ޝަހީދު ހުސައިން އާދަމް ފަދަ ކެރޭ ހިތްވަރުގަދަ ދަރިއަކަށް ވުމަށް ކަމަރު ބަނުމަށް ހުރިހާ ކިޔަވާ ކުދިންނަށް އަތޮޅު ކައުންސިލްގެ ރައީސް ގޮވާލައްވައިފި އެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު މިކަމަށް ގޮވާލެއްވީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ އަފީފުއްދީން ސްކޫލްގެ ހޯލުގައި އޮތް ޚާއްސަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ހުސެއިން ރަޝީދު ރޭ ދެއްކެވި ވާހަކައިގައި އަންނަ 2013 ވަނަ އަހަރު ޤައުމީ ފެންވަރުގައި ނަސްރުގެ ދުވަސް ފާހަގަ ކުރާނީ ކުޅުދުއްފުށީގައި ކަން ފާހަގަ ކުރެއްވިއެވެ. އަދި 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގެ ތަޖްރިބާތައް ހިއްސާ ކުރެއްވިއެވެ.
ރޭގެ މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ނައިބްރައީސް ޒަކަރިއްޔާ ހަސަނާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ކުޅުދުއްފުށީ ޕޯސްޓްގެ އޮފިސަރ އެހީތެރިޔާ ފަސްޓް ސާރޖަންޓް އިލިޔާސް ހަސަން ވަނީ ދުވަހާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މި ދެބޭފުޅޫންގެ ވާހަކައިގައި ވެސް މިދުވަސް އަޅުގަނޑުމެންނަށް ކުރިމަތިވީ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ކުރި ބަޣާވާތަކުންކަން ފާހަގަ ކުރައްވާ އެދުވަހުގެ ތަޖުރިބާތައް ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރ ނަސްރުﷲ އިސްމާއިލް ވަނީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މުހިއްމުކަމާއި، އެދުވަހުގެ ހަނދާންތައް އާކުރަންޖެހޭ ސަބަބުތަކާ މެދު ވާހަކަ ދައްކަވާފައެވެ. ނަސްރުﷲގެ ވާހަކަ ބިނާކޮށްފައިވަނީ އިސްތިއުމާރު ކުރެވޭ ގޮތްތަކާއި ދިވެހިރާއްޖެ އިސްތިއުމާރު ކުރެވުނު ގޮތުގެ މައްޗަށެވެ. ރޭގެ މި ހަފްލާގައިވަނީ އެމް.އެން.ޑީ.އެފް ގެ ފަރާތުންވަނީ ދުވަހުގެ ހަނދާންތައް އާކުރުމުގެ ގޮތުން ދުވަހާއި ގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ދައްކާފައެވެ.
ވިއްސާރައިގެ ސަބަބުން އެއް ހަފްތާ ފަސްކުރެވުނު މިރަސްމިއްޔާތުގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެލެއްވީ ޝަހީދު ހުސައިން އާދަމްގެ ފުރަތަމަ ކެޑޭޓް މާސްޓަރ ހދ ކުޅުދުއްފުށީ ދެބުދާރުގޭ އާދަމް އިސްމާއީލެވެ.
400 މީހުންނަށް ދައުވަތު ދީގެން ބޭއްވި މި ބައްދަލުވުމަށް ހާޒިރުވެފައި ވަނީ ސްކޫލު ކުދިންވެސް ހިމެނޭގޮތަށް އެންމެ 123 މީހުންނެވެ.