.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަނބިކަނބަލުން ލައިލާ އަލީ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.
މިއަހަރުގެ އަޟްހާ އީދު ކުޅުދުއްފުށީގައި ހޭދަކުރެއްވުމަށް ރައީސް ނަޝީދު މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ހދ. އަތޮޅު ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ބައެއް މެމްބަރުންނެވެ. އަދި އެމްޑީޕީ އަށް ތާއީދު ކުރާ މީހުންވެސް ވަނީ ކުޅުދުއްފުށީ ލޯކަލް ބަނދަރަށް ގޮސް އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. ކުރީގެ ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީގެ އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު، އަބްދުލް ގަފޫރު މޫސާ ވެސް ކުޅުދުއްފުއްޓަށް ވަޑައިގަތެވެ.
އީދުގެ 3 ދުވަސް ރައީސް ނަޝީދު ކުޅުދުއްފުށީގައި މަޑުކުރައްވަން ހަމަޖެހިފައި ވާއިރު މާދަމާގެ އީދު ނަމާދު އެމަނިކުފާނު ކުރައްވަން ނިންމަވާފައިވަނީ ކުޅުދުއްފުށީ ހުކުރު މިސްކިތުގައެވެ. އަދި ނަމާދަށް ފަހު އީދު ސަލާންކުރުން މިސްކިތުގައި އޮންނާނެ އެވެ. ހުކުރު މިސްކިތުގައި މާދަމާ ކުރެވޭ އީދު ނަމާދު ރާއްޖެ ޓީވީން ވަގުތުން ދުރަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.