އަންނަ އަހަރުން ފެށިގެން އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔަވައިދިނުން އެއްދަންފަޅި އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ދެ ސްކޫލުން ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ 2013 ވަނަ އަހަރު މި ދެ ސްކޫލަށް ގްރޭޑް 1 އަށް ވަންނަ ދަރިވަރުންގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް އަފީފުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ބައްދަލުވުމުގައެވެ. އަންނަ އަހަރަށް ކުދިން ވެއްދުމުގައި އަފީފުއްދީން ސްކޫލުން އަމަލު ކުރުމަށް ހަމަޖެހިފައިވާ ގޮތާއި ވަސީލަތްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވީ އެސްކޫލްގެ ޕްރިންސިޕަލް އާދަމް މޫސާ އެވެ. އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އުސޫލްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވީ ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ.
އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ގެ ވާހަކައިގައި ކުއްޖާގެ ކިބައިގައި ފެންވަރު ނެތް ނަމަ އެއް އަހަރު ސަލާމަތް ކުރުމުގެ ބޭނުމުގައި 1 އަށް ނުވެއްދުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރި ވެލެއްވި އެވެ. އަދި އެއް ދަންފަޅިއަށް ހެދުމުން ކުދިންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައި ވެއެވެ.
މިބައްދަލުވުމުގައި ޒިޔާދު ރަޝާދު ދެއްކެވި ވާހަކައިގައި ތިމާގެ ދަރިފުޅު ކޮންމެ ސްކޫލަކަށް ވެއްދުނު ނަމަވެސް އެކަން ބަލައިގަތުމަށް ބެލެނިވެރިންގެ އަރިހުން އެދިލެއްވިއެވެ.
އަންނަ އަހަރު ގްރޭޑް 1 އަށް ވަންނަން ބޭނުންވާ ކުދިންނަށް އާދީއްތަ ދުވަހުން ފެށިގެން ދެ ސްކޫލުން ވެސް ފޯމު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުދިންގެ ފެންވަރު ބެލުމަށް ޓެސްޓެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
އަންނަ އަހަރު ގްރޭޑް 1 އަށް ވަދެވޭނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 1 އަށް 6 އަހަރު ފުރި 7 އަހަރު ނުވާ ކުދިންނަށެވެ. މިހާތަނަށް 2 ސްކޫލުގައި ވަނުމަށް ނަންނޯޓް ކޮށްފައިވާ ޖުމްލަ އަދަދަކީ 158 އެވެ. އެއީ އޭއީސީ ގައި 100 ދަރިވަރުން އަދި އަފީފުއްދީން ސްކޫލު ގައި 58 ދަރިވަރުންނެވެ. އެހެންކަމުން ޖާގައިގެ އެއްވެސް ދަތިކަމެއްނެތި ކިޔަވައިދެވޭނެ ކަން ދެ ޕްރިންސިޕަލުން ވެސް ރޭ ފާހަގަ ކުރެއްވިއެވެ.
މިބައްދަލުވުމަކީ ކުޅުދުއްފުށި ކައުންސިލް އާއި އެޑިއުކޭޝަން ޔުނިޓް އަދި ދެ ސްކޫލުން ގުޅިގެން އިންތިޒާމް ކުރި ބައްދަލުވުމެކެވެ. އެހެން ނަމަވެސް ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހޯރަފުށީ ސްކޫލަށް ލިބުނު ގެއްލުންތައް ބައްލަވާލުމަށް ކުރައްވާ ދަތުރެއްގައި އެޑިއުކޭޝަން ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި ޓީޗަރ އެޑިއުކޭޓަރ އަބްދުއްރަޝީދު ސައީދު ވަނީ ހޯރަފުށީގަ އެވެ.