ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ރަށްރަށުގައި ފެންބޮޑުވަމުން ދާތީ އެކަމުގެ ސަބަބުން ބަލިތަކެއް ފެތުރިދާނެކަމަށް ސަމާލުވުމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށްރަށުގައި ފެންބޮޑުވެ ނަރުދަމާ ނިޒާމުގެ މައްސަލަ ޖެހި ނަޖިސްތައް ބޭރުވަމުން ދާތީ ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށް ސީސީއެޗްޑީސީ އިން ބުނެއެވެ.
ސީސީއެޗްޑީސީން ބުނީ އެފަދަ ބަލިތަކެއް ފެތުރުނަ ނުދިނުމަށް ސާފު ތާހިރުކަށް އިތުރު ކުރުމަށާއި މަދިރި އުފެދޭ ތަންތަން ނައްތާލުން މުހިއްމު ކަމަށެވެ.
ފެން ބޭނުންކުރާއިރު ކްލޮރިނޭޓްކޮށް ނުވަތަ ކައްކައިގެން ބޭނުން ކުރުމާށާއި ވާރޭ ފެން ނަގާއިރު ފުރާޅު ރަނގަޅަށް ސާފުކު ކުރުމުގެ އިތުރުން ސައިބޯނި ލައިގެން އަތްދޮވެ ތަރުކާރީއާއި މޭވާ ފަދަ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް ސީސީއެޗްޑީސީ އިން އިލްތިމާސްކޮށްފައި ވެއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ ހދ ހަނިމާދޫ އަށް ބޯކޮށް ވާރޭ ވެހި ރަށުގައި ފެން ބޮޑުވުމުގެ އިތުރުން ދެ ގެއެއްގައި ހުރި ޖަންކްޝަން ވަޅުތަކެއް ފަޅައިގެން ގޮސް ނަޖިސްތައް ބޭރުވެފައި ވެއެވެ. އަދި އެނަޖިސްތައް ރަށުގައި ހެދިފައިވާ ފެންގަޑުގެ ތެރެއަށް ވެސް ގޮސްފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
އުތުރުން އެންމެ ބޮޑަށް ގެއްލުން ލިބުނު ހޯރަފުށީގައި ހެދުނު ފެންގަނޑު ހިއްކުމަށްފަހު އެރަށުގެ ގެތަކުގައި ހުރި ވަޅުތަކަށް ރެޑް ކްރެސެންޓްގެ އެހީތެރިކަމާއެކު ކްލޮރިން އަޅަމުން އަންނަކަމަށް އެރަށުގެ ކައުންސިލާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
ރޭކުރި ވިއްސާރައިގައި ކުޅުދުއްފުށީގެ އެއްވެސް ގެއަކަށް ގެންލުންލިބިގެން ރިޕޯޓްކޮށްފައިނުވާ ކަމަށް ކައުންސިލް މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވި އެވެ. އެހެންނަމަވެސް ރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ހަލާކުވެ ރައްޔިތުންނަށް ދަތިތަކެއް ދިމާވަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފާވެއެވެ. އަދި ކުރިއަށްއޮތް 48 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށާއި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއްނޫނީ ނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ އިލްތިމާސްކޮށްފައެވެ.