ސްކޫލް ދައުރުގައި ކިޔަވާ އެއްޗެހީގެ ބޭނުން އަމަލީ މައިދާނުގައި ކުރުމަށް ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ނަސޭހަތްތެރިވެލައްވައިފި އެވެ.
ޒިޔާދު ރަޝާދު މިހެން ވިދާޅުވީ ޖަލާލުއްދީން ސްކޫލުގެ ސާނަވީ ތައުލީމް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އެވެ. ޒިޔާދު ދެއްކެވި ވާހަކަފުޅުގައި ސްކޫލުގައި ކިޔަވައިދޭ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ފިލާވަޅާއި ގުޅޭގޮތުން އިސްލާމީ ނަޒަރަކުން އެމީހުންނަށް އިހްސާންތެރިވެ ކަމޭހިތުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
ޒިޔާދު ވިދާޅުވީ މިއަދު އެޗީވެމެންޓް ސެޓްފިކެޓް ލިބުނު ކަމުގައިވިޔަސް އަދި ނުލިބުނު ކަމުގައި ވިޔަސް ތިމާ ކުރާ ކޮންމެ ކަމެއްވެސް ﷲ އަށް އިޚްލާސްތެރިވެގެން ކުރާކަމަށްވާނަމަ ޤިޔާމަތްދުވަހުން ހާސިލްކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލްވެގެން ދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ޖަލާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ދެއްކެވި ވާހަކައިގައި، ކަނޑައެޅިފައިވާ މިންގަނޑު ހާސިލްކޮށް މިރޭ އެޗީވމެންޓް ސެޓްފިކެޓް ހާސިލްކުރި ދަރިވަރުންނަށް މަރުހަބާ ކިޔާފައި ވެއެވެ. އަދި ކޮންމެ ކުއްޖަކުވެސް ރަނގަޅާއި ނުބައި ކަނޑައެޅުމުގައި އަމިއްލަ ބުއްދި ބޭނުކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި ދަރިވަރުންގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ބެލެނިވެރިންކަން ފާހަގަކުރައްވާ ދަރިވަރުން މުޖްތަމައުގެ ތެރެއަށް ދޫކޮށްނުލުމަށް ބެލެނިވެރިންނަށް އިރުޝާދުދެއްވި އެވެ.
މިރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ގްރެޖްއޭޓް ރިބަން އަދި މެޑަލްތައް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނެވެ. ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 10 ގައި މިއަހަރު 190 ދަރިވަރަކު ވަނީ ތައުލީމް ހާސިލްކޮށްފައެވެ. އޭގެ ތެރެއިން މިރޭ ދަސްވެނިވި ކަމުގެ ލިއުން ހާސިލްވެފައިވަނީ ކަނޑައެޅިފައިވާ މިންގަނޑު ހާސިލްވި 88 ދަރިވަރުންނަށެވެ.
ދަރިވަރުންނަށް ކިޔަވައިދެއްވި މުދައްރިސެއްގެ ގޮތުން ވާހަކަދެއްކެވީ ގްރެޖްއޭޓް ޓީޗަރ އަހުމަދު ޒަކަރިއްޔާއެވެ. އަދި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ 10 އީގެ ދަރިވަރު ޚަދީޖާ އަބްދުﷲ އެވެ.
އިތުރު ފޮޓޯތައް