.
މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާ ދުއިސައްތަ އެއް މިލިޔަން ރުފިޔާއަށް އަރައިފި އެވެ.
މި ނިމުނު ތިންވަނަ ކުއާޓަރގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 161 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ދެވަނަ ކުއާޓަރގައި ބޭންކްގެ ސާފު ފައިދާއަކީ 40 މިލިޔަން ރުފިޔާއެވެ. މިއީ ދެވަނަ ކުރާޓަރ އާއަޅާބަލާއިރު 121 މިލިޔަން ރުފިޔާގެ އިތުރު ވުމެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ އާއްމު ކުރި މަޢުލޫމާތުތަކުގައި ވާގޮތުން 2012 ގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ހިންގުމުގެ ފައިދާއަކީ 402.7 މިލިޔަން ރުފިޔާއެވެ. މިއީ 2011 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ.
ބޭންކްއަށް ލިބުނު މިކުރިއެރުމާއި ގުޅިގެން ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޕީޓަރ ހޯޓަން ވިދާޅުވީ، މާލީ ގޮތުން މިލިބުނު ބޮޑު ކުރިއެރުމާއި ފައިސާ ހުރިނެތްމިންވަރު ނުވަތަ ލިކުއިޑިޓީ ރަނގަޅު ވެފައިވާ މިންވަރު ރަމްޒު ކޮށްދެނީ ކުންފުނީގެ މިސްރާބު ރަނގަޅު ކަމެވެ.
“ސާފު ފައިދާ މިހާބޮޑަށް އިތުރު ކުރެވިފައި ވަނީ ބޭންކްގެ މުޅި ޓީމުން ކުރި ބުރަ މަސައްކަތުގެ ސަބަބުން. އަދި މިއީ މާކެޓަށް އަންނަ ބަދަލުތަކާއެކު ވިޔަފާރި ބަދަލުކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންނަށް ލިބިފައި ވާކަން ސާބިތުކޮށްދޭ ކަމެއް.” ޕީޓަރ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އަށް މިއަހަރު ފައިދާވާން ފަށާފައި މިވަނީ ފައިދާ ނުވާތާ އަހަރުތަކެއް ވުމަށްފަހުއެވެ. ބޭންކްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ބާއްވާނެކަމަށް ބޭންކުން ވަނީ އިއުލާން ކޮށްފައި އެވެ.