ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެއްކުންފުނި ކަމަށްވާ ވަތަނިއްޔާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް 4ޖީ ގެ ޚިދުމަތް ދިނުމަށް ވަރަށް އަވަހަށް ޓެސްޓްތައް ފަށާނެކަމަށް ހާމަކޮށްފި އެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި އެކަނި އަދި ބޭނުން ކުރެވެމުންދާ 4 ޖީ ޚިދުމަތް މިއަންނަ އަހަރުގެ ކުރީކޮޅު ޓެސްޓް ކުރަން ފަށާނޭކަން ވަތަނިއްޔާ އިން ހާމަކޮށްފައި ވަނީ، ވަތަނިއްޔާގެ ރޭޑިޔޯ އެކްސެސް ނެޓްވޯކްގެ ފެންވަރު އިތުރު ކުރުމަށް ހުއާވޭއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައެވެ.
ރޭޑިޔޯ އެކްސެސްގެ ފެންވަރު ރަނގަޅު ކުރުމަށް ވަތަނިއްޔާއާއެކު ސޮއި ކުރި ހުއާވޭ ކުންފުންޏަކީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ.
ވަތަނިއްޔާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ ހާރޫން ޝަހުލާ ހަމީދެވެ. އަދި ހުއާވޭގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ޗީފް އެގްޒެކަޓިވް އޮފިސަރ އޮސްޓިން ލޮންގް އެވެ.
25 މިލިޔަން ޑޮލަރުގެ މި ޕްރޮޖެކްޓް ނިމޭއިރު ވަތަނިއްޔާގެ ނެޓްވަރކް އިންފްރާސްޓްރަކްޗަރ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެހެންކަމުން މިކަމުގެ ފައިދާ ވަތަނިއްޔާގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިންޓަނެޓާއި، ފޯނާއި މޯޑެމްގެ ޚިދުމަތްތަކުން ލިބިގެންދާނެ ކަމަށް ވަތަނިއްޔާ އިން ބުނެއެވެ.
ވަތަނިއްޔާގެ ސީއީއޯ ހާޜޫން ޝަހުލާ ހަމީދު ވިދާޅުވީ، ވަތަނިއްޔާ އިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިގޮތުން 3 ޖީ އަދި 4 ޖީގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ވަތަނިއްޔާއިން ފަށާފައިވާ މިމަޝްރޫއުއާކު ރައްޔިތުންނަށް މުއާސަލާތީ ގޮތުން ވަރަށް ބޮޑު ތަރައްޤީ އެއް ލިބިގެންދާނެއެވެ.
ވަތަނިއްޔާއިން ހާމަކުރާ ގޮތުގައި މިއީ ތިމާވެއްޓާވެސް ވަރަށް ރަހުމަތްތެރި ނެޓްވޯކަކަށް ވެގެންދާނެއެވެ.
“މިއީ ތިމާވެއްޓާއި ރަހްމަތްތެރި ޚިދުމަތަކަށް ވުމާއެކު މި ނެޓްވޯކަށް ކަރަންޓްގެ ގޮތުން ދާ ޚަރަދު ކުޑަވެ ކާރބަން ފުޓްޕްރިންޓް ވެސް ވަރަށް ބޮޑުތަން ކުޑަވެގެންދާނެ.” ވަތަނިއްޔާގެ ޗީފް ޓެކްނިކަލް އޮފިސަރ ވިދާޅުވިއެވެ.
ހުއާވޭގެ މިސަރަހައްދަށް ކަނޑައަޅާފައި ހުންނަ ސީއީއޯ އޮސްޓިން ލޮންގް ވިދާޅުވީ ރާއްޖޭގެ މާކެޓަށް އެމީހުންނަށް ވަދެވުމާއެކު ހުއާވޭ ވެގެންދިޔައީ ރާއްޖޭގައި އައިސީޓީގެ ވަސީލަތްތައް ފޯރުކޮށްދޭ އެންމެ ފުންނާބު އުސް ކުންފުންޏަށް ކަމަށާއި ވަތަނިއްޔާއާއި އެކު މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާއިރު ރާއްޖޭގައި ޚިދުމަތް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ދިނުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.