އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ކުޅުދުއްފުށީ ކައުންސިލުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާއީލް އިބްރާހިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ވޯޓް ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ކަމަށެވެ. ވޯޓް ކަރުދާސް ޗާޕްކުރުމުގެ ކުރިން އިންތިހާބުގައި ވޯޓްފޮށިތައް ކައިރީ ތިބޭނެ މަންދޫބުން ކަނޑައަޅާފައިވާ ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.
“މިފަހަރު މަންދޫބުން ކަނޑައެޅީ (ކުޅުދުއްފުށީ ކައުންސިލް) އިދާރާއިން. އިއުލާން ނުކުރީ ފައިސާ ދެވެން ނެތީމަ. ކުރިން އިންތިޚާބުތަކުގަ މަސައްކަތް ކުރި ފަރާތްތަކަށް އިސްކަން ދިނީ.” އިސްމާއިލް ވިދާޅުވިއެވެ.
މިމަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ކުޅުދުއްފުށީގައި 2 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް އަމީރު އަމީން ސްކޫލުގައި ވޯޓު ފޮއްޓެއް ބަހައްޓާއިރު އުތުރު ދާއިރާގެ ރައްޔިތުންނަށް ބަހައްޓާ ވޯޓު ފޮށި ހުންނާނީ ހދ ރިސޯސް ސެންޓަރުގައި އެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ޝަރުތު ހަމަވާ 1490 މީހުން ކުޅުދުއްފުށީގައި އެބަތިއްބެވެ. ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި 23 ކެނޑިޑޭޓުން ވާދަކުރެއެވެ. ކުޅުދުއްފުށީގެ އަންހެނުންގެ ކޮމެޓީއަށް ހޮވާނީ 9 މެމްބަރުންނެވެ.