ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތި 3 މަސް ފާއިތުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ވަހީދު ވިދާޅުވީ ޑޮކްޓަރުން ހޯދުމަށާއި ޚިދުމަތްތައް ދިނުމުގައި އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ ދަތިކަން ކަމަށެވެ.
މިގޮތުން ސްޕެޝަލިސްޓުން ލިބުމުގެ ދަތިތައްވެސް ކުރިމަތިވެފައިވާ ކަމަށާއި މިވަގުތުވެސް ކުޑަކުދިންގެ ޑޮކްޓަރާއި އޮޕްރޭޝަން ޑޮކްޓަރެއް ނެތްކަން ފާހަގަ ކުރެއްވިއެވެ.
“މިވަގުތަށް އެންމެ ބޮޑަށް ކުރިމަތި ވެފަވަނީ ފައިސާގެ ދަތިކަން. އިތުރު ދައްޗެއް ނެތް. ފައިސާ ލިބުނީމަ ހުރިހާ ކަމެއްވެސް ހައްލުވާނެ” މެނޭޖަރ ވަހީދު ވިދާޅުވި އެވެ.
ފައިސާ ހޯދުމަށް އެފަރާތްތަކަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި މިނިސްޓްރީއަށް ދަންނަވާފައިވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. ވަހީދު އިތުރަށް ވިދާޅުވީ ސްކޭނިން މެޝިނަށް ދިމާވި މައްސަލަ ހައްލުނުކުރެވިފައިވަނީ ވެސް ފައިސާ ނެތިގެން ކަމަށެވެ.
އާ ޑޮކްޓަރުން ހޮސްޕިޓަލަށް އަންނާނެ ވަކި ދުވަހެއް އެހޮސްޕިޓަލުން ބުނެފައެއް ނުވެއެވެ.
ކުޅުދުއްފުށީގައި ވައިރަލް ރޯގާ ފެތުރެމުންދާ މިދަނޑިވަޅުގައި ކުޑަކުދިންގެ ޑަކްޓަރެއް ނެތުމަކީ އާއްމުންގެ ޝަކުވާ ވަރަށް ބޮޑަށްް ލިބެނުމުންދާ ކަމެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.