މާދަމާ ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބްގެ ކެމްޕޭން ކުޅުދުއްފުށީގައި ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފި އެވެ.
އަންހެނުންގެ ކޮމިޓީގެ އިންތިޚާބަކީ ސިޔާސީ އިންތިޚާބަކަށް ނުވިކަމުގައި ވިޔަސް ސިޔާސީ ގޮތުން އެންމެ ނުފޫޒްގަދަ ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރަށް ތާއީދުކުރާ މީހުން މި އިންތިހާބުގައި ކުރިމަތިލާފައި ވުމުން އިންތިޚާބްގެ ސިޔާސީ ކޯޅުންތައް ދަނީ ކުރިއަށެވެ. އެ ދެ ޕާޓީއިންވެސް ވަނީ ޑޯޓުޑޯ ކެމްޕޭނުތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އެމްޑީޕީން ރޭ ވަނީ އެޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބަންޑާރަ މައިދާނުގައި ޖަލްސާއެއްވެސް ބާއްވާފައެވެ.
އިންތިހާބުގެ ކެމްޕޭން ކުރިއަށް ދިޔައިރު، އެމްޑީޕީ އިން ބައެއް ކެނޑިޑޭޓުންނާ ދެކޮޅަށް އެންޓި ކެމްޕޭން ކުރަމުންދާ ކަމަށް ބުނެ ބައެއް އާންމުން ވަނީ ޝަކުވާކޮށްފައި އެވެ. އެހެންނަމަވެސް އިންތިހާބުގެ ކަންތައްތައް ބަލަހައްޓާ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިސްމާއީލް އިބްރާހިމް ވިދާޅުވީ އެވާހަކަ އަޑު އިވިވަޑައިގެންފައިވާ ކަމަށާއި އެެހެން ނަމަވެސް ކޮމްޕްލެއިންސް ބިއުރޯއަށް އެއްވެސް ޝަކުވާއެއް ރަސްމީކޮށް ހުށަހަޅާފައި ނުވާކަމަށެވެ.
” އެކަހަލަ ވާހަކަ އަޑުއިވޭ. އެކަމަކު މައްސަލައެއް ގޮތަށް ބެލޭނީ ހުށަހަޅާފަ ހެކި ލިބުނީމަ.” އިސްމާއިލް ވިދާޅުވި އެވެ.
މި އިންތިހާބުގައި ޖުމްލަ 23 މީހުން ވާދަކުރާއިރު އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 9 ކެނޑިޑޭޓުން ތިބިއިރު ޕީޕީއެމް އަށް ނިސްބަތްވާ ވެސް 9 ކެނޑިޑޭޓުން ވާދަކުރެއެވެ. އަދި ޕާޓީއަކަށް ނިސްބަތްނުވާ 5 ކެނޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއެވެ.
މާދަމާގެ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ސުންގަޑި މިއަދު އިރުއޮއްސި 6 ޖެހުމާއެކު ވަނީ ހަމަވެފައި އެވެ.