twitterviber whatsapp telegramfacebookyoutube instagram
25th November 2024

އަންހެނުންގެ ކޮމެޓީގެ އިންތިހާބު: މައްސަލަ ޖެހުނު ވޯޓުފޮށި ބަންދުކޮށް ވޯޓު ގުނަން ފެށުމަށް އެލްޖީއޭއިން ކައުންސިލަށް އަންގައިފި

Nov 7, 2012

23:15

މައްސަލަ ޖެހުނު ވޯޓުފޮށި ގުނަން ފަށައިފި. ވޯޓު ފޮށި ގުނަންފެށިއިރު އެތަނުގައި 1 އޮބްޒާވަރެއްގެ އިތުރުން ދެން ތިބީ އިންތިހާބުގައި ވާދަކުރި 8 ކެނޑިޑޭޓަކު.

އެތަނުގެ ތެރޭގައި ތިބި އާންމުން ރިސޯސް ސެންޓަރުގެ ބޭރަށް ނެރެ ގޭޓް ވަނީ ބަންދުކޮށްފައި. ވޯޓު ގުނާތަނުގެ ތެރޭގައި 2 ފުލުހަކުވެސް ހަރަކާތްތެރިވޭ.

22:30

އިތުރު ފުލުހުން އެސަރަހައްދަށް އަތުވެއްޖެ . އިތުރު 25 ވަރަކަށް ފުލުހުން އައިސްފައި ކަމަށް ރިޕޯޓަރ މައުލޫމާތު ދެއެވެ. ވޯޓު ފޮށިކައިރީގައި އެއްވެސް އޮބްޒާވަރެއް މިވަގުތު ނެތް. ބެލެވޭ ގޮތުގައި މާގިނައިރުތަކެއް ނުވެ ވޯޓު ގުނުމުގެ މަސައްކަތް ފަށާނެ.

22:00

އެލްޖީއޭއިން އެންގި ގޮތަށް ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށްޓަކައި ވޯޓުލާ މަރުކަޒަށް އެމަރުކަޒުގެ އިސް ވެރިޔާ ވަންނަން އުޅުމުން އަޑުގަދަކޮށް ހަޑިހުތުރު ބަހުން ހަޅޭލަވާފައި ވެއެވެ. ވޯޓު ގުނަން ފެށުމުގެ ބަދަލުގައި އަނެއްކާވެސް އެތަނުގެ އިސް ވެރިއަކަށް ހުރި ހުސައިން އަލީ ވޯޓުލާ މަރުކަޒު ދޫކޮށް ވަޑައިގެންފި އެވެ.

އެތަނުގައި ހަރަކާތްތެރިވާ އެއްވެސް އޮފިޝަލަކަށް ހުސައިން އަލީ ވަޑައިގެންތަނެއް ނޭގެއެވެ. އަދި ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އިތުރު މައުލޫމާތު ލިބޭގޮތްވަނީ ނުވެފައި އެވެ.

އެސަރަހައްދުގައި ހުރި ރިޕޯޓަރ ބުނީ އެތަނުގައި ހަމަނުޖެހުން ހިނގާޒާތުގެ ކަންކަން ކުރަމުން އަންނައިރު ފުލުހުންގެ ފަރާތުން އެކަން ހުއްޓުވަން އުޅޭ މަންޒަރެއް ފެނިފައި ނުވާކަމަށެވެ. އަދި ފަހުން ހުސައިން އަލީ އާއި ކައުންސިލުގެ ޒިންމާދާރުވެރިޔާ ވަޑައިގެންނެވުމަށްފަހު އަނެއްކާވެސް އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އަޑުހަރުކޮށް އަވަގުރާނަ ގޮވާ ހަދަމުން ދިޔަ ކަމަށާއި އަދި ދާދި ދެންމެއަކު އެސަރަހައްދުގައި ފުޅިއެއް ގޮއްވާލާފައިވާކަމަށް ރިޕޯޓަރ މައުލޫމާތު ދެއެވެ.

21:55

އެސަރަހައްދުގައި މީހުން އަޑުގަދަ ކުރަމުން އެބަދޭ. ނަމަވެސް ހަމަނުޖެހުމެއް ނުހިނގާ.

21:40

މައްސަލަ ޖެހުނު ވޯޓު ފޮށި ބަންދުކޮށް ގުނަންފެށުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ އިން ކުޅުދުއްފުށީ ކައުންސިލަށް އަންގައިފި. ލޯކަލް ގަވާމެންޓް އޮތޯރިޓީއިން ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ވަނީ އިންތިހާބު ހިނގަމުން ދިޔައިރު ދިމާވި މައްސަލަ އެއޮތޯރިޓީގެ ގައުމީ ކޮމްޕްލެއިންސް ކޮމިޓީއިން މިހާރު ބަލަން ފަށާފައިވާ ކަމަށާއި، އަދި ވޯޓު ފޮށިބަންދުކޮށް ވޯޓު ގުނަން ފެށުމަށް ދަންނަވާ ކަމަށެވެ. އަދި މިކަމަށްޓަކައި ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހިއްޖެ ހާލަތެއްގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވެސް އެސިޓީގައި ކައުންސިލަށް އަންގާފައިވެއެވެ.

21:15

އިންތިހާބާ ގުޅިގެން ހދ އަތޮޅުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އޮފިޝަލެއް މިނޫހަށް މައުލޫމާތު ދެމުން ދާދީ ދެންމެ ވިދާޅުވީ، މައްސަލަ ޖެހުނު ވޯޓުފޮއްޓާމެދު ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއެކު މަޝްވަރާތައް ކުރެވެމުން އަންނަކަމަށެވެ. އަދި އެ ވޯޓު ފޮއްޓާމެދު އަމަލުކުރާނެ ގޮތެއް އެނގޭނީ އެމަޝްވަރާތަކަށް ފަހުގައި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ވޯޓުލާ މަރުކަޒުގައި  ތިބި އިސް ފަރާތްތައް ވެސް އެބައްދަލުވުމުގައި ބައިވެރިވަމުން އަންނަކަމަށް މައުލޫމާތު ލިބިފައި ވެއެވެ

21:00

ރިސޯސް ސެންޓަރުގައި ބަހއްޓާފައިހުރި ވޯޓު ފޮށީގައި މައްސަލަޖެހުމާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ބެލުމުގެ ކުރިން ވޯޓު ގުނަން ނުފެށޭނެކަމަށް އެތަނުގައި ތިބި ބައެއް މީހުން ބުނަމުންދާތީ ގުނަން ނުފަށާ ހުރި ވޯޓު ށި އަދިވެސް ގުނަން ފަށާފައި ނުވާއިރު އެމަރުކަޒުގައި އިސްކޮށް އުޅުނު އެއްވެސް ވެރިޔަކު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ނުދާ ކަމަށް ކުޅުދުއްފުށި އޮންލައިންގެ ރިޕޯޓަރ ބުނެފި އެވެ.

އޭނާ ބުނިގޮތުގައި ގާތްގަނޑަކަށް މިރޭ 7 ޖަހާއިރު އެ މަރުކަޒުގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން އަލީ އެސަރަހައްދުން ދިޔައިރު ވޯޓު ފޮށި ބަލަހައްޓަން ތިބި އެއްވެސް އޮފިޝަލަކަށް އޭނާ ދިޔަތަނެއް އަންގާފައެއް ނުވެއެވެ. އޭނާ ދިޔަފަހުން 2 ގަޑިއިރު ވީއިރުވެސް ވޯޓު ފޮއްޓާއިމެދު އަމަލުކުރާނެ ގޮތެއް ވޯޓު ފޮށި ކައިރީގައިތިބި އޮފިޝަލުންނަށް ނޭގޭއިރު، އިންތިހާބުގެ ކަންތައްތަކުގައި ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެއްވެސް އިސް ބޭފުޅެއްގެ ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައި އެވެ.

އަދި މިހާރު ވޯޓު ފޮށި ކައިރިއަށް ބޭނުން މީހަކަށް ދެވޭ އިރު އެތަނުގައި ހަރަކާތްތެރިވާ އޮފިޝަލުން ވެސް ތިބީ ދެން ކަންކުރާނެ ގޮތެއް ނޭގިފައި ކަމަށް އެސަރަހައްދުގައި ހުރި ރިޕޯޓަރު މައުލޫމާތު ދެއެވެ.

18:15

ވޯޓުލާ މަރުކަޒުގައި ހުރި ޕީޕީއެމް ގެ އަސުރުމާ ގޮފީގެ ރައީސް ވިދާޅުވީ އެ ވޯޓު ފޮއްޓާއި ގުޅޭ ގޮތުން ޝަކުވާ ހުށަހަޅާފައިވާއިރު އެޝަކުވާތައް ބެލުމުގެ ކުރިން ވޯޓު ގުނަން ފެށުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހުރި ހުސައިން އަލީ އާއި އިންތިހާބުގެ ކަންކަން ބެލުމާ ހަވާލުވެހުރި ކައުންސިލްގެ އޮފިޝަލް އިސްމާއީލް ފަރާތުންވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ.

ވޯޓު ލާ މަރުކަޒުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.

17:30

މައްސަލަޖެހުނު ރިސޯސް ސެންޓަރުގައި ބަހައްޓާފައިހުރި ވޯޓު  ފޮށީގެ ވޯޓު ގުނަން ފަށާނެ ވަކިއިރެއްނޭގޭ. އެސަރަހައްދުގައި ހުރި ކުޅުދުއްފުށި އޮންލައިންގެ ރިޕޯޓަރ ބުނީ ވޯޓު ގުނަން ފެށުމަށް އެތަނުގައި ތިބި ބައެއް މީހުން  ދެކޮޅު ހަދަމުންދާ ކަމަށެވެ. އެމީހުންގެ ޝަކުވާއަކީ އެމްޑީޕީގެ ކެނޑިޑޭޓުން ފާހަގަވާ ގޮތަށް ކެނޑިޑޭޓުންގެ ނަންބަރުތައް ޖަހާފައިވާ ކަރުދާސްކޮޅުތަކެއް ވޯޓިން ބޫތުގެ ތެރޭގައި ހުރުމުގެ ސަބަބުން އެވޯޓު ފޮށީގެ ސައްހަކަން ގެއްލިފައިވާ ކަމަށް.

އަދި ވޯޓުލާންވީ ކޮންބަޔަކަށް ކަން އަންގައިދިނުމަށް ވޯޓިން ބޫތުގެ ތެރޭގައި އެފަދަ ގޮތަކަށް ކަރުދާސްކޮޅުތަކެއް ބަހައްޓާފައި ހުރިއިރު އެމައްސަލަ ނުބަލާ ވޯޓު ގުނަން ނުފެށޭނެ ނުފެށޭނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

އަމީރު އަމީން ސްކޫލުގައި ބަހައްޓާފައިވާ ހުރި ވޯޓު ފޮށި ބަންދުކޮށްފި. 17:40 ގައި ވޯޓު ގުނަންފަށާނެ.

16:15

ވޯޓުލާން ގޮސްތބި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ ދެ މަރުކަޒުގެ ކައިރީގައި އެބަތިބި. ހާއްސަކޮށް އަމީރު އަމީން ސްކޫލުގައި ބަހައްޓާފައިހުރި ވޯޓުފޮއްޓަށް ވޯޓުލާންގޮސްތިބި މީހުންގެ އަދަދު ވަރަށް ގިނަ.

15:30

އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި ކުޅުދުއްފުށީ ރިސޯސް ސެންޓަރުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިކައިރީގައި ކެމްޕޭން ކުރުމުގެ ގޮތުން މަސައްކަތަކެއް ކޮށްފައިވާ ކަމަށް ބުނެ އެސަރަހައްދުގައި ތިބި އެމްޑީޕީއާއި ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.

މައްސަލަ އުފެދިފައިވަނީ، ވޯޓިން ބޫތުގެ ތެރެއިންނާއި ވޯޓުލާ ސަރަހައްދުގައި، އިންތިހާބުގައި ވާދަކުރާ 23 ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންގެ ނަންބަރުތައް ޖަހާފައިހުރި ކަރުދާސްކޮޅުތަކެއް ފެނިގެން ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ކުޅުދުއްފުށި އޮންލައިންގެ ރިޕޯޓަރ މައުލޫމާތު ދެއެވެ.

ވޯޓުލާ ސަރަހައްދުގައި އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންގެ ނަންބަރު ޖަހާފައިވާ ގަނޑުތަކެއް އިންތިހާބު އޮބްޒާވްކުރުމަށް ހަރަކާތްތެރިވާ ބައެއް މީހުންނަށްވެސް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމައްސަލަ ވޯޓުލާ މަރުކަޒުގެ އިސްކޮށްހުރި ބޭފުޅާއަށް ދެންނެވި ކަމަށާއި އެހެންނަމަވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެއެވެ.

ވޯޓުލާ މަރުކަޒުގެ ކައިރީ ޕީޕީއެމްގެ އަސުރުމާގޮފީގެ އިސް ބައެއް މެމްބަރުން ތިބިއިރު އެމީހުންގެ ޑިމާންޑަކީ އެމަރުކަޒުގެ އިސްކޮށް ހުރި ބޭފުޅާ އެމަގާމުން ވަކިކުރުމެވެ. އެހެންނޫންނަމަ ވޯޓު ފޮށްޓައް ގެއްލުން ދޭނެކަމަށް ވެސް އެތަނުގައި ތިބި ބައެއް މީހުން ގޮވަމުން އެބަދެއެވެ.

ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން އެސަރަހައްދަށް ޖަމާވަމުން އަންނައިރު އެސަރަހައްދުގައި މިހާރު ފުލުހުންވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

އިންތިހާބުގެ ކަންކަން ބަލަހައްޓަމުން އަންނަ އެލްޖީއޭގެ ބައެއް އޮފިޝަލުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު ކޮންޕްލެއިންސް ބިއުރޯއަށް ލިޔުމަކުން އެފަދަ އެއްވެސް ޝަކުވާއެއް އަދި މިހާތަނަށް ހުށަހަޅާފައިވާ ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް އަނގަބަހުން ޝަކުވާ ކޮށްފައިވާ ކަމަށާއި މައްސަލަ ބެލޭނީ ލިޔުމަކުން ހުށަހަޅައިގެން ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355