ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ 3 ރަށަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ހއ ހޯރަފުއްޓަށެވެ. އިއްޔެ ހއ ހޯރަފުއްޓަށް ކުރި ވިއްސާރައިގައި ބައެއް ސަރަހައްދުތަކުގައި ވަނީ އުނަގަނޑާއި ހިސާބަށް ފެން ބޮޑުވެފައެވެ.
އެރަށުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވަމުންއަންނައިރު ރަށުގެ 90 އަށްވުރެ ގިނަ ގޭގައި މީހުން ނޫޅެވޭވަރަށް ފެންގަނޑު ހެދިފައިވާ ކަމަށް ހަބަރު ލިބެއެވެ.
ފުލުހުން ބުނީ ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ގޭގޭގެ ބޭރުގައި ވެލިބަސްތާ ޖެހުމާއި ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު ރައްކާތެރި ތަންތަނަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޯރަފުށީ ސިއްޙީމަރުކަޒުގެ އޮފީސް ބައިގައި ހުރި ތަކެއްޗަށް ފެނުގެ އަސަރުކޮށް އެތަނަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު އަދި އެރަށުގެ ގިނަ ގެ ތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ހޯރަފުށީ ޕްރީ ސްކޫލުގެ ކިޔެވުން ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ބަންދުކޮށްފައެވެ. ހޯރަފުށީ ކައުންސިލްގެ ރައީސް މައުރޫފު ވިދާޅުވީ އެރަށުގައި ބޮޑުވެފައިވާފެންގަނޑު ހިންދުމަށް ފުލުހުންނާއި މަނަފަރު ރިސޯޓާއި އެމްޓީޓީސީގެއެހީތެރި ކަމާއެކު ކޯރު ކަނޑައިގެން ފެން މޫދަށް ހިންގުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން އަންނަކަމަށެވެ.
މި ވިއްސާރައިގައި ހދ ހަނިމާދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޖީނު ގެއަށް ފެން ވަންނަމުންދާތީ އިއްޔެ މެންދުރުން ފެށިގެން ނޮދަން އޭރިއާގެ ސިފައިންވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ. ހަނިމާދޫގައި ފެން ހިއްކުމުގެ މަސައްކަތް ރަށުގެ ރައްޔިތުންގެ ޕަންޕެއް ބޭނުން ކޮށްގެން ކޮށްފައިވާއިރު އެރަށު ފުލުހުންގެ އެއްބާރުލުން ލިބިފައިވާކަމަށް ނޮދަންއޭރިޔާއިން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ހއ ބާރަށުގައި ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކުމަށް އިއްޔެ ހަވީރުން ފެށިގެން ކޮށްފައިވާ މަސައްކަތުން ފެން ހިނދިފައިވާ ކަމަށް ބާރަށު ކައުންސިލް އިދާރާއިން މައުލޫމާތު ދެއްވައެވެ. ބާރަށުގެ ބައެއް ހިސާބުތަކުގައި 2 ފޫޓަށް ފެންހެދިފައިވާއިރު ބައެއް ގޭގޭގެ ހިފާގެންގުޅޭ ސާމާނަށްވަނީ ފެނުގެ އަސަރުކޮށް ހަލާކުވެފައެވެ. އަދި ގޭތެރެއަށް ފެން ވަނަ ނުދިނުމަށް ވެލިބަސްތާޖެހުމުގެ މަސައްކަތްވެސް ރައްޔިތުން ވަނީ ކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއިބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އުތުރުގެ ރަށްރަށުގެ އިތުރުން ދެކުނުގެ ގިނަ ރަށްރަށަށްވެސް ވިއްސާރައިގައި އެކިވަރުގެ ގެއްލުންތައް އަންނަނީ ވަމުންނެވެ