ހުރިހާ ބެލެނިވެރިންނާއި މުދައްރިސުން ދަރިވަރުންނަށް ނަމޫނާ ދެއްކުމުގައި ސަމާލުވެލެއްވުމަށް ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަސްގެ ލެކްޗަރަރ މުހައްމަދު ހުސައިން އިލްތިމާސް ކުރައްވައިފި އެވެ.
މުހައްމަދު ހުސައިން މިކަމަށް އިލްތިމާސް ކުރެއްވީ ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީ ސްކޫލް ނިންމާ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރި ކުރައްވާ ދެއްކެވި ވާހަކައިގައެވެ. މުހައްމަދު ހުސައިން ވިދާޅުވީ ތުއްތު ކުއްޖާ ހެދި ބޮޑުވަނީ އުޅޭ މާހައުލުން ފެންނަ ކަންތައްތައް ދަސްކުރަމުން ކަމަށެވެ. އަދި މުދައްރިސުން ދަސްކޮށްދެއްވި ތަކެތީގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވި އެވެ.
މިރަސްމިއްޔާތުގައި ޔޫކޭޖީ 1 ގެ ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ދެއްވީ ޝަރަފްވެރި މެހެމާނެވެ. އަދި ޔޫކޭޖީ 2 ގެ ދަރިވަރުންނަށް ސެޓްފިކެޓް އަދި ޝޭޝް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކެމްޕަސްގެ ލެކްޗަރަރ ފާތިމަތު މުހައްމަދެވެ. އަދި ސްކޫލުން ވަކިވެގެންދާ ދެ މުދައްރިސުންނަށާއި ފާހަގަ ކޮށްލެވުނު ވަނަތައް ހޯދި ކްލާސްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒެވެ. މީގެ އިތުރުން ސްކޫލުގެ އަހަރީ ރިޕޯޓް އިއްވައި ދެއްވީ ސްޕަވައިޒަރ ސަމީމާ ހުސައިންއެވެ.
ދަސްވެނިވުމުގެ މިޖަލްސާގައި ދަރިވަރުން ވަނީ މަރުހަބާގެ ލަވައެއް ހުށަހަޅައިދީފައެވެ.
މިއަދުގެ މިރަސްމިއްޔާތުގައި 48 ދަރިވަރަކު ވަނީ ޔޫކޭޖީ ފުރިހަމަކޮށް ދަސްވެނިވެފައެވެ. މީގެ ތެރެއިން 96 އިންސައްތަ ދަރިވަރުންނަކީ ލިޔަން ކިޔަން ދަންނަ ދަރިވަރުންނެވެ.
2009 .ވަނަ އަހަރުން ފެށި މި ސްކޫލުގައި 230 ދަރިވަރަކު ވަނީ މިއަހަރު ތައުލީމް ހާސިލްކޮށްފައެވެ.