބި ޒާނަގެ ހިތް މޮޔަކޮށްލިއެވެ.

“ވާވް.ވާވް. ކޮންފަދަ ރީތި ޑްރާމާއެއް؟” ދޮރާއި ދިމާލުން މީހަކު ވާހަކަ ދެއްކި އަޑަށް ޒާނަ އާއި މިސްކު ސިހިފައި ދުރަށް ޖެހިލިއެވެ. އެދިމާއަށް ބަލާލުމާއެކު ދެމީހުންގެ މޫނަށް އަރައިގެން ދިޔައީ މުޅިން އެހެން ކުލައެކެވެ. ހައިޝަމް އާއި އާތިފާ އެއް ހަމައެއްގައި ހުރެގެން އެމީހުންގެ ކައިރިއަށް އައިސް ހުއްޓުނެވެ.

“އަހަރެންގެ އެންމެ ގާތްކޮށް ގެންގުޅުނު އެކުވެރިޔާ އާއި އަހަރެންގެ ވާންއުޅޭ ފިރިމީހާގެ މެދުގާ މިއޮތް މާތްގުޅުމެއް ދެކިބަލަ.” އާތިފާގެ މޫނުމަތީގައި ވަނީ މަލާމާތުގެ ކުލަވަރެވެ.

ކަރުނުން ފުރިފައި ވިއަސް އެދެލޮލުން ޒާނައަށް ރުޅިވެރިކަން ފެނުނެވެ. ކުށްވެރިއެއް ފަދައިން ޒާނަ އިސްޖަހާލިއެވެ. އެވަގުތު އާތިފާ ކުރިއަށްވުރެވެސް ކައިރިވެލާފައި ޒާނަގެ ކޯތާފަތްމަތީގައި ޖަހައިފިއެވެ. ވަގުތުން އެދޮން ކޯތާފަތް ނޫވެގެން ދިޔައެވެ. އާތިފާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް އެކަކުވެސް ހިއެއް ނުކުރެއެވެ. ހައިޝަމް އާއި މިސްކުގެ މޫނަށް އެރީ ބޮޑު ހައިރާން މާކެކެވެ. ޒާނަގެ ލޮލުން ކަރުނަ އައިތަން ދެކެފައި ދެޒުވާނުންގެ ހިތުގައި ކޫރުން އެޅިގެން ދިޔައެވެ. ދެމީހުންނަށް ގުޑުވާލަން ނޭނގިފައި ހުއްޓާ އާތިފާ އަނެއްކާވެސް ޖަހަންވެގެން ތައްޔާރުވެލިއެވެ. އެކަމަކު ދެވަނަ ފަހަރަށް އެކަން ކާމިޔާބުވުމުގެ ކުރިން މިސްކު އެދެމެދަށް ވަދެފައި އާތިފާގެ މަޤްސަދު ނާކާމިޔާބު ކޮށްލައިފިއެވެ.

“ސަން އޮފް އަ…” އާތިފާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލާފައި ރުޅިއައިސްގެން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

“ކުށްވެރިއަކީ ޒާނައެއް ނޫން. ކުށްވެރިއަކީ އަހަރެން. އާތިފާ ޖަހަން ބޭނުމިއްޔާ އަހަރެންގެ މޫނުގައި ޖަހާ. ޒާނައެއް ނޫން އާތިފާއަށް ހުވަފެންދައްކާފައި އިންނަން އެހީ.” މިސްކު ހަރުދަނާ އަޑަކުން ބުނެލިއެވެ.

“ކީއްވެ؟” ކީއްވެ އަހަރެން؟ ހަލާކު ކޮށްލަން މަގޭ ހިތް ނޫނީ ނުފެނުނީތަ؟” އާތިފާ ކައިރިވެލާފައި ކުއްލިއަކަށް މިސްކުގެ ގިރުވާނުގައި ހިފާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެމޫނަށް ބަލަން މިސްކުއަށްވެސް އުދަނގޫވިއެވެ. ކުށްވެރިއެއްފަދައިން އެސްފިޔަތައް ތިރިކޮށްލެވުނެވެ.

“އާތިފާ. އަހަންނަށް މާފުކުރޭ!” މިސްކު ހިތްވަރުކޮށްލާފައި ބުނެލިއެވެ.

“މިސްކުއަށް ކިހާ ފަސޭހަ ތިހެން ބުނެލަން.” އާތިފާ މިސްކުގެ ގިރުވާނުން ދޫކޮށްލާފައި ގޮސް ފުރަގަސްދީގެން ދުރުގައި ހުއްޓުނެވެ.

“އާތިފާ…އަހަރެންނަށް މާފުކުރޭ!” އެވަގުތު ޒާނަ މަޑުމަޑުން ކައިރިވެލާފައި ވާހަކަދެއްކިއެވެ.

“ދުރަށް ދޭ. އަހަރެން ބޭނުމެއް ނޫން ކަލޭގެ ސޫރަވެސް ދެކޭކަށް… ބިޗް.” ޒާނަ ކައިރިވުމުން އާތިފާ ދުރަށް ޖެހުނެވެ.

“ހައިޝަމް ހިނގާ ދާން. އިތުރަށް ދެން ދައްކާނެ ވާހަކައެއް ނެތް.” އާތިފާ ކުއްލިއަކަށް ހިނގައިގެންފައި ހައިޝަމްއަށް ބުނެލިއެވެ. އެވަގުތު ހައިޝަމް ބަލާލީ ޒާނައަށެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ހައިޝަމް ކުޑަކޮށް ހިނިތުންވެލިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް މިހާރު އޭނާއަކަށްވެސް ނޭނގެއެވެ.

އެމީހުން ގޮސް ލޯމަތިން ގެއްލުނު ފަހުން މިސްކު އައިސް ޒާނަގެ ކައިރިއަށް ހުއްޓިފައި އަތުގައި ހިފާލިއެވެ. އެވަގުތު އަނެއްކާވެސް ދޮރާއި ދިމާލުން ފިޔަވަޅުތަކެއްގެ އަޑު އިވިގެން ބަލާލިއިރު ރާކިންގެ ފަހަތުން އާރިއާއި އެހެން އެންމެން ގެއަށް ވަންނަނީއެވެ. ކަންބޮޑުވީ ވަރުން ޒާނައަށް މިސްކުގެ އަތުތެރޭގައިވާ އަތް ދަމައިގަނެވުނެވެ. އެހެން އެންމެންނަށްވުރެ ކުރިން ރާކިން އައިސް ކުރިމައްޗަށް ހުއްޓުމުން ޒާނައަށް އިސްޖަހައިލެވުނެވެ. ރާކިން ރުޅިއަތުވެދާނެތީ އޭނާ ބިރުން ހަލާކުވާން ކައިރިވެއްޖެއެވެ. ނިއްކުރީގައި ވިދަންފެށި ދާތިކިތަކާއި މޫނުމަތީގެ ކުލަވަރު އެކަން ސާބިތުކޮށްދެއެވެ.

“ޒާނަ އަހަރެން ކައިރިން ވަރިއަށް އެދުނު ދުވަހު ބުނީމެއްނު ޒާނަ އަހަރެންނާއި ކައިވެނިކުރީ މުއްސަދިކަމާއި ފައިސާގެ ބޭނުމުގައޭ. އެދުވަހު ހުރިހާ ހަޤީޤަތެއް ކިޔާދެމުން ޒާނަ ބުނީ އެހުރިހާ ފައިސާއަކީ އަގެއްނެތް އެއްޗަކަށް ވެގެން ދިޔަވާހަކަ. އަހަރެންގެ އަމިއްލާއި ހިތާއި އެތަކެއްފަހަރު ސުވާލުކުރިން. ކޮން ސަބަބެއް ދިމާވެގެން ހޭ ޒާނަގެ ކުރިމަތީގައި ފައިސާގެ އަގު ވެއްޓުނީ. މިއަދު މި އެނގުނީ އޭގެ ފަހަތުގައިވާ ހަޤީޤީ ސަބަބު. ޒާނަ. ލޯއްބަކީ ތިކަހަލަ އެއްޗެއް. ލޯބީގެ ކުރިމަތީގައި ތިމާއަށް ލިބިފައިވާ އެހެން ހުރިހާ ނިއުމަތެއް އެއީ ބޭނުންނެތް އެއްޗެހިތަކަށް ވެގެން ދޭ. އަދި އަހަރެން ބުނެލަން އޮތްހާވެސް އެއްޗަކީ މަރުހަބާއޭ.” ރާކިން ޒާނަގެ އަތްތިލައިހިފާ އުފުލާލާފައި ތުންފަތް ޖައްސާލިއެވެ.

ލިބުނު އުފަލެއްގެ ބޮޑުކަމުން ޒާނައަށް ރޮވުނީއެވެ. އަޑު ބޭރުވާން ފެށުމުން އޭނާ އަވަސް އަވަހަށް އަނގަމަތީގައި އަތް އަޅާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. އާރިއާ ކައިރިވެލާފައި ލުއިއަޑަކުން ހެމުން ޒާނަގެ ބުރަކަށީގައި ފިރުމާލިއެވެ. އެވަގުތު ރާކިން ހިނިއައިސްފައި ހަތަރުކަޅި ހަމަކޮށްލަމުން މިސްކުގެ ކޮނޑުގައި ޖަހާލިއެވެ.

“އެކަމަކު އެންމެ ފުރަތަމަ އަހަރެމެން ދެމީހުންގެ ވަރީގެ ކަންތަކެއްނު ހަމަޖައްސަންވީ.” ރާކިންގެ ޖުމްލައިން އެންމެން ސިހުނެވެ. އެންމެ ބޮޑު ސިހުމެއް ލިބުނީ ޒާނައަށެވެ. އެކަމަކު އާރިއާއާއި މިސްކުގެ މޫނުގައިވާ ކުލަ އާއި ޒާނަގެ މޫނުގެ ކުލަ ތަފާތެވެ.

“ހެހެ… އާރިއާ އާއި މިސްކުއަށް އަދި އެނގިފައި އޮތްނާނެހެނެއް ހިއެއްނުވޭ އެކަމަކު އަހަރެންނާއި ޒާނަ ވަރިވިފަހުން ދުވަސްކޮޅެއް ވެއްޖެ.” އެކިމީހުންގެ މޫނުމަތީގައިވާ ސީރިއަސްކަން ބަލާލާފައި ރާކިން ހީލިއެވެ. އާރިއާ އާއި މިސްކުއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

“ދެން އޭރުން ޒާނަގެ ބަނޑު… މިސްކު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. އާރިއާވެސް ރާކިންއަށް ބަލާލީ އެކަމާއި ބެހޭގޮތުން ކޮންމެވެސް އެއްޗެކޭ ބުނާށޭ ބުނާފަދަ ގޮތަކަށެވެ.

“އެއީ ޒާނަގެ މަންމައަށް ހީވިގޮތެއް. ޒާނަ ބަނޑު ބޮޑެއް ނޫން. “ރާކިން ޖަވާބު ދިނެވެ. ޒާނަވެސް އެކަމާއި އެއްބަސްވެ ބޯޖަހާލިއެވެ. މަންމަ ހެދި ދޮގުގެ ވާހަކަ އިތުރު މީހަކު ކައިރީ ބުނާ ހިތެއް އޭނާ ނުވިއެވެ. ހުރިހާ އޮޅުންތަކެއް ފިލައި ހަމަޖެހިލެވުމުން ކައިވެނީގެ ތާރީހާއި ހަމައަށް ވާހަކަތައް ދަތުރު ކުރިއެވެ. އެދުވަސް ނިމިގެން ދިޔައީ ކައިވެނީގެ ތާރީހު ކަނޑައެޅިގެންނެވެ.

އޭގެ އެއްމަސް ފަހުން ޒާނަ އާއި މިސްކުގެ ކައިވެނި ތައްޔާރު ކޮށްފައި އޮތީ ރާކިންގެ ގޭގައެވެ. އެކަމަށްޓަކައި ރާކިން އާއި މިސްކުވެގެން ކުރި އެންމެ ބޮޑު ކަމަކީ ދެމީހުންގެ މައިންބަފައިން އެއްތަން ކުރުމެވެ. ޕާޓީގެ ތައްޔާރީ ތަކުގައި ވަސީމާ އާއި ހަބީބާ އެކުގައި ގިނަ ވަގުތު ހޭދަކުރިއެވެ. ދުރުގައި ތިބެ ކިތަންމެ ވަރަކަށް އެއްޗެހި ގޮވިއަސް އެހާ ދުވަސްފަހުން އެގޮތަށް ދިމާވުމުން ދެބެންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފެނުނެވެ. އެމީހުންނަށް ބަދަލު ނުކުރެވުނު ކަމަކީ މިއަދުވެސް އެކަކު އަނެކަކަށްޓަކައި އެދެހިތުގައިވާ ލޯއްބެވެ. ރާކިން އާއި މިސްކު ނިކަން ވަރަށް ވިސްނައިދީގެން ދެމީހުން ވާހަކަދައްކަން އެއްބަސްވިއެވެ. ނަތީޖާ ނުހަނު ފޮންޏެވެ. އެވާހަކަތައް ނިމިގެން ދިޔައީ ދެބެން އެކަކު އަނެކަކަށް މާފުކޮށް އަލުން ގުޅިގެންނެވެ.

ދެން ހުރީ ހަނީފާއެވެ. ޒާނަދެކެ އޭނާ އައިސްފައިވާ ރުޅިގަނޑު ފިލާފައިވިއަސް އަދިވެސް ހުރީ ނުރުހުންވެފައެވެ. ހަނީފާގެ ޝަކުވާއަކީ މިސްކުފަދަ ނިކަމެއްޗަކަށްޓަކައި ޒާނަ ރާކިންއަށް ފުރަގަސްދިން ކަމެވެ. ކައިވެންޏަށް ތައްޔާރުވެގެން ނިކުންނަމުން މިސްކު ހަނީފާގެ ކައިރިއަށް އައެވެ.

“މަންމާ! ކައިވެންޏަށްފަހު ހަމައެކަނި ޒާނައެއް ނޫން އަހަރެންގެ ޒިންމާއަކަށް ވެގެންދާނީ. މިއަދަށްފަހު މަންމަވެސް ހުންނާނީ އަހަރެންގެ ބެލުމުގެ ދަށުގައި. އަދި ވަޢުދުވަން މަންމަ ނުޖެހޭނެ ބޭނުމެއް ޖެހިގެން އެކަން ނުވެގެން އުޅޭކަށް.” މިސްކުގެ ވާހަކަތަކުން ހަނީފާގެ ހިތަށް އަސަރުކުރިއެވެ.

އާރިއާގެ ކައިރީގައި ހުރެގެން އެދިމާއަށް އައި ޒާނަގެ މޫނުމަތި ވިދުވާލާފައިވާ އުފާވެރިކަން ދެކެފައި ފުރަތަމަ ފަހަރަށް އޭނާ ހިނިތުންވެލިއެވެ. ޒާނަގެ އެނިންމުމަކީ އެންމެ ރަނގަޅު ނިންމުމޭ ހިތާއި ހިތުން ބުނެވުނެވެ.

ކައިވެނި ކުރަން ހަމަޖެހިފައިވާ ވަގުތަށް އެންމެން ހަމަވިއެވެ. މިސްކުގެ ކަނާތް ފަރާތުގައި ޒާނަ އިނީ މޯޅިވެފައިވާ މަލެއްހެން ލަދުން އިސްޖެހިފައެވެ. އާއިލާގެ ހުރިހާ މެމްބަރުން އެވަގުތު އެތަނަށް ޖަމާވެފައިވެއެވެ. ގާޟީ ކައިވެނި ލައިދިނުމާއެކު މިސްކުގެ ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނި އަޑު ޒާނަގެ ކަންފަތުގައި ޖެހުމާއެކު ހަތަރެސްފައިން ފެށިގެން އެކީއެކަށްޗަކަށް މުޅިހަށިގަނޑު ފިނިވެގެން ދިޔައެވެ. ހީވީ ފިނި ފެންއެއްޗެއްގެ ތެރެއަށް ވަދެގެން ދިޔަހެންނެވެ. އެހަށިގަނޑު އޭނާއަށް އިހްސާސްވީ މީގެކުރިން ދުވަހަކުވެސް އިހްސާސް ނުކުރެވޭހާ ލުއިކޮށެވެ. ވަރަފަޅާފައި އުދުއްސައިގަނެވުނު ކަހަލައެވެ. ނޫނީ އެ އުޅެވެނީ ބިމަށް ދަމާބާރު ނެތް ހިސާބަށް ދޫވެފައިވާ ލުއިފަތެއް ފަދައިންނޭ ހީވިއެވެ.

މިސްކު އިން ފަރާތަށް މޫނު އަނބުރާލާފައި ޒާނަ ލަސްލަހުން އެސްފިޔަތައް އުފުލާލިއިރު މިސްކުވެސް އިނީ ބަލަހައްޓައިގެންނެވެ. އެ ފުން ދެލޮލުން ޒާނަ ދުށީ ލޯއްބެވެ. އެއީ އެލޯބީގެ ބާރުގައި ޒާނަގެ ހިތް މޮޔަކޮށްލި ލޯއްބެވެ. ބަލަހައްޓައިގެން ހުއްޓާ ޒާނަގެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. ޒާނަގެ ހުރިހާ އުންމީދެއް ހާސިލް ވެއްޖެއެވެ.

ނިމުނީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355