ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވެ އްޖެ އެވެ.
މިހާރު ކުރަމުންމިދާ ވިއްސާރައިގާ މިއަދު އިރު އޮއްސި 6 އިން ފެށިގެން 2 ގަޑިއިރެއްހާއިރަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުޅުދުއްފުށީގެ ހުރިހާ ހިސާބެއްގެ މަގުތަކެއްގައިވެސް ވަނީ ފެންބޮޑުވެފައެވެ. އަދި އޭގެ ފަހުން ވެސް މެދު ނުކެނޑި ވާރޭ ވަނީ ވެހިފައެވެ. ރޭ ވެސް ކުޅުދުއްފުއްޓަށް ވާރޭ ވެހި މަގުތަކުގައި ފެންގަނޑުތައް ވަނީ ހެދިފައެވެ. އަދި ފެންގަނޑުތައް ބިމަށް ނުހިނދެނީސް މިއަދު ހަވީރުން ފެށިގެން ވާރޭ ވެހުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ވަނީ ދަތިވެފައެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވީ މިރޭ ކުރަމުންދާ ވިއްސާރައިގައި އެއްވެސް ގެއެއްގައި ފެން ބޮޑުވެގެން ރިޕޯޓް ކޮށްފައި ނުވާކަމަށެވެ. މިވަގުތު ނުރަސްމީ ދަތުރުފުޅެއްގައި މާލޭގައި ހުންނެވި، ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ ކައުންސިލް އޮތީ ފެން ބޮޑުވެއްޖެ ހާލަތެއްގައި ފެން ހިއްކުމަށް ތައްޔާރަށް ކަމަށާއި އެހެންނަަމަވެސް ހުރީ އެންމެ ޕަންޕެއް ކަމަށެވެ.
“އެންމެ ފެންހިއްކާ ޕަންޕެއް ހުރީ. އެހެންވީމަ ދެން ޖެހޭނީ އެމްއެންޑީއެފް ގެ އެހީތެރިކަން ހޯދަން” ރަމީޒް ވިދާޅުވިއެވެ.
ކުޅުދުއްފުށީ އޮންލައިނުން އެމްއެންޑީއެފް އާ ގުޅުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެނގިފައި ވާގޮތުން އެމްއެންޑީއެފް އިން މިހާރު ވެސް ދަނީ ކައިރި ސަރަހައްދުގެ ބައެއް ރަށްރަށުން ފެން ހިއްކުމުމުގެ މަސައްކަތް ކުރަމުންނެވެ.
މަގުގައި ފެން ހެދުމުގެ އިތުރުން މަގުތަކުގައި ކުދި ވަޅުތަކެއް ހެދިފައިވާތީ މަގުތައް ބޭނުންކުރާ ރައްޔިތުންނަށް ދަނީ ބޮޑެތި ދަތި ތަކެއް ކުރިމަތި ވަމުންނެވެ.
ކުޅުދުއްފުށީގެ އިތުރުން ހދ ހަނިމާދޫ، ހއ. ފިއްލަދޫ، ހޯރަފުށި އަދި އެއަތޮޅު ބާރަށުގައި އާއި ކެލާގައިވެސް ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައި އެވެ.
މިރޭގެ 10 އިން 12 އާ ދެމެދު ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. ައދި ކުރިއަށް އޮތް ދެ ދުވަހުވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއްވައެވެ.