ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ ޕޮލިހާއި އެމްއެންޑީއެފް ހޯދައިފި އެވެ.
އޭގެ ތެރެއިން ޕޮލިސް ޓީމް ސެމީއަށް ދިޔައީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އެވެ. އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ އެމްޑީއެފްގެ ޓީމެވެ.
ޕޮލިސް ޓީމް ސެމީ އަށް ދިޔައީ ކުޅެވުނު 4 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ 12 ޕޮއިންޓާއެކު އެވެ. އެ ޓީމު 20 ލަނޑު ޖެހިއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ 7 ލަނޑެވެ.
ދެވަނަ އަށް ސެމީ އަށް ދިޔަ އެމްޑީއެފް އެއް މެޗުން ބަލިވިއިރު އެހެން މެޗުތަކުން މޮޅުވެ ލިބިފައިވަނީ 9 ޕޮއިންޓު އެވެ.
ގްރޫޕް ބީގެ ދެ މެޗު އިއްޔެ ވަނީ ކުޅެފައި އެވެ. އިއްޔެގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ އެމްއެންޑީއެފް އާއި ކުޅުދުއްފުށީ ކައުންސިލް އެވެ. މި މެޗް އެމްއެންޑީއެފް އިން ކާމިޔާބްކުރީ 10 ލަނޑު 1 ލަނޑުންނެވެ. މި މެޗްގައި އެމްއެންޑީއެފްގެ އަހުމަދު އަލީ ވަނީ 5 ލަނޑު ކާމިޔާބްކޮށްފައެވެ.
މީގެ އިތުރުން މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު އެޓީމްގެ އަބްދުﷲ ނާސިފް ވަނީ 2 ލަނޑު ޖަހާފައެވެ. އަދި އެޓީމްގެ އަބޫބަކުރު ޒަކަރިއްޔާ އާއި، އަބްދުއްރައްޒާގް މުހައްމަދު އަދި މުހައްމަދު މޫސާވެސް ވަނީ އިއްޔެގެ މެޗްގައި ލަނޑެއް ޖަހާފައެވެ. މިމެޗްގައި ކައުންސިލްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މައުރޫފް އާދަމެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު 2 ވަނަ މެޗް ކުޅުދުއްފުށި ޕޯޓްސް ލިމިޓެޑްގެ ޓީމް ކާމިޔާބުކުރީ ކަސްޓަމާއި ބައްދަލުކޮށް 4 ލަނޑު 3 ލަނޑުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕޯޓްސްގެ މުހައްމަދު ހަސަން ވަނީ 2 ލަނޑު ޖަހާފައެވެ. އަދި އެޓީމްގެ މުސްތަފާ އަލީ އާއި އަޝްރަފް މުހައްމަދު ވެސް ވަނީ ލަނޑެއް ޖަހާފައެވެ.
މި މެޗްގައި ކަސްޓަމްސްގެ 2 ލަނޑެއް އެޓީމްގެ އަހުމަދު މުހައްމަދު ވަނީ ކާމިޔާބްކޮށްދީފައެވެ. އަދި އެޓީމްގެ އަނެއް ލަނޑު ކާމިޔާބްކޮށްފައިވަނީ މެޗްގެ ފުރަތަމަ މިނެޓްގައި އަލީ އާދަމެވެ.
މިމުބާރާތުގައި މިއަދުވެސް 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ދިރާގާއި އަތޮޅު ކައުންސިލެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ އޭއީސީ އާއި އެސްޓީއޯ އާރސީ އެވެ.
ގްރޫޕް އޭ ގެ އެންމެ ކުރީގައި މިވަގުތު އޮތީ އެސްޓީއޯގެ ޓީމާއި ހޮސްޕިޓަލުގެ ޓީމެވެ.