.
ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން މިއަހަރަށް އިއުލާން ކުރިއިރު، އެލިސްޓުގެ އެންމެ ކުރީގައި މިއަހަރުވެސް ހިމެނިފައިވަނީ ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ލިއޮނެލް މެސީ އެވެ. މެސީއަކީ މިދިޔަ ތިން އަހަރު ވެސް ފީފާގެ ގޯލްޑެން ބޯލް ނުވަތަ ބެލޮންޑިއޯ ކާމިޔާބު ކުރި ކުޅުންތެރިޔާއެވެ.
މިއަހަރުގެ ބެލޮންޑިއޯ އަށް މެސީއާ އެންމެ ގާތުން ވާދަކުރަނީ މެސީއާއެކު ބާސެލޯނާއަށް ކުޅޭ އަންދްރޭ އިނިއެސްޓާ އާއި ޒަވީ ހެނާންޑެޒްގެ އިތުރުން ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޗެލްސީއަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި އިސްރޯލެއް އަދާކުރި އައިވަރީ ކޯސްޓްގެ ޑިޑިއޭ ޑްރޮގްބާ އެވެ. މިހުރިހާ ކުޅުންތެރިންގެ ތެރެއިން ވެސް މޮޅުކުޅުންތެރިޔާގެ މަގާމު މިއަހަރު ހޯދާނެކަމަށް ތަޖުރިބާކާރުން ބުނަނީ މެސީއެވެ. މެސީވަނީ މިއަހަރު މިހާތަނަށް 73 ގޯލް ޖަހާފައެވެ.
މެސީއަށް ވަނީ މިދިޔަ ހޯމަ ދުވަހު އިތުރު އެހެން އެވޯޑެއްވެސް ލިބިފައިއެވެ. ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓު މެސީއަށް ލިބުނު އިރު، އޭނާވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާއަށް އެކަނިވެސް 50 ގޯލު ޖަހާދީފައެވެ. ރަންބޫޓު ހަވާލުވުމަށްފަހު މެސީ ބުނެގައިވަނީ، އޭނާ ރިޓަޔާ ކުރަން ބޭނުންވަނީ ވެސް ބާސެލޯނާގައި ހުރެފައި ކަމަށެވެ. އަދި ކްލަބާއި ކުޅުންތެރިންގެ ފަރާތުން އޭނާގެ ކުރިއެރުމަށް ލިބުނު ފުރުސަތުތަށާއި އެވޯޑު ހޯދުމަށް ލިބުން އެހީތެރިކަމަށް ޝުކުރު އަދާކުރިއެވެ. އަދި ރަންބޫޓު ހައްގުވަނީ ބޯސެލޯނާގެ ހުރިހާ ކުޅުންތެރިންނަށް ކަމަށް ބުނެފައި ވެއެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނިފައި ހަމައެކަނި އިނގިރޭސި ކުޅުންތެރިޔަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ވޭން ރޫނީއެވެ. ގޯލް ކީޕަރުންގެ ތެރެއިން ސްޕެއިން އަދި ރެއާލްގެ ކީޕަރު އިކާ ކަސިލަސް ވެސް ވަނީ ލިސްޓުގައި ހިމެނިފައެވެ. މީގެއިތުރުން އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ކޮލަންބިއާގެ ސްޓްރައިކަރ ފަލްކާއޯ އާއި ޕީއެސްޖީއަށް މިއަހަރު ބަދަލުވި އިބްރާހިމޮވިޗް އަދި މެންޗެސްޓަރ ސިޓީގެ ޔާޔާ ޓޯރޭ ވެސް ލިސްޓުން ވަނީ ޖާގަ ހޯދާފައެވެ.
މިފަހަރުގެ އެވޯޑް ނައިޓުގައި އެންމެ މޮޅު ކޯޗުންނަށް ވާދަކުރާ ދިހަ ކޯޗުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޗެލްސީގެ ކޯޗް ރޮބާޓޯ ޑި މަޓެއޯ އާއި ރެއާލްގެ ކޯޗް ހޯޒޭ މޮރީނިއޯ އާއި މެންޗެސްޓަރ ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީއެވެ. އަދި ސްޕެއިންއަށް މިއަހަރު ޔޫރޯ ހޯދައިދިން ވިންސެންޓް ޑެލްބޮސްކޭއަކީ ވެސް ފޭވަރިޓެކެވެ.