މިމަހުގެ 7 ވަނަ ދުވަހު އިތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ދެ މައްސަލައެއް ހދ އަތޮޅު ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހަޅާފައިވާ ކަމަށް އެ ބިއުރޯ އިން ބުނެފި އެވެ.
ހދ ކޮމްޕްލެއިންސް ބިއުރޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެތަނަށް ހުށަހަޅާފައިވާ ދެ މައްސަލައަކީ ވެސް ކުޅުދުއްފުށީ ރިސޯސް ސެންޓަރުގައި ބެހެއްޓުނު ވޯޓު ފޮށްޓާއި ގުޅުންހުރި ދެ މައްސަލަ ކަމަށެވެ.
އެގޮތުން އޭގެތެރޭގައި ހިމެނޭ އެއް މައްސަލަ ވޯޓު ލީ ދުވަހު ބަލާ ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެނެއް މައްސަލައަކީ އެ ވޯޓު ފޮށީގެ ސައްހަކަމާމެދު ސުވާލު އުފައްދާ ވޯޓު ފޮށި ގުނަން ފެށުމުގެ ކުރިން ވަގުތުން ވަގުތަށް މައްސަލަ ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
އޮފިޝަލް ވިދާޅުވީ ދެވަނަ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މާދަމާގެ ވަގުތެއްގައި އެފޮށީގެ އިސްވެރިޔާގެ ބަޔާން ނަގާނެ ކަމަށެވެ.
އެދުވަހުގެ ވޯޓް ނެގުން ކުރިއަށް ދިޔައިރު 1 ނަމްބަރު ވޯޓް ފޮށި ބެހެއްޓިފައިވާ ސަރަހައްދުން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ކެނޑިޑޭޓުންގެ ނަމްބަރު ޖަހާފައިވާ ކަރުދާސް ކޮޅުތަކެއް ފެނުމުގެ ސަބަބުން އެސަރަހައްދުގައިވަނީ ހިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. އަދި ވޯޓު ފޮށި ގުނުމުގެ މަސައްކަތް ފެށުނީ އެތައް އިރެއް ވީފަހުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ އިން ވަގުތީ ނަތީޖާ އިއުލާނުކުރުމަށް އެންގުމާ ގުޅިގެންނެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެސަރަހައްދުގައި ތިބި މީހުން ނެރެ ވޯޓު ފޮށީގެ ނަތީޖާ އިއުލާނުކުރެވުނީ އެ ރޭގެ ފަތިހުގެ ވަގުތެއްގައި އެވެ.