twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދަރިވަރުންގެ އަހުލާގު ކަންބޮޑުވާ ދަރަޖައެއްގައި

Nov 10, 2012

ފަހަކަށް އައިސް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަހުލާގީ މައްސަލަތަކުގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ސްކޫލުތަކުގެ ގަވާއިދު ތަކަށް ބޯ ނުލެނބުމާއި އާންމު ގަވާއިދުތަކަށް ވެސް ހުރުމަތްތެރިކޮށް ނުހިތާ މަންޒަރުތައް ދަނީ ކޮންމެ ދުވަހަކުވެސް ފެންނަމުންނެވެ. މިގޮތުން އެންމެ ފަހުން ގިނަ ބައެއްގެ ލޮލުގައި އަލައިގަތީ ކުޅުދުއްފުށީގެ ޕްރައިމަރީ ސްކޫލުތަކަށް ނިސްބަތްވާ ދަރިވަރުން ޢީދުގެ އުފާ ފާޅުކުރުމުގެ ނަމުގައި ބޮޑެތި މީހުންގެ ސްޓޭޖްތަކުގައި ހަރަކާތްތެރިވި މަންޒަރެވެ. ރޭގަނޑު ބޮޑެތި މީހުންނަށް ބާއްވާ ސްޓޭޖް ތަކުގައި ބާއްވާ ޝޯވ ކިޔަވާ ދަރިވަރުން ބައިވެރިވުމަކީ ސްކޫލުތަކުގެ ގަވާއިދުގައި މަނާ ކަމެކެވެ.

ނިވާކަން ކުޑަ ހެދުންލައިގެން ބޭއަދަބީ ބަސްތައް ހިމެނޭ ލަވަތަކަށް ޑާންސް ކުރަމުން ދިޔަ މި ދަރިވަރުންގެ ބެލެނިވެރިން މިކަމަށް ތަރުހީބުދީ އަތްޖަހަމުން ދިޔައިރު އެތަނަށް އެއްވެ ތިބިބައެއްމީހުން ވަނީ “އަވަގުރާނަ” ގޮވާ އެކުދިންނަށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ނެށުންތެރިއަކު ވަނީ މިކަމަށް ހިތްވަރުދީ ގްރޫޕް ހަދައިގެން ނެށި ދަރިވަރުން ތަކަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.

ޢީދުގައި ރަށްރަށުގައި ބާއްވާ ސްޓޭޖް ޝޯވ ތަކަކީ ވަކި އުމުރުފުރައަކަށް ހާއްސަކޮށްގެން ބާއްވާ ޝޯވ ތަކަކަށް ނުވިނަމަވެސް، ރޭގަނޑު އެފަދަ ސްޓޭޖްތަކުގައި ގެނެސްދެވޭ އައިޓަމްތައް ހާއްސަކޮށްފައި ހުންނަނީ ކުޑަކުދިންނަށް ނޫންކަން އެ ޝޯވތައް ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ސްކޫލް ކުދިންގެ ޤަވާއިދުގައި ވާގޮތުން ކިޔަވާ ކުއްޖަކު އެކުއްޖެއްގެ ސްކޫލް ފަރާތުން ނޫން ގޮތެއްގައި އާއްމު މިޔުޒިކް ނުވަތަ ތަމްސީލް ޝޯވ ތަކުގަޔާއި އެނޫންވެސް އާއްމު ދެއްކުންތަކުގައި ބައިވެރިވެވޭނީ ބެލެނިވެރިއާގެ އެދުމާއިއެކު ސްކޫލުން އިއުތިރާޒެއްނެތްކަމުގެ ލިޔުމެއް ލިބިގެންނެވެ. އެހެންނަމަވެސް އެންމެންގެ ކުރިމަތީ އެދަރިވަރުން އެފަދަ ގޮތަކަށް އުޅުމުންވެސް ސްކޫލުން އަޅާލާތަނެއް ނުފެނެއެވެ.

މިކަމާއި ގުޅިގެން ސްކޫލްތަކުގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތުން ލިބިފައިވަނީ ހިތްހަމަޖެހޭ ފަދަ ޖަވާބުތަކެއް ނޫނެވެ. މިގޮތުން މިވަގުތު މަތިއުތުރު ޕްރޮވިންސްގެ އެޑިއުކޭޝަން ޔުނިޓް ހިންގުމާއި ހަވާލުވެ ހުންނެވި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕުރިންސިޕަލް ޒިޔާދް ރަޝާދު ވިދާޅުވީ އެކަހަލަ މައުލޫމާތެއް ލިބިފައި ނުވާކަމަށާއި، މިފަދަ މައްސަލަތައް ތަހްޤީގް ކުރުމަކީ ގޮންޖެހުންތައް ގިނަ ކަމެއް ކަމަށެވެ. އަދި މިއީ ސްކޫލުން މާބޮޑު ސަމާލުކަން ދޭކަމެއް ނޫން ކަމަށާއި، ސްކޫލުން ބޮޑަށް ބަލަނީ ދަރިވަރުންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

މިކަމާއި ގުޅިގެން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ ނުރަސްމީކޮށް އެމައުލޫމާތު ލިބިފައިވާ ކަމަށާއި، ސްކޫލް ކުދިން ނޫނަސް އެގޮތަށް ނެށުމަކީ ދީން ހުއްދަ ކުރާ ކަންކަން ނޫން ކަމަށެވެ. އަދި މި މުޖްތަމައުގައި މިކަންކަމަކީ  ފަހަކަށް އައިސް މާބޮޑު ސަމާލުކަމެއް ދޭ ކަންކަން ނޫން ކަމަށާއި މިކަންކަން ހައްލު ކުރެވޭނީ ބެލެނިވެރިން ޒިންމާދާރުވެގެން ކަމަށެވެ. އަދި މިއީ ހިނގާފައިވާ ކަމަކަށްވާނަމަ ދަރިވަރުންނާއި ބެލެނިވެރިންނަށް ނަސޭހަތްތެރިވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ދެ ސްކޫލުގެ ޕްރިންސިޕަލްވެސް ފާހަގަކޮށްފައިވަނީ މިއީ ބެލެނިވެރިންގެ ޒިންމާ ނުނެންގެވުމުގެ ނަތީޖާ ކަމަށެވެ. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޤަވާއިދު ތަކަށް ސްކޫލްތަކުން އަމަލު ކުރަމުން ދާއިރު ތުނބުޅި ދިގުކުރުމާއި ފަޓްލޫނު ފައިކުރި ކުރުކުރުން މައްސަލަ އަކަށް ވެގެން ބަލާ ފިޔަވަޅު އަޅަމުންދާއިރު ކުދިން އަހުލާގާ ސީދާ ގުޅުންހުރި މިފަދަ ކަންތައްތައް ސްކޫލްތަކުން މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ.

ސްކޫލްގެ ޤަވާއިދުގައި ހުރި މިފަދަ ކަންކަން ތަންފީޒް ކުރުމަށް ފަސްޖެހުމުގެ ސަބަބުން އެއްދުވަހުން އަނެއް ދުވަހަށް ކުދިންގެ އަޚްލާގް މިދަނީ ދަށްވަމުންނެވެ. އުމުރުން 12 އަހަރުވެސް ނުފުރޭ ދަރިވަރުންތަކެއްގެ އަމަލުތައް މިގޮތަށް ހުރި އިރު މިކަންކަން މިގޮތައް ކުރިއަށްދާނަމަ މުސްތަގުބަލުގައި މިކުދިންގެ އަޚްލާޤީ މައްސަލަތައް އިތުރު ވެގެން ނުދާނެކަމާމެދު ޝައްކެވެ. މިކަމުގައި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ ފަދައިން ސްކޫލްތަކުން ވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355