.
ކުޅުދުއްފުށީގައި ބޭންކް އޮފް މޯލްޑިވްސް އިން ބަހައްޓާފައި ހުންނަ އޭޓީއެމް މައްސަލަ ޖެހި ހަލާކުވުމުގެ ސަބަބުން އެހެން ޢޭޓީއެމް އެއް މިއަދު ގެނެސްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ ކުޅުދުއްފުށީ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ ހަބީބާ އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި މި އޭޓީއެމް ގެނެސްފައިވަނީ މައްސަލަ ޖެހިފައިވާ އޭޓީއެމް މަރާމާތު ކުރުމަށް މަސައްކަތް ކުރުމަށްފަހު، މަރާމާތު ނުކުރެވޭ ފެންނާތީއެވެ. އަދި މިހާރު މި އޭޓީއެމް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މިރޭ ބޭނުން ކުރެވޭވަރު ވާނެކަމަށް ހަބީބާ ވިދާޅުވިއެވެ. ހަބީބާ އިތުރަށް ވިދާޅުވީ ދެމަސްދުވަހުގެ ތެރޭގައި އިތުރު އޭޓީއެމް އެއް ކުޅުދުއްފުއްޓަށް ލިބޭވަރުވާނޭކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކުރިން ބަހައްޓާފައިވާ އޭޓީއެމް ގައި މައްސަލަ ޖެހޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ވަރުވެ ހަލާކުވެފައި ވާތީ، ބޭންކުން ވަނީ ކާޑު ހިފައިގެން ކުޅުދުއްފުށީ ބްރާންޗަށް ދިއުމުން ފައިސާ ދޫކުރުމުގެ ޚިދުމަތް ދީފައެވެ.