ކުޅުދުއްފުށީ ކޮޑި ފިހާރަ ފަޅާލާ އެތަނުގައި ހުރި ލެޕްޓޮޕަކާއި ފައިސާތަކެއް ވަގަށް ގެންގޮސްފި އެވެ.
ކޮޑި ފިހާރައިގެ ވެރިފަރާތުން ބުނީ އެ ފިހާރައިން ވައްކަން ކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ. އަދި ވަގަށް ގެންދިޔަ ކަން މިހާތަނަށް އެނގިފައިވަނީ އެ ފިހާރައިގައި ހުރި ލެޕްޓޮޕަކާއި ދެ ކޭޝް ކައުންޓަރެއްގައި ހުރި ފައިސާ ތަކެއްކަމަށެވެ.
ކޮޑި ފިހާރައިގެ ވެރިޔާ މުހައްމަދު ބުނިގޮތުގައި އެ ފިހާރަ ފަޅާލާފައިވަނީ ފިހާރައިގެ އިރުމަތީ މަގުގެ ފާރުމަތިން އަރައި ފިހާރައިގެ ފަހަތުން ވަދެވޭގޮތަށް ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނެވެ.
“އެ ބޭރު ދޮރުގައި އިންނާނެ ދެ ތަޅު. އެލުވޭ ގޮތަށް މިހުންނަ ވައްތަރުގެ ދެ ތަޅު. އެ ދެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އަދި އެތެރެއިން އިންނާނެ އެހެން ދޮރެއް. އެ ދޮރު ތަޅު ހަލާކުނުކޮށްލެވުނީމަ އެދޮރުފަތް ފަޅާލައިގެން އެތެރެއަށް ވަދެފަ އެހުރީ” މުހައްމަދު ބުންޏެވެ. “އެވަގުތަކީ އިޝާ ނަމާދު ވަގުތުކަމަށް މި ބެލެވެނީ. އަޅުގަނޑުގެ ދަރިފުޅު ގެންގުޅޭ ލެޕްޓޮޕަކާއި ދަރިފުޅާ އަޅުގަނޑުގެ ކޭޝް ކައުންޓަރަށް އެމީހުން ޓާގެޓް ކޮށްފަ އެހުރީ”
މުހައްމަދު ބުނީ އެ ފިހާރައިން ވައްކަން ކޮށްފަ ހުރީ ވަރަށް ބޮޑަށް ރާވައިގެން ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެފިހާރަ ބަލަހައްޓަން ހުންނަ ބިދޭސީ މީހާ ނިދަން ފިހާރަ ހުންނަ ގޯތި ތެރޭގައި ހުންނަ ބައިގެ ދޮރު ބޭރުން ތަޅުލާފައި ހުރި ކަމަށް އޭނާ ބުންޏެވެ. އެވަގުތު އެމީހާއޮތީ އެކޮޓަރި ތެރޭގައި ނިދާފައި ކަމަށާއި ވައްކަން ކުރިކަން އެނގުނީ އޭނާ ހޭލުމަށް ފަހު ކޮޓަރިން ނުނިކުމެވިގެން ފިހާރައިގެ ވެރިފަރާތަށް ގުޅުމުން ކަމަށެވެ.
“ފިހާރަ މި އޮންނަނީ ވަރަށް ބޮޑަށް ދިއްލާފަ އަލި ކޮށްފަ. އަނެއްކާ މައި މަގަކަށް މިހުރީ. ދެން މިހުރި ގޯޅިއަކީ އަބަދު މީހުން ނިކުމެވާ ރެސްޓޯރެންޓެއް ހުރި ގޯޅިއެއް. އެމީހުން ވަރަށް ބޮޑަށް ރާވައިގެން މިތަނަށް ވަދެފަ އެހުރީ. ފުލުހުން އައިސް ބެލިއިރު ފިންގަ ޕްރިންޓެއްވެސް ނެތް ފެންނާކަށް.” ކޮޑި މުހައްމަދު ބުންޏެވެ.
ކޮޑި ފިހާރައިން ބުނީ އެ ފިހާރައިން ގެއްލުނު ތަކެތީގެ ޖުމްލަ ހިސާބު އަދި ނޭގޭ ކަމަށާއި މިހާރު ފިހާރައިން ގެއްލުނު ތަކެއްކަޗީ ކޮބައިތޯ ބަލަމުން އަންނަކަމަށެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ބަހެއް ވަނީ ލިބޭގޮތް ނުވެފައި އެވެ. ކޮޑި ފިހާރަ މީގެ ކުރިންވެސް ވަނީ ދެފަހަރެއްގެ މަތިން ފަޅާލާ ވައްކަން ކޮށްފައި އެވެ.